ކޮވިޑް-19 ގެ ބަލިމަޑުކަމަކ،ީ ސިއްހީ އިޖުތިމާއީ އަދި އިގުތިސޯދީ އެތައް ގެއްލުމެއް މުޅި ދުނިޔެއަށް ކުރިމަތިކުރުވަމުންދާ ކާރިސާ އެކެވެ. ކުރީން ސިއްހަތު ރަނގަޅަށް ތިބި އެކި އުމުރުފުރައިގެ މީހުންވެސް ދަނީ މިބަލީގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލަމުންނެވެ.
މި ބަލީން ސަލާމާތް ވުމުގެ އުންމީދު ބޮޑީ ރައްކާތެރި އަދި ރަނގަޅު ވެކްސިނެއް ޖެހުމުންނެވެ. އެންމެ ފުރަތަމަ ވެކްސިން ޖެހުން އެންމެ މުހިންމު މީހުންގެ ތެރޭގައ،ި ސިއްހީ ހިދުމަތްތެރިންނާއި މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުން ކަމުގައިވާ އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތައް ތަހައްމަލު ކުރާ މީހުން ހިމެނެއެވެ.
ރާއްޖޭގައި ސިނޮފާމް، ކޮވިޝީލްޑް، އެސްޓްރަޒެނެކާ އަދި ފައިޒާ ވެކްސިން ޖަހަމުން އަންނަިރު މީގެ ތެރެއިން ބައެއް ވެކްސިން ޖެހުމުން އެލާޖިކް ވާ ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި މިއީ ވެކްސިން ޖެހުމުން ދިމާވެދާނެ ކަންކަން ކަމުގައިވެސް ސިއްހީ ހިދުމަތްތެރިން ދިޔައީ ބުނަމުންނެވެ. އަދި ސީރިއަސް ކަމެއް ވާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށްވެސް އެ ބޭފުޅުން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
ވެކްސިން ނުޖަހާ މީހުންނަށް ވަޒީފާގެ މާހައުލުގައި އުޅުމަށް ދަތިތަކެއް އެބަހުއްޓެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓުތަކާއި ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކަށް ވަދެ ނިކުމެ އުޅުމަށް ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ދަތިވާނެ އެވެ. މިއީ ބަޔަކަށް ތަފާތު ކުރުމުގެ ގޮތުން ނުވަތަ އުނދަގޫ ކުރިމަތިކުރުވަން ނިންމާފައިވާ ނިންމުމެއް ނޫނެވެ.
މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި މުހިންމު ފިޔަވަޅެކެވެ.
މިކަމުގެ ސަބަބުން މިހާރު އެންމެ ބޮޑަށް ބަހުސް ކުރެވެނީ ސިއްހީ މައްސަލައެއްގެ ސަބަބުން ވެކްސިން ނުޖެހޭ މީހުންގެ ޝަކުވާގެ ބަހުސެވެ. ބައެއް މީހުންނަކީ އެއްވެސް ކަހަލަ ބޭހެއް ނުވަތަ އިންޖެކްޝަނެއް ނުވަތަ ވެކްސިނެއްވެސް ނުޖެހޭ ހާލަތުގައި ތިބި މީހުންނެވެ. މިފަދަ މީހުންނަށް ވެކްސިން ނުޖެހޭ ނަމަ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުން އެކަމަށްވެސް ހައްލު ލިބުނީ އެވެ. ނަމަވެސް ކަމާ ގުޅޭ އިދާރާތަކުން އެންމެ ބޮޑަށް އިލްތިމާސްކުރަނީ އެކަމަށް ރަނގަޅު ޑޮކްޓަރަކަށް ދެއްކުމަށްފަހު ބަލިން ސަލާމަތް ވުމަށް ޖެހޭނީ ކޮންވެކްސިނެއްތޯ ބެލުމަށެވެ. އަމިއްލަ އަށް ގޮތެއް ނުނިންމުމަށެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަހުން ދިމާވި މައްސަލަތަކާ ގުޅޭ ޝަކުވާވެސް ބައެއް މީހުން ކުރެ އެވެ.
"ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާ އަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަހުން ބައެއް ކަހަލަ ކާތަކެއްޗަށް އެލާޖިކް ވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން ޑޮކްޓަރަށް ދެއްކުމުން ވަރަށް ގިނަ ޓެސްޓުތަކެއް ކުރި ކަމަށާއި ނަމަވެސް ވަކި އިތުރުކަމެއް ފާހަގަ ނުވާ ކަމަށެވެ. އެހެންކަމުން އެ ކާބޯތަކެތި ނުދިނުމަށް ޑޮކްޓަރު އިލްތިމާސްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ތަކެއްޗަކީ ކޮންމެ ދުވަހަކު ކެއުމުގައި ހިމަނަން ޖެހޭ އެއްޗިހި ކަމަށް ބުންޏެވެ.
މިކަމާ ގުޅިގެން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް އެފަދަ މައްސަލައެއް ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މިފަދަ ކަމެއް ފާހަގަ ވެފައި ވާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފަ އެވެ. އަދި ދެވަނަ ޑޯޒަށް ޖެހޭނީ ކޮން ވެކްސިނެއްތޯ ޑޮކްޓަރުންގެ ލަފަޔާއެކު ނިންމިދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ތިންލައްކަ ހަތަރުހާހަށްވުރެ ގިނަ މީހުން މިހާރު ވެކްސިން ޖަހާފައިވާއިރު ބަލި ޖެހޭ މިންވަރުވެސް މިހާރު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފަ އެވެ. ވެކްސިނަކީ މިފަދަ ނުރައްކާތެރި ވައިރަހަކުން ރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެކެވެ.
ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި މިހާރު 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަ ކުދިންނަށް ވެސް ވެކްސިން ޖަހަން ފަށާފައިވާއިރު ސެޕްޓެމްބަރު މަސް ނިމޭއިރު މުޅި އާބާދީ އަށް ވެކްސިންދީ ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ. ނަމަވެސް މަދު ބަޔަކު ވެކްސިން ނުޖަހައި ތިބުމުން އެ މީހުން ވެކްސިން ނުޖަހަނީ ކީއްވެތޯ ބަލައި ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެޗްޕީއޭ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ވެކްސިން ޖެހުމަށް ދިގު ކިޔޫއެއް ހަދަން ޖެހުނަސް ކަމާ ގުޅޭ އިދާރާތަކުން މިހާރު ވަނީ އެކަމަށް ހައްލު ހޯދައިފަ އެވެ. އެގޮތުން އެމީހަކަށް ފަސޭހަ ގަޑިއަކަށް ދުރާލައި އެޕޮއިންޓްމަންޓް ހަދައިގެން ވެކްސިން ޖެހޭނެ ގޮތް ވަނީ ފަހިކޮށްފަ އެވެ.
ރާއްޖޭގައި ކުޑަކުދީންނަށް ވެކްސިން ޖަހަން ފަށާފައިވާއިރު އިއްޔެ އެކަނިވެސް ގިނަ އަދަދެއްގެ ކުދީން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފަ އެވެ. ކުޑަކުދީންނަށް ޖެހުމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ހުއްދަ ދީފައިވަނީ ހަމައެކަނި ފައިޒާ ވެކްސިނަށެވެ.
މީގެ އިތުރުންވެސް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި އުމުރުން ފަސް އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ވެކްސިން ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމްވެސް ވަނީ ވިދާޅުވެފަ އެވެ. އެހެން ކަމުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ މުހިންމު ކަމެކެވެ. އަދި މިއީ މުޅި ރާއްޖެއަށް ކޮވިޑު ފެތުރުން ހުއްޓުވިދާނެ ކަމެކެވެ.
އެއްވެސް ކަހަލަ ސަބަބަކާ ހެދި ވެކްސިން ނުޖެހޭނެ ކަމަށް ހީވާ ނަމަ، ނުވަތަ އެލާޖިކް ވުން ފަދަ ކަމެއް ފާހަގަވާ ނަމަ، ނުވަތަ ހިޔާލު ތަފާތުވުމެއް އޮތް ނަމަވެސް، އަމިއްލައަށް ގޮތް ނުނިންމައި ސިއްހީ މާހިރުންގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. އެއީ ތިމާއާއި ތިމާގެ އާއިލާ އަދި މުޖުތަމައުގެ ރައްކާތެރިކަން ވެސް ކަށަވަރު ކުރެވޭނެ ގޮތަކީ އެއީ ކަމަށް ވާތީ އެވެ. ގަބޫލު ކުރާން ޖެހީ ހަގީގަތަކީ އަޅުގަނޑުމެންގެ ދަރީންނަށް ކުޑައިރުއްސުރެ މިދޭ އެހެން ވެސް ވެކްސިން ތަކެކޭ އެއްފަދައިން ކޮވިޑް ވެކްސިން ގައިވެސް ސައިޑް އިފެކްޓްސް ހުންނާނެ ކަމެވެ. އެހެން ނަމަވެސް ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ދާއިމަށް ކަށަވަރުކުރުމަށް ޓަކައި އެހެން ވެކްސިންތައް ވެސް ޖަހާ ފައިން މި ވެކްސިން ވެސް ޖަހާން ޖެހޭ ކަމެވެ. އަދި ބޮޑެތި މީހުންނަށް ހާއްސަ ވެކްސިންތައް އެމީހުންވެސް ޖަހާން ޖެހޭނެ ކަމެވެ. ވައިރަލްކޮށް ފެތުރޭ މި ފަދަ ބަލިތައް މުޖުތަމައު ތެރޭގައި ގިނަ ދުވަސްތަކަކަށް ދެމިގެން ދާނެ އެވެ. އެހެން ކަމުން ބަލި ޖެހޭނީ ކޮން އިރަކު ކާކަށް ކަމެއް ނޭނގެ އެވެ. ބަލީން ބޮޑުވަރު ނުވެ ސަލާމަތް ވުމުގެ ފުރުސަތު ބޮޑީ ވެކްސިން ފުރިހަމަ ކުރުމުން ކަން މިހާރުގެ ތަފާސް ހިސާބު ތަކުންނާއި ރާއްޖޭގެ ހާލަތުން މި އޮތީ ސާފުކޮށް ފެންނާށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް