އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބާސެލޯނާ ދޫކޮށްލި ފަހުން އެޓީމުން ކުޅުނު ފުރަތަމަ ވާދަވެރިކަމުގެ މެޗުގައި ރޭ ރެއާލް ސޮސިއެދާދު ބަލިކޮށްފިއެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލަލީގާގެ މެޗަކީ މެސީއާ ނުލައި ބާސާއިން އާރާސްތަކުރުމަށް ގަސްދުކުރާ ޓީމުގެ ފުރަތަމަ ފެނިލުމެވެ. ބާސާއަށް ފައިސާގެ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާއިރު، ކުޅުންތެރިންގެ މުސާރަތައް ކުޑަކޮށްގެންވެސް ކްލަބުގެ ހިންގުން ހިފެހެއްޓުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިން ކަމަށްވާ ޖެރާޑު ޕީކޭ އާއި ސާޖިއޯ ބުސްކަޓްސްގެ އިތުރުން ޖޯޑީ އަލްބާ އާއި ސާޖިއޯ ރޮބާޓޯވެސް ވަނީ މުސާރަތައް ކުޑަކުރަން މަޝްވަރާ ކޮށްފައެވެ. އޭގެ ތެރެއިން ޕީކޭގެ މުސާރަ ކުޑަކޮށް ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް ވަނީ އެހީވެދީފައެވެ.
ރޭގެ މެޗަށް ބާސާ ނުކުތްއިރު، 21 އަހަރު އެ ކްލަބުގައި ހޭދަކުރުމަށްފަހު ޕީއެސްޖީއަށް ސޮއިކޮށްފައިވާ މެސީގެ ހަނދާންތައް ސަޕޯޓަރުންގެ ހިތްތަކުން އަދި ފިލައިގެން ގޮސްފައެއް ނުވެއެވެ. ދަނޑަށް ވަދެފައިވާ 22،000 ސަޕޯޓަރުން ތިބީ މެސީ ޖާޒީގައެވެ. މެޗުގެ 10 ވަނަ މިނެޓުގައި މެސީއަށް ހާއްސަކޮށް ޗޭންޓް ކޮށްފައިވެއެވެ.
ރޭގެ މެޗުގައި ބާސާގެ ޑެންމާކު ފޯވަޑް މާޓިން ބްރައިތުވެއިޓު ދެ ގޯލް ޖަހައިފައިވާއިރު، އޭނާ ވެފައި ވަނީ ސްޕެނިޝް ލީގުގެ މެޗެއްގައި ދެ ގޯލް ޖެހި ޑެންމާކުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ބްރައިތުވެއިޓުގެ އިތުރުން ބާސާގެ ގޯލްތައް ޖަހައިދިނީ ޖެރާޑު ޕީކޭ އާއި ސާޖިއޯ ރޮބާޓޯއެވެ. ސޮސިއެދާދުގެ ގޯލްތައް ޖަހައިދިނީ މިކެލް އޮޔަރުޒަބަލް އާއި ލޮބެޓޭއެވެ.
ރޭގެ މެޗުގައި މި ސީޒަނަށް ބާސާއާ ގުޅުނު މެމްފިސް ޑިޕޭގެ ހުނަރު ފެނިގެން ގޮސްފައިވާއިރު، އޭނާ ވަނީ ޕީކޭގެ ގޯލަށް އެސިސްޓް ކޮށްދީފައެވެ.
ލާލީގާގައި ރޭ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން އެޓީމު މޮޅުވީ 2-1 އިންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު