އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އާ ސީޒަންގައި ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ.
ސިޓީން ސީޒަންގައި ކުޅުނު ފުރަތަމަ މެޗަކީ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ކޮމިއުނިޓީޝީލްޑް މެޗެވެ. އެ މެޗުންވެސް ސިޓީ ވަނީ ބަލިވެފައެވެ. ރޭ ޓޮޓެންހަމްއާ ދެކޮޅަށް އެޓީމުގެ ދަނޑުގައި ކުޅުނު މެޗަކީ މި ސީޒަންގެ ލީގުގައި ސިޓީއާއި ޓޮޓެންހަމްވެސް ކުޅުނު ފުރަތަމަ މެޗެވެ. މެޗުން ޓޮޓެންހަމް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލަކީ ހިއުން މިއުން ސޮންގެ ހިތްގައިމު ގޯލެކެވެ.
ރޭގެ މެޗަށް ޓޮޓެންހަމްގެ ތަރި ހެރީ ކޭން ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. ޓޮޓެންހަމް ދޫކޮށްލަން ބޭނުންވެ، ކޭން އަމިއްލައަށް ކްލަބުގައި އެދިފައިވާއިރު، ޓްރާންސްފާއަށް ފުރުސަތު ފަހި ކުރުމަށް ކޭންގެ ޗުއްޓީ ދިގު ދަންމާލައި ފަރިތަކުރުންތަކަށް ނުނިކުމެ ދުވަސްތަކަކު ހުރެފައިވެސް ވެއެވެ. އެހެންނަމަވެސް އަދިވެސް ޓޮޓެންހަމްގެ ބޯޑުން ބުނަމުން އަންނަނީ ކޭން ދޫނުކުރާނެ ކަމަށެވެ. ކޭން ގެންދަން 150 މިލިއަން ޕައުންޑު ހުށަހަޅަން ސިޓީން އަންނަނީ ތައްޔާރުވެސް ވަމުންނެވެ.
ސިޓީގެ ފުރަތަމަ 11 އަށް ބަލާއިރު، އެޓީމަށް 100 މިލިއަން ޕައުންޑުގެ އަގަކަށް ގެންދިޔަ ޖެކް ގްރީލިޝް ރޭގެ މެޗު ފަށާފައިވާއިރު، ކެވިން ޑިބްރޭނާ އާއި ޒިންޗެންކޯ އަދި ގެބްރިއަލް ޖީސަސް އެރީ ބެންޗުންނެވެ. އެއްވެސް ގޮތަކަށް ޕެޕް ގާޑިއޯލާ ބޭނުން ނުކުރާ ކުޅުންތެރިންގެ ތެރޭގައި ރޮޑްރީ އާއި ކައިލް ވޯކާ އަދި ޖޯން ސްޓޯންސް ހިމެނެއެވެ.
ޓޮޓެންހަމްގެ އާ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯގެ ޓީމުން ރޭގެ މެޗުގައި ފެނުނީ ސިޓީއަށްވުރެ މާ ބޮޑަށްވެސް ނުރައްކާ ކޮށެވެ. ސިޓީގެ އެޓޭކުތައް ގިނަ ނަމަވެސް ސިޓީގެ އެޓޭކުތައް ފެނުނީ ގިނައިން ބޭކާރުވެގެން ދިޔަތަނެވެ. ހާއްސަކޮށް ކުރިއަށް ކުޅުނު ކުޅުންތެރިންގެ ކޮމްބިނޭޝަން ފެނުނީ ދަށްކޮށެވެ.
ޓޮޓެންހަމްއިން ކައުންޓާގައި ބޮޑަށް ނުރައްކާ ކޮށްފައިވާއިރު، އެޓީމުން ގޯލް ޖެހީ ދެވަނަ ހާފުގެ 10 ވަރަކަށް މިނެޓު ހިނގާފައި ވަނިކޮށެވެ. އޭރިއާ ބޭރުން ސޮން، ގޯލްގެ ކަނަށް އަމާޒުކޮށް އަނބުރާލި ބޯޅައަށް އެޑަސަން މަސައްކަތް ކުރި ނަމަވެސް އަތުގައި ޖެހޭ ގޮތެއް ނުވިއެވެ. ސޮންގެ ގޯލާއެކު ދަނޑަށް ވަދެތިބި 50،000 ސަޕޯޓަރުންގެ އަޑު ގުގުމާލިއެވެ. އެ ސަޕޯޓަރުން ވަނީ ފަހުން ކޭންއަށް އަމާޒުކޮށް ޗޭންޓް ކޮށްފައެވެ. ސަޕޯޓަރުން ޗޭންޓް ކޮށްފައި ވަނީ "އާ ޔޫ ވޮޗިން ހެރީ ކޭން؟" މިހެންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު