އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް މުބާރާތަށް ނުކުންނަ ދިވެހި ގައުމީ ޓީމުގެ ކޯޗުންގެ ގޮތުގައި ދިވެހި ކޯޗިން ޓީމެއް އޮވެދާނެ ކަމުގެ އިޝާރާތެއް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވައިފިއެވެ.
ގައުމީ ޓީމުގެ ކޯޗުކަމުގައި ހުރި މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް ދެފަރާތުން ވާހަކަ ދައްކައި މިހާރު ވަނީ ބާތިލު ކޮށްފައެވެ. ކޫޕްމަން އަށް މާ ގިނަ މެޗުތަކެއްވެސް ލިބިފައި ނުވާއިރު، އޭނާ ކޯޗުކަމުން ދުރަށް ޖެހިލައިފައި ވަނީ އޭއެފްސީ ކަޕާއި ވޯލްޑް ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން ނިމުމުންނެވެ.
ޖޫން މަހު ސެންޓްރަަލައިޒްކޮށް ދުބާއީގައި ކުރިއަށް ދިޔަ ކޮލިފައިން މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ސީރިއާއާ ވާދަކޮށް ރާއްޖެ ބަލިވީ 4-0 އިންނެވެ. އަދި ޗައިނާ އަތުން 5-0 އިން ރާއްޖެ ބަލިވިއިރު، ފަހު މެޗުގައި ވަނީ ފިލިޕީންސާ 1-1 އިން އެއްވަރުވެފަ އެވެ. ކޫޕްމަން އަކީ ގައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން އެންމެ މަދު މެޗަށް ފަހު މަގާމު ގެއްލުނު ކޯޗެވެ.
ސާފް ޗެމްޕިއަންޝިޕު ދިފާއުކުރަން ނުކުންނަ ރާއްޖޭގެ ޓީމަށް ވަގުތު ކުޑަތަންވަމުން ދާއިރު، މުބާރާތަށް ތަމްރީނުތައް ހެދުމަށް ކޯޗިން ޓީމެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު އެފްއޭއެމް އިން އަންނަނީ ކުރަމުންނެވެ. ޕީއެސްއެމްގެ "އެކްސްކްލޫސިވް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ މުޅި ކޯޗިން ޓީމުންވެސް ދިވެހި ކޯޗުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ސާފް ޗެމްޕިއަންޝިޕަށް ދާއިރުގައި ފަހަރުގައި ހުސް ދިވެހީން މުޅި ޓީމުގައި ތިބުމަކީ އެކަށީގެންވާ ކަމެއް. ރާއްޖޭގެ މުޅި ޓީމު ހުސް ދިވެހީން ތަމްސީލްކުރާ ޓީމަކަށް ވެގެންދިއުމަކީ އެކަށީގެންވާ ކަމެއް،" ބައްސާމް ވިދާޅުވި އެވެ.
ދިވެހި ކޯޗުންނަށް ބަލާއިރު ގައުމީ ޓީމު ލީޑުކުރެވޭނެ ފެންވަރުގެ ކޯޗުން އެބަތިބި ކަމަށް ބައްސާމް ވަނީ ފާހަަގަކުރައްވައިފަ އެވެ. ކޫޕްމަން ގައުމީ ޓީމުގައި މަސައްކަތްކުރިއިރު އޭނާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން އެވެ.
އެފްއޭއެމުން ދާދި ފަހުން ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ސުޒެއިން ހަމަޖައްސައިފަ އެވެ. އެއީ ކުރިއަށް އޮތް އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށެވެ. އާންމު ގޮތެއްގައި ފަހަކަށް އައިސް ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދެނީ ސީނިއާ ޓީމު ވެސް ކޯޗެެވެ. ސުޒޭނާ 23 އަހަރުން ދަށުގެ ޓީމު ހަވާލު ކުރީ ކޫޕްމަންގެ ކޮންޓްރެކްޓް އުވާލަން ނިންމާފައި ވުމުންނެވެ.
ތޭވީސް އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗުންނަށް ހަމަޖެއްސީ ނިއު ރޭޑިއަންޓާއި ކްލަބް ގްރީން ސްޓްރީޓްސް އަދި ވެލެންސިއާގެ ކުރީގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހީމާއި ވެލެންސިއާ އާއި ވީބީގެ ކުރީގެ ކޯޗު އަދި 16 އަހަރާއި 19 އަހަރުން ދަށުގެ ޓީމުގެ ވެސް ކޯޗަކަށް މަސައްކަތްކުރި މުހައްމަދު ޝާހިދު (ޝާޑު) އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު