އެމީހެއްގެ ރިޒްގު ހޯދުމަށް މަސައްކަތްކުރާ މީހަކީ މާތްﷲގެ މަގުގައި ޖިހާދުކުރާ މީހެއް ފަދަ މީހެއް ކަމަށާއި ރިޒްގު ހޯދުމަށް ޓަކައި ހައްގު ގޮތުގައި މަސައްކަތްކުރާ މީހާއަށް މާތްﷲ ބަރަކާތް ލައްވާނެ ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ތެދުވެރިކަމާއެކު ރިޒްގު ހޯދަން އެދޭ މީހާ، އެކަމަށްޓަކައި ހިކުމަތްތެރިކަމާއެކު މަސައްކަތްކުރަން ޖެހޭނެ ކަމަށާއި އެމީހެއްގެ ކިބައިން ކަންނެތްކަން ފުހެލަން ޖެހޭ ކަމަށެވެ. އަދި ދުވަހަކު ވެސް، އުޑުން ރަނާއި ރިއްސެއް ނުވެއްސަވާނެކަން ވެސް ފާހަގަކޮށްފައިވެއެވެ.
"އެމީހެއްގެ ރިޒުގު ހޯދުމަށް މަސައްކަތްކުރާ މީހަކީ މާތްﷲގެ މަގުގައި ޖިހާދުކުރާ މީހެއް ފަދަ މީހެކެވެ. ރިޒްގު ހޯދުމަށްޓަކައި ހައްގު ގޮތުގައި މަސައްކަތްކުރާ މީހާއަށް ﷲ ބަރަކާތް ލައްވާނެތެވެ. އޭނާ، އޭނާގެ އުންމީދުތަކާ ހަމައަށް ވާސިލުކޮށްދެއްވާނެތެވެ. މަސައްކަތެއް ނުކޮށް ދިރިއުޅުމުގައި އެހެން މީހުންނަށް ބަރޯސާވާ މީހަކަށް ނުވެ މަސައްކަތްކުރާ މީހަކަށް ވާށެވެ. އަމިއްލަ އަތުން ކުރާ މަސައްކަތުން ކައިބޮއެ އުޅޭ މީހަކަށް ވާށެވެ،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ރިޒުގު ތަނަވަސްކޮށްދެއްވައި، ރިޒުގުގައި ބަރަކާތް ލައްވާ ކަންތައްތަކުގެ ތެރޭގައި ރަހިމުގެ ގުޅުން ދެމެހެއްޓުމާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނޭ ކަމަށާއި އެއީ އިސްލާމީ ރިވެތި އަހުލާގުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
"ރިޒުގުގައި ބަރަކާތް ލައްވާ ކަންތައްތަކުގެ ތެރޭގައި ފަގީރުންނަށާއި، މުހުތާދުވެރިންނަށް ހޭދަކުރުން ހިމެނެއެވެ. ދަތި ހާލު ޖެހިފައިވާ މީހަކަށް ލުއިފަސޭހަކޮށްދިން މީހާއަށް މާތްﷲ ލުއިފަސޭހަ ކޮށްދެއްވާނެއެވެ. ކަންބޮޑުވެފައިވާ މީހެއްގެ ކަންބޮޑުވުން ފިލުވައިދިން މީހާގެ ކަންބޮޑުވުންތައް ﷲ ފިއްލަވައި ދެއްވާނެތެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ރޭގަނޑު ހޭލައި ތިބެފައި ފަތިހުގެ ވަގުތުގައި ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލިގެންދާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ޣަނީމާއަކީ ފަތިސް ނަމާދު ކަމަށާއި އަދި ދެވަނަ ޣަނީމާއަކީ ދުވާލު ފެށޭ ވަގުތުގެ ބަރަކާތް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާ
ހުތުބާ
ހުތުބާ
ހުތުބާ