ދިރާސީއާ އަހަރުގެ ކިޔެވުން ރާއްޖޭގައި އިއްޔެ ފެށި ނަމަވެސް ހދ. ހިރިމަރަދޫ ސްކޫލްގެ ކިޔެވުން ފަށާފައެއް ނުވެއެވެ. އެއީ ބެލެނިވެރިން އެކެއްޗެއް ކިޔައި ދަރިވަރުން ނުފޮނުވުމުންނެވެ. ކަންބޮޑުވުންތަކެއް ހުރުމުންނެވެ. އެތައް އަހަރެއް ވީ ކަންބޮޑުވުންތައް މި އަހަރުގެ ދިރާސީއާ އަހަރު ފެށުނުއިރު ވެސް ހުރީ ހަމަ އެ ގޮތުގަ އެވެ.
ސްކޫލަށް ކުދިން ނުފޮނުވާ ކަން އެނގުމާ އެކު އިއްޔެ ހެނދުނު އެޑިއުކޭޝަން މިނިސްޓްރީގެ ވަފުދަކާއި އެކު ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވެސް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. ބެލެނިވެރީންނާއި ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ގާތުން އަޑުއެއްސެވުމަށްފަހު ހަވީރު ވަނީ ރަށުން ފުރައިވަޑައިގެންފަ އެވެ.
"ޑެޕިއުޓީ މިނިސްޓަރު ވަޑައިގަތް ނަމަވެސް އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ. އެ ކަންބޮޑުވުންތައް އެހެން ހުރިހާ ހިނދަކު އެއްވެސް ބެލެނިވެރިއެއް ބޭނުމެއް ނުވޭ ދަރިވަރުން ސްކޫލަށް ފޮނުވާކަށް. އެގޮތުގައި މި ތިބެނީ،" އެ ރަށުން ވާހަކަ ދެއްކި ބެލެނިވެރިޔަކު "ވަން" އަށް ކިޔައިދިނެވެ.
އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ނުލިބުމެވެ. އެއް އަހަރެއް ދެ އަހަރެއް ނޫނެވެ. ދިހަވަރަކަށް އަހަރުވެއްޖެ އެވެ. ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ނުލިބި އެތައް އަހަރުތަކެއް ވޭތުވެގެންދާއިރު، އެއީ ހަމައެކަނި ދަރިވަރުންނާއި ބެލެނިވެރިންގެ މައްސަލައެއް ނޫން ކަމަށް އެ މީހުން ގަބޫލުކުރެ އެވެ. ޝަކުވާއަކީ އެކަމުގައި ޓީޗަރުންނާއި ވެރިން ޒިންމާ ނެގުމެވެ.
"މި ރަށުގައި އެބަތިބި އަށް އަހަރުން ފެށިގެން ގޮސް 12 އަހަރު ވަންދެން ތިބި ބިދޭސީ ޓީޗަރުން. އެކަމަކު ނަތީޖާ ހަމަ ސުމެއް. ޕާސް ޕަސެންޓޭޖް ސުމެއްގައި. އެވަރު ވީމަ ދެން އެބަޖެހޭ ދޯ އެ ޓީޗަރުން ބަދަލު ކުރަން،" ހިރިމަރަދޫ އިން ވާހަކަ ދެއްކި ބެލެނިވެރިޔަކު ބުންޏެވެ.
މީގެ ކުރިން ވެސް އެ ޝަކުވާތައް މިނިސްޓްރީއާ ހަމައަށް ގެންގޮސްފައިވާކަން ބެލެނިވެރިޔަކު ފާހަގަކުރި އެވެ. އަދި މީގެ ކުރިން ވެސް އިހުތިޖާޖު ކޮށްފައިވެ އެވެ. ނަމަވެސް ކަންކަން ރަނގަޅު ކޮށްދޭނެ ކަމަށް ބުނުމުން އަނެއްކާ ވެސް ދަރިވަރުން ސްކޫލަށް ފޮނުވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.
"ސްކޫލަށް ފޮނުވާ ދުވަސް ޖެހުނު އިރު ފޮތް ހަމަވީއެއް ނޫން. ޓީޗަރުންގެ ހާލަތު އެހުރީ ހުރި ގޮތް. ދެން ގޭގައި ބައިތިއްބައިގެން ކިޔަވައި ދިނަސް އެ އަށްވުރެން ރަނގަޅުވާނެކަންނޭނގެ. މި ފަހަރު ނެތް ދޫ ދިނުމެއް މައްސަލަތަކަށް ހައްލު ހޯދައިދިނުމުން ނޫނީ،" ބެލެނިވެރިޔަކު ބުންޏެވެ.
މި ކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓަރު އަދި އެ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަށް ގުޅައި މެސެޖު ކުރުމުން ޖަވާބެއް ދެއްވާފައި ނުވާތީ އެ މިނިސްޓްރީގެ ބަހެއް ވަނީ ހިމެނޭ ގޮތް ނުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު