ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ފާސްކުރީ 39 މެންބަރުން ކަމަށާއި އެކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތާއީދެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގައި 147 މެންބަރުން ތިއްބަވާ ކަމަށާއި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ފާސްކުރި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ 39 މެންބަރުން ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ބޭނުންވެ ނުލައްވާ ކަމަށެވެ.
"އެ ރޭގެ އެ ޖަލްސާގައި ގިނަ މެންބަރުން ބައިވެރިނުވީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެއިން އެއްވެސް ބޭފުޅަކު ބޭނުން ނުވޭ ރައީސް ނަޝީދު ހުށަހަޅުއްވާ އެއްޗަކަށް ފާޅުގައި އިދިކޮޅަށް އެއްޗެއް ބުނާކަށެއް. އެހެންނަމަވެސް މިވަގުތަކީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކުރަން ޖެހޭ ކަމެއް ކަމަށް ފެނިވަޑައިނުގަންވާތީ އެކަމުގައި ބައިވެރިނުލެއްްވީ ކަމަށް ގަބޫލު ކުރެވެނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނަށްވެސް ފެނިވަޑައިގަންވާ ގޮތުގައި މިވަގުތަކީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. ނަމަވެސް ހަރުކަށި ފިކުރުގެ މީހުން ހޯދުމުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ގޮވާލައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްކޮށްފައެވެ. އެކަމާ އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ ދެކޮޅު ހައްދަވައި މިއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން އެންމެ މުނާސަބު ވަގުތު ނޫން ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު