އެމްޑީޕީ އެތެރޭގެ "ކޯޅުންގަނޑު" ދުވަހެއް ދުވަހަކަށް އިތުރުވެ، ކުރެވޭ ބަހުސްތައްވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެއް ގަލުން ފައިބައިވަޑައިގެން، ދެ ގަލަކަށް އަރާވަޑައިގެންނެވި ހިސާބުން ބަހުސަކަށްފަހު ބަހުސެއް ކުރެވެއެވެ. މިފަހަރު މިއޮތީ އަނެއްކާވެސް އާ ބަހުސެއް ފެށިފައެވެ. މި ފަހަރު މެޖޯރިޓީގެ ބަހުސެވެ.
މިދިޔަ ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވަނީ މެޖޯރިޓީގެ ބަހުސްގެ "ހެޑްލައިން" އަޅުއްވައިދެއްވައިފައެވެ. ރައީސް ވަނީ މަޖިލީހާއި އެމްޑީޕީގެ މެޖޯރިޓީވެސް ރައީސަށް އޮތް ކަމަށް ފާޅުގައި ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވަނީ 2008 އިން ފެށިގެން މިހާތަނަށް ކޮންމެ ސަރުކާރަކުން ވެސް ވެރިކަން ކުރީ އެ އުނދަގޫތަކާއެކު ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ފުރަތަމަ ތިން އަހަރުގެ ވެރިކަމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ފަހުކޮޅު ވެސް އެ ދަތިތައް ކުރިމަތިވެވަޑައިގެންނެވި ކަމަށާއި އެހެންކަމުން އެމަނިކުފާނަށް މަޖިލިސް މެޖޯރިޓީ ވަރަށްވެސް މުހިންމު ކަމަށް ވަނީ ވިދާޅުވެފައެވެ.
"ވަރަށް ބޮޑެތި ގޮންޖެހުންތައް (ޔާމީނަށް) ކުރިމަތިވެވަޑައިގެންނެވި. ވަޑައިގަންނަވަން ޖެހުނީ މުޅިން އެހެން މަގަކުން ދެން. އެހެންވީމާ އަޅުގަނޑު ވެރިކަމުގައި ހުންނައިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މި ހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސްގެ މި ވާހަކަފުޅު ވެގެން ދިޔައީ އަނެއްކާވެސް "ކޯލިޝަންގެ" ބަހުސް އެއް ފަރާތް ކުރުމަށްފަހު، މެޖޯރިޓީގެ ބަހުސަށް ހުޅުވިގެންދިޔަ ދޮރަކަށެވެ. އެއާއެކު އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަނުން ރައީސްގެ ވާހަކަފުޅަށް ހޫނު ރައްދުތަކެއް ވަނީ ދީފައެވެ.
ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު، އަދި ރައީސް ނަޝީދުގެ ދިފާއުގައި ވާހަކަދައްކަވަމުން އަންނަ، އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ އެކަމާ ގުޅިގެން ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ހުރިހާ ބާރެއް އޮންނާނީ ރައްޔިތުންގެ އަތުގައި ކަމަށާއި އެމްޑީޕީގެ ބާރުވެސް އޮންނާނީ އެޕާޓީގެ މެންބަރުންގެ އަތުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އިބްރާހިމް މުހައްމަދު ސޯލިހު އެ ވިދާޅުވަނީ ތިމަންނައަށޭ އެމްޑީޕީގެ މެޖޯރިޓީ އޮތީ. ތިމަންނައަށޭ މަޖިލިސް މެޖޯރިޓީ އޮތީ. ތިމަންނަ އަށޭ ގައުމުގެ ހުރިހާ ބާރެއް އޮތީ. ކައިރީގައި ތިބޭ ނުރަނގަޅު އެޑްވައިޒަރުން އެކަހަލަ ކޮންފިޑެންސެއް ދިނީމަ، އެކަހަލަ އެއްޗެހި (ރައީސަށް) ބުނެވޭނެ. އެއީއެއް ނޫން ހަގީގަތަކީ އެކަމުގެ. ރައްޔިތުންގެ ހުރިހާ ބާރެއް އޮންނާނީ ރައްޔިތުންގެ އަތް މަތީގައި. އެމްޑީޕީގެ އަތްމަތީގައި، އެމްޑީޕީން އެކަން ޑިސައިޑް ކުރާނީ،" ބޮންޑޭ ވިދާޅުވެފައިވެއެވެ.
ބޮންޑޭގެ އިތުރުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް ވަނީ ރައީސް ސޯލިހަށް އެއްވެސް ބާރެއްނެ ތް ކަމަށާއި އެމަނިކުފާނަށް މަޖިލިސް މެޖޯރިޓީވެސް ނެތް ކަމަށް ވިދާޅުވެފައެވެ. ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުވެސް ވަނީ އެކަމާ ގުޅިގެން ރައީސަށް ފާޑުވިދާޅުވެފައެވެ.
މެޖޯރިޓީގެ ބަހުސް އެންމެ ފުރަތަމަ ފެށިގެން ދިޔަ އެއް ހިސާބަކީ މަޖިލިސް ރައީސް ކަމުގެ މަގާމަށް ދެ ނަމެއް އައި ހިސާބެވެ. އެއީ ފެކްޝަން ވާހަކައިގެ ފެށުމެވެ. މަޖިލިސް ރައީސް ކަން ދޭން ރައީސް ނަޝީދު ބޭނުންފުޅުވި ނަމާ ރައީސް ސޯލިހު ބޭނުންފުޅުވީ ނަން ދިމާ ނުވީ އެވެ. ދެ ފެކްޝަނެއް އެމްޑީޕީގައި އުފެދި، މެޖޯރިޓީ ވަކި ކޮޅަކަށް ނުނިންމި، ނަޝީދުގެ ނަން ކުރިއަށް ނެރުއްވައި މައްސަލަ އެހާ ހިސާބުން "ހިހޫ" ކޮށްލީއެވެ. އެންމެ ފަހު ވަގުތު ރައީސް ނަޝީދަށް އައި "އެންމެ ގާތް އެކުވެރިޔާ" ގެ ފޯނު ކޯލަކުން އަމިއްލަފުޅަށް މަޖިލިސް ރައީސް ކަމާ ހަވާލުވަޑައިގެންނެވީ އެވެ. ބުނެވޭ ގޮތުގައި އެ ފަހަރު ވެސް ސާފުކޮށް މައްސަލަ އޮތީ ރައީސް ސޯލިހުގެ ކޮޅަށް ފަހިކޮށެވެ. "ވިން" ވާން އޮތީ ރައީސް ސޯލިހުގެ ކެންޑިޑޭޓެވެ.
އެ ކަން އެހާ ހިސާބުން ނިމިގެނެއް ނުދިޔައެވެ. އޭގެ ފަހުން އަނެއްކާވެސް މެޖޯރިޓީގެ ވާހަކަތައް ދެކެވެން ފެށީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ފެށި ހިސާބެވެ. އެކަމުގައި އެންމެ އިސްކޮށް އޭރު އުޅުއްވީ ރައީސް ނަޝީދެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީގެ ވާހަކަ އެފަހަރު ވަރަށް ބޮޑަށް ފެންމަތިވެގެންދިޔައެވެ.
ނަމަވެސް އެ މައްސަލަ ނިމިގެން ދިޔައީ ރައީސް ނަޝީދަށް "ކޮޅެއްގައި" ނުޖެއްސެވިއެވެ. ސަބަބަކަށް ވެގެންދިޔައީ މެޖޯރިޓީއެވެ. އެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމަނިކުފާނަށް އެފަހަރު ލިބިވަޑައިގެންނެވީ 24 މެންބަރުންގެ ސޮއެވެ. ބައެއް މެންބަރުން ވަނީ ފަހުން ސޮއި އަނބުރާ ނަންގަވާފައެވެ.
ފައްޔާޒު އަކީ ރައީސް ސޯލިހުގެ މިހާރުގެ "ކަނާ އަތް" ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެހެންވެ އެ މައްސަލަ މަޖިލީހަށް ވައްދަން ރައީސްގެ ތާއީދެއް ވެސް ނުލިބުނެވެ. ފައްޔާޒްގެ "ނޯ ކޮންފިޑެންސް" ނެގިޔަ ނުދޭން، ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ނަމަވެސް އެކަމުން ކުރި ފެޅީ އެހެން ވާހަކަ އެކެވެ. އަނެއްކާވެސް ހަމަ މެޖޯރިޓީގެ ވާހަކައެވެ. 65 މަޖިލިސް މެންބަރުންނާއެކު ސުޕަ މެޖޯރިޓީ އޮތް މަޖިލީހަކުން ނަޝީދަށް 25 ސޮއި ވެސް ނުލިބުން ވެގެން ދިޔައީ ރައީސް ސޯލިހަށް މަޖިލިސް މެޖޯރިޓީ އޮތް ކަމަށް ގިނަ ބަޔަކަށް ސާފުކޮށް ފެނި ގަބޫލު ކުރެވެން ފެށި ހިސާބަށެވެ.
"ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އިސްކޮށް އުޅުއްވީ ރައީސް ނަޝީދު. ރައީސް ނަޝީދު ވަނީ ބައެއް މެންބަރުންނަށް ގުޅުއްވައި އެ ލިޔުމުގައި ސޮއި ކުރަން އެދިވަޑައިގެންފަ. ނަމަވެސް ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަކަށް އެކަމެއް ނުވި. ރައީސް ސޯލިހަށް ތާއިދު ކުރާ ގިނަ މެންބަރުން އޭގައި ސޮއެއް ނުކުރެއްވި. ރައީސްގެ ބާރު މަޖިލީހުގައި ގަދަ ކަމަށް ބުނެވިދާނެ،" އެމްޑީޕީގެ މަޖިލިސް މެންބަރަކު "ވަން" އަށް ވިދާޅުވިއެވެ.
ނަމަވެސް އެކަމުން ސާފު ނުވާ ކަމަކީ މަޖިލިސް މެޖޯރިޓީ އަސްލުވެސް ރައީސްގެ އަތްޕުޅުގައި އޮތް ކަމެވެ. ފައްޔާޒަކީ އެމްޑީޕީގެ އިސް ބޭފުޅަކަށް ވުމުން އޭނާގެ އަރިސް މެންބަރުން ތިއްބަވާނެކަން ޔަގީން ކަމަށާއި ނަޝީދުގެ އަރިސް މެންބަރުންގެ ތެރޭގައިވެސް ފައްޔާޒުގެ ގާތް ބޭފުޅުން ހިމެނިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވިއެވެ. އެހެންވެ އެއީ ސީދާ ރައީސް ސޯލިހަށް މަޖިލިސް މެޖޯރިޓީ އޮތް ކަމަށް ގަބޫލު ކުރެވޭނެ ހާލަތެއް ނޫން ކަމަށްވެސް އެ މެންބަރު ވިދާޅުވިއެވެ.
ދެން އޮތީ ނަފުރަތުގެ ބިލާއި އެ ނޫންވެސް މަޖިލީހުގައި ކުރާ ބައެއް ކަހަލަ މަސައްކަތުގެ ވާހަކަތަކެވެ. މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި 65 ގެ ތެރެއިން ސާފު ބޮޑު މެޖޯރިޓީއެއް ރައީސް ސޯލިހު މިހާރު އޮތީ ހޯއްދަވައިފަ އެވެ. މަޖިލީހުގެ ބަހުސް ތަކާއި ބައެއް ބިލްތަކުގެ ކަންކަން ދާ ގޮތުން އެހެން ހީވާނެ ފުރުސަތު ބޮޑެވެ. އެހެން ނަމަވެސް ސާފުކޮށް ޑިސައިޑް ކޮށްލެވޭނެ ފަހުގެ ޓެސްޓެއް ކޮށްލުން އެއީ މުހިންމު ކަމަކަށް އޮތީ ވެފަ އެވެ. އަސްލު ފަރަގާއި އަސްލު ލައިން ޑްރޯ ވެފައި އޮތް ގޮތް ފެންނާނީ އޭރުންނެވެ.
މަޖިލިސް މެޖޯރިޓީގެ އިތުރުން ދެން އޮތީ އެމްޑީޕީގެ މެޖޯރިޓީގެ ބަހުސެވެ. ޕާޓީގެ އެންމެ އިސް ދެ ލީޑަރުން ދެ ފަޅިއަކަށް އެރުމުން ޕާޓީވެސް މިވަނީ ދެފަޅިވެފައެވެ. އެކަމުގައި ޝައްކެއް ނެތެވެ. އެހެންކަމުން އެމްޑީޕީގެ މެޖޯރިޓީއާ މެދުވެސް މިވަނީ ސުވާލު އުފެދިފައެވެ. ރައީސް ސޯލިހު ވަނީ އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށް ވިދާޅުވެފައެވެ. ޕާޓީގެ އަސާސީ ގަވައިދު ވެސް ބުނަނީ އެހެންނެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން އެކަމާ ދެކޮޅެވެ.
އެމްޑީޕީގެ "ބައްޕަ" އަކީ ރައީސް ނަޝީދު ކަމަށް އެއް ބަޔަކު ގަބޫލު ކުރެއެވެ. އަދި މިވަގުތުވެސް އެމްޑީޕީގެ ގްރާސްރޫޓްގެ ތާއީދު އޮތް ބޭފުޅަކީ ރައީސް ނަޝީދު ކަމަށް އެއް ބަޔަކު ގަބޫލު ކުރެއެވެ. އެހެންކަމުން މެޖޯރިޓީއާ މެދު ސުވާލު އުފެދޭނެ ޖާގައެއް ނެތް ކަމަށް އެ މެންބަރުން ގަބޫލު ކުރެއެވެ.
އެމްޑީޕީގެ މެމްބަރުންގެ ތާއީދު އަދިވެސް އޮތީ ރައީސް ނަޝީދަށް ކަމަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރެއް ކަމަށްވާ ބޮންޑޭ ވަނީ ވިދާޅުވެފައެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ރައީސް ނަޝީދު ވާދަ ކުރައްވައިގެން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެމްޑީޕީ ތެރެއިން ފެނިގެންދަނީ އެހެން މަންޒަރެކެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ރައީސް މުހައްމަދު ނަޝީދު ގަރާރެއް ހުށަހެޅުއްވިއެވެ. ނަމަވެސް އެ ގަރާރު ފާސްކޮށްފައިވަނީ އެންމެ 39 މެންބަރުންގެ ވޯޓާއެކުއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި 147 މެންބަރުން ތިއްބަވައެވެ. ނަމަވެސް އެރޭގެ ޖަލްސާގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައި ނުގަންނަވައެވެ. އަދި އޭގެ ފަހުން، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ފާރަވެރިވުމަށް އުފައްދާފައިވާ "މޭ ހައެއް" ކޮމެޓީން މައުލޫމާތު ދިނުމަށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގެވެސް ކޯރަމް ގެއްލި، ޖަލްސާ ވަނީ ހުއްޓާލަން ޖެހިފަ އެވެ. އެ ޖަލްސާގައިވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އެހެންކަމުން ގައުމި މަޖިލީހުގެ ބާރު މިވަގުތު އޮތީ ރައީސް ސޯލިހަށް ކަމަށް ބުނެވިދާނެ އެވެ. އެގޮތުން އެމްޑީޕީގެ މަޖިލިސް މެންބަރަކު ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވީ، ގައުމީ މަޖިލީހާއި އެމްޑީޕީގެވެސް މެޖޯރިޓީ މިވަގުތު އޮތީ ރައީސް ސޯލިހަށް ކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީވެސް ލިބިވަޑައިގަންނަވާނީ ރައީސް ސޯލިހަކަށް ކަމަށް އެ މެންބަރު ގަބޫލުކުރައްވައެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ތާއީދު ވަރަށް ބޮޑުތަނުން ކުޑަވެ ގެއްލެމުން އަންނަ ކަމަށާއި އެއީ އެމަނިކުފާނު މި ފަހަކަށް އައިސް ދައްކަވަމުން ގެންދަވާ ވާހަކަ ތަކާއި އަމަލުފުޅުތައް ބަހައްޓަވަމުން ގެންދަވާ ގޮތުން ކަމަށް ވެސް އެ މެންބަރު ވިދާޅުވި އެވެ.
"ގައުމީ މަޖިލީހުން ފެނިގެންދާ އެއް ހަގީގަތަކީ މިހާރު އެމްޑީޕީގެ ބާރު އޮތީ ރައީސް ސޯލިހަށް ކަން. އެންމެ ފަހުން ގައުމީ މަޖިލީހުން ބޭއްވި ދެ ޖަލްސާއިންވެސް އެކަން ސާފުވާނެ. މިހާރު އެމްޑީޕީގެ ގިނަ މެންބަރުން ރައީސް ސޯލިހުގެ ސިޔާސަތަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ. އެހެންވެ ރައީސް ނަޝީދަށްވުރެ، ރައީސް ސޯލިހުގެ ތާއީދު އެމްޑީޕީގައި ބޮޑީ،" މަޖިލިސް މެންބަރަކު "ވަން" އަށް ވިދާޅުވިއެވެ.
މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ރީކޯ މޫސާ މަނިކު ވެސް ވަނީ ރައީސް ނަޝީދަށް އެމްޑީޕީގެ މެޖޯރިޓީއެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އަންދާޒާ ކުރާ ވަރަށްވުރެ އެމްޑީޕީގެ ތެރޭގައި ރައީސް ސޯލިހުގެ ބާރު ވަރުގަދަ ކަމަށާއި ރައީސް ސޯލިހު އަތުގައި އެމްޑީޕީ ގައުމީ މަޖިލީހާއި އެމްޑީޕީ ޕާލަމަންޓަރީ ގްރޫޕު އަދި ގައުމީ ހިންގާ ކޮމެޓީގެ ފުރިހަމަ މެޖޯރިޓީ ވެސް އެބަ އޮތް ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.
"ރައީސް ނަޝީދުގެ މެޖޯރިޓީއެއް އެމްޑީޕީއަކު ނެތް. ދެން ނުވެސް އޮންނާނެ މެޖޯރިޓީއެއް. ނުވެސް ގެނެވޭނެ މެޖޯރިޓީއެއް. އަންދާޒާކުރާ ވަރަށް ވުރެ ރައީސް ސޯލިހުގެ ބާރު އެމްޑީޕީގެ ތެރޭގައި ވަރުގަދަ. އެހެން ވަރުގަދަވާނެ ސަބަބުތަކެއް ވެސް އެބަހުރި. ރައީސް ސޯލިހަކީ ޕާޓީ އުފެއްދި އެކަކު. ޕާޓީއަށްޓަކައި ވަގުތު ދެއްވައި، ގުރުބާން ވީ އެކަކު. ހަމަ އެއާއެކު ރައީސް ސޯލިހުގެ ފަހަތުގައި އެބައޮތް ވަރަށް ބޮޑު ޓީމެއް،" މޫސަ ވިދާޅުވެފައިވެއެވެ.
ގައުމީ މަޖިލީހަކީ ވެސް އެމްޑީޕީގެ އަސްލު މެޖޯރިޓީ އޮތް ފަރާތް ކިޔައިދޭނެ ތަނެއް ނޫނެވެ. އެހެންކަމުން މެޖޯރިޓީގެ ފަހު ބަސް ކިޔުން އޮތީ އެމްޑީޕީގެ މެންބަރުންނަށެވެ. އެކަން ސާފުވެގެންދާނީ އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީންނެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދުވެސް ވަނީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.
މަޖިލިސް މެޖޯރިޓީ އޮތީ ރައީސް ސޯލިހަށް ކަމަށް ބުރަ ވެވިދާނެ ކަންތައްތައް އެބަ ފެނެ އެވެ. އެހެން ނަމަވެސް ދެބޭފުޅުން ދެފަޅިއަށް އަރާވަޑައިގެން، ކޮމްޕްރޮމައިޒެއް ނެތި ކޮށްލެވޭ މަޖިލިސް ވޯޓު ޓެސްޓެއްގެ މުހިންމުކަން ބޮޑެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް ބޭފުޅަކު ނިންމޭނެ ހާލަތެއް އަދި ނެތެވެ. އެކަމަށް ބާރު ލިބޭނެ މާ ބޮޑު ގޮތްތަކެއް ނެތުމުން، އެ ބަހުސް އަދިވެސް އޮތީ ކުރިއަށެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީ ވެގެންދާނީ މެޖޯރިޓީ އޮތް "އަސްލު" ފަރާތް އެނގިގެންދާނެ ދުވަހަކަށެވެ. މި ބަހުސް އަދި އޮތީ ކުރިއަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް