ދިރާސާތަކަށް ބަލައި ފަސް އަހަރުން މަތީގެ އާބާދީއަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ވެކްސިން ޖެހޭނެ ގޮތް މެދުވެރިވުން އެއީ ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރު މިހެން ވިދާޅުވީ އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ވެކްސިން ޖެހުމަށް މިއަދު ފެށި ޕްރޮގްރާމް ބައްލަވައިލެއްވުމަށް އެތަނަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ އުމުރުން 12 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ޖެހޭނެ ވެކްސިނަކާ ގުޅޭ ގޮތުން އެމެރިކާއިން ދިރާސާއެއް ކުރަމުން އަންނަ ކަމަށާއި އެ ދިރާސާގެ ނަތީޖާ މިމަހު ފަހު ކޮޅު ލިބޭނެ ކަމަށެވެ. އަދި މި ނަތީޖާ ލިބުމުން އުއްމީދު ކުރައްވަނީ ކުރިއަށް އޮތް މަހެއްހައި ދުވަސް ތެރޭ ފަސް އަހަރުން މަތީގެ އާބާދީ އަށް ވެކްސިން ދޭން ފެށުން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ވެފައިވާ މިންވަރު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށާއި އަދި މުޅި އާބާދީ އަށް ވެކްސިން ޖެހުމުން ބަލި އެއްކޮށް ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން މިއަދު ވެކްސިން ޖަހަން ފަށާފައިވާއިރު މިނިސްޓަރު ވިދާޅުވީ މިއަދު 700 އެއްހާ ދަރިވަރުންނަކަށް ވެކްސިން ޖެހޭނެ ކަމަށެވެ.

މާލެ ސަރަހައްދާއެކު ރާއްޖޭގައި ގާތްގަނޑަކަށް 35،000އެއްހާ ކުދިން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މި މަސް ނިމުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.