ރިޕޯޓް

ގަރުނުގެ ބޮޑު ޓްރާންސްފާގައި މެސީ ޕީއެސްޖީއަށް: ނޭމާގެ ދައުރާއި "ބިހައިންޑްދަ ސީން"ގެ ބައެއް ވާހަކަ

މުޙައްމަދު ޝަމްޢޫން

1

ހަފުތާއެއްގެ ތެރޭގައި ހާލަތު ބަދަލުވެ، ދުނިޔޭގެ ފުޓުބޯޅަ ތާރީހުގައި ހިނގި އެންމެ 'ސަޕްރައިޒިން' ޓްރާންސްފާ ހިނގައިފިއެވެ. ތާރީހު ދުށް އެންމެ ކުޅަދާނަ ކުޅުންތެރިޔާ ލިއޮނަލް މެސީ، އޭނާގެ ޒަމާންވީ ބާސެލޯނާއަށް އަލްވަދާއު ކިޔައިފިއެވެ. އަދިވެސް ގަބޫލުކުރަން އުނދަގުލެވެ. އެކަމަކު ހުވަފެނެއްވެސް ނޫން މެއެވެ. އެކަން ހިނގައިފިއެވެ. މިހާރު މެސީއަކީ ޕީއެސްޖީގެ 30 ނަންބަރު ޖާޒީގެ ކުޅުންތެރިޔާއެވެ. އެކަން ރަސްމީކޮށް އިއުލާނުކޮށް، ޕީއެސްޖީން ތާރީހީ "އެލީޓް" ސްކޮޑެއް ބިނާކޮށްފިއެވެ. މުޅި ދުނިޔެ ޖެހިލުން ވާނެ ޓީމަކަށް ޕީއެސްޖީ ވެއްޖެއެވެ. ކިލިއަން އެމްބާޕޭ އާއި ނޭމާގެ އިތުރުން މާކޯ ވެރާޓީ އާއި ސާޖިއޯ ރޯމަސް އަދި ޖިއާން ލުއީޖީ ޑޮނަރޫމާ އާއި އެންހޭލް ޑިމަރިއާގެ ނަންވެސް ފާހަގަވެއެވެ. ތަރިއަކަށްފަހު ތަރިއެކެވެ.

ޗެމްޕިއަންސް ލީގެއްގެ އަމާޒުގައި ޕީއެސްޖީން ބިނާކުރަމުން އަންނަ ޓީމަށް މެސީ އިތުރުވެގެން ދިޔަ ގޮތަށް ތަފުސީލީ ނަޒަރެއް ހިންގައިލުން މުހިއްމެވެ. އެއީ ޔަގީނުންވެސް ތާރީހީ ޓްރާންސްފާއެކެވެ. މެސީގެ އަލްވަދާއަށް ބާސާގެ ސަޕޯޓަރުން ރުއި ރުއިމުންނާއި، ޕީއެސްޖީގެ ސަޕޯޓަރުން އެއާޕޯޓަށް އެއްވެ ކުރި އިންތިޒާރުން އެކަން ސިފަވިއެވެ. އަސަރާއި "ޑްރާމާ"އެވެ. އެއް ބަޔަކަށް މާޔޫސްކަމެވެ. އަނެއް ބަޔަކަށް އުފަލުން ކޮޅެއް ނެތެވެ. މެސީ އަތް ހިއްލާލައި، ޕެރިސްގައި ފުރަތަމަ ފަހަރަށް ސަޕޯޓަރުންނަށް މައްލަވަ ކޮށްލި ވަގުތުވެސް ހީވީ އެއާޕޯޓު ކައިރި ކެކި އަރައިގަތް ހެނެވެ. އެ މަންޒަރުތައް ވެގެންދިޔައީ ފުޓުބޯޅައިގެވެސް ތާރީހީ މަންޒަރަކަށެވެ.

ބާސާއިން އުންމީދާއެކު ތިއްބައި "ޓައިމް ބޮމެއް"، ޕީއެސްޖީން ވަގުތުން ފައިދާ ނެގި

ބާސާގައި 21 އަހަރު ހޭދަކުރި މެސީގެ މުޅި ފުޓުބޯޅަ ހަޔާތް ބިނާވެފައި އޮތީ އެންމެ ކްލަބަކަށެވެ. ބާސާއަކީ މެސީއަށް ހަމައެކަނި ފުޓުބޯޅަ ކްލަބެއް ނޫންވެސް މެއެވެ. އެއީ އޭނާއާއި ހިތާއި ހިތުން ގުޅުފައިވާ "ހޯމް"އެވެ. މެސީއަށް ސްޕެއިން އާއި ބާސާ، ކަޓަލޫނިޔާ، ދޫކޮށްލުން ވެގެންދާނީ އުނދަގޫ ނިންމުމަކަށެވެ. އާއިލާގެ ވިސްނުމުގައިވެސް ސްޕެއިން ދޫކޮށްލުމެއް ނެތްކަން މެސީ ކުރިން ދެއްކި ވާހަކަތަކުންވެސް ސާފުވެފައިވެއެވެ.

ހާއްސަކޮށް މިދިޔަ ސީޒަނަށްފަހު މެސީ ދެއްކި ވާހަކަތައް ހަނދާން އާކޮށްލުމުން އެކަން ސާފެވެ. އެހެންކަމުން ކުއްލި ނިންމުމެއްގައި އަންހެނުންނާއި ތިން ދަރީން ގޮވައިގެން ފްރާންސަށް ދިއުމަކީ މެސީ އެދޭނެ އެދުން ނޫންކަމަށް އޭނާ ވެސް ވަނީ ބުނެފައެވެ. ކޮންމެއަކަސް، މެސީވެސް ހުރީ ދާކަށް ނޫނެވެ. ބާސާއިން ނިންމާފައި އޮތީ މެސީ ދޫކޮށްލާކަށެއްވެސް ނޫނެވެ. މެސީ ބާސާ ދޫކޮށްލާނެކަން އިއުލާން ކުރުމުގެ ތިން ހަފުތާ ކުރީންވެސް ހުރިހާ ކަމެއްގައި ދެ ފަރާތުން އޮތީ އެއްބަސްވެފައެވެ.

އެގްރީމަންޓްގެ ހުރިހާ ކަމަކަށް އެއްބަސް ވެ، މެސީއާއި ބާސާއިން މިދިޔަ ހުކުރު ދުވަހު ސޮއިކުރަން ތައްޔާރުވި ހިސާބުން ލިބުނީ ކެއްސެކެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. ބާސާއިން ރަސްމީކޮށް ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަންގައި މެސީ އެޓީމުން ނުފެންނާނެ ކަމަށާއި، ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދުތަކަށް މެސީގެ އާ ކޮންޓްރެކްޓް ނުފެތޭތީ އެއްބަސްވުން އާކުރެވެން ނެތް ކަމަށެވެ. އެތައް ދުވަހެއް ވަންދެން ދިގުލައިގެން ދިޔަ ދަރަންޏަށް ލިބުނު އަދެބެވެ. "މިސްމެނޭޖް" ވެ، ވިއްސިވިހާލިވެފައިވާ ބާސާގެ ފައިނޭންޝިއަލް ސިސްޓަމްގެ ތެރެއިން ލިބުނު އަނިޔާގައި ކްލަބުގެ އެންމެ މުހިއްމު އެސެޓް، ދުނިޔޭގެ ފުޓުބޯޅައިގެ އައިކަން، މެސީ ގެއްލިގެން ދިޔައީއެވެ.

ކޮންމެ ޓްރާންސްފާއެއްގައިވެސް ދަނޑިވަޅު މުހިއްމު ވާނެއެވެ. އެއީ އެޖެންޓުންނާއި ލޯޔަރުންގެވެސް ކުއްލި ނިންމުމަކުން ކުޅުންތެރިޔާ ހިތް ރުއްސަން ބޭނުން ކުރާ ހަތިޔާރެކެވެ. ޕީއެސްޖީން ބަލާން ނުތިބެ، އެންމެ މުހިއްމު ދަނޑިވަޅުގައި ކޮންޓްރެކްޓް ހުށަހެޅިއެވެ. މެސީ ބާސާއާ ވަކި ވެ، ވަދާއީ ޕްރެސްއަށް ދާން އޮތްތާ ގަޑިއިރެއް ކުރީން ޕީއެސްޖީގެ ހުށަހެޅުން ތައްޔާރުކޮށް ހުށަހެޅީ ނޭނގިއެއް ނޫނެވެ. މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ ޕީއެސްޖީން މެސީގެ ޓްރާންސްފާގައި އެންމެ މުހިއްމު ކަމަކަށް ބޭނުންކުރީ އެ ދަނޑިވަޅު ކަމަށެވެ. އޭރުން ޕްރެސްގެ ކުރިން ޕީއެސްޖީގެ ވަރުގަދަ ހުށަހެޅުން ފެނި، މެސީއަށް ރަނގަޅަށް ވިސްނާލަން ވަގުތުކޮޅެއްވެސް ލިބުނީއެވެ. އެއާއެކު މެސީއަށް ނޫސްވެރީންގެ ފަރާތުން އައި އެ ސުވާލަށް ޕޮޒިޓިވް ޖަވާބެއްވެސް ދޭން ޖެހުނީއެވެ.

ވަދާއީ ޕްރެސްގައި މެސީ ބުނެފައި ވަނީ ޕީއެސްޖީއަކީ އޭނާއަށް "ޕޮސިބިލިޓީ""އެއް ނަމަވެސް، އަދި އެއްވެސް ކްލަބަކަށް އެއްބަސް ވެ، ޓްރާންސްފާ ނުނިމޭ ކަމަށެވެ. އެ ޖަވާބު އޭނާއަށް ޕޮޒިޓިވްކޮށް ދޭން ޖެހުނީ ޕީއެސްޖީން ކޮށްފައިވާ އޮފާއެއްގެ ސަބަބުންނެވެ.

ނޭމާގެ މަސައްކަތް، ނޭމާ މާކުރިން އިއުލާނުވެސް ކުރި

ނޭމާ އާއި މެސީގެ ގުޅުމަކީ ނޭނގޭނެ ވާހަކައެއް ނޫނެވެ. އަދި އެވާހަކައަކީ އިތުރަށް ތަފުސީލު ކޮށްދޭން ޖެހޭނެ ވާހަކައެއްވެސް ނޫނެވެ. ބާސާއަށް ނޭމާ ދިއުމާއެކުވެސް އޭނާގެ "ބެސްޓް ބަޑީ"އެއްގެ ގޮތުގައި ފެނުނީ މެސީއެވެ. ފުޓުބޯޅައިގައިވެސް ދެ ކުޅުންތެރިން ގުޅޭނެކަން ޔަގީނެވެ. ދެކުޅުންތެރިންވެސް ނިސްބަތްވަނީ ދެކުނު އެމެރިކާއަށް ވުމާއި، ހުނަރުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގައި ފާހަގަވުމަކީ މެސީ އާއި ނޭމާގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔަ ސަބަބަކަށެވެ.

ހީވެފައިވެސް އޮތް ގޮތުގައި، މެސީ ޕީއެސްޖީއަށް ދިޔުމުގެ އެންމެ ބޮޑު ރޯލެއް ކުޅުނީ ނޭމާއެވެ. އަބަދުހެން ދެ ކުޅުންތެރިން ދިޔައީ ފޯނުން ވާހަކަ ދައްކަމުންނެވެ. މެސީ ޕީއެސްޖީއަށް ދާނެކަން ނޭމާ ވަނީ މާކުރިން އިއުލާނު ކޮށްފައެވެ. އިތުބާރު ހުރި ނޫސްތަކުން ބުނެފައިވާ ގޮތުގައި، މެސީ ޕީއެސްޖީއަށް ދާނެ ކަމުގެ ޔަގީންކަން ނޭމާ ވަނީ ހުކުރު ދުވަހު ޕީއެސްޖީ ކުޅުންތެރިންނާ ހިއްސާ ކޮށްފައެވެ. އެގޮތުން ހުކުރު ދުވަހު އޮތް ތަމުރީނުތަކަށް ގޮސް، ނޭމާ ވަނީ "މެސީ ޕީއެސްޖީއަށް އަންނާނެ" ކަމަށް ބުނެފައެވެ. އެހިސާބުން ހުރިހާ ކުޅުންތެރީންނަށްވެސް މެސީ ޕީއެސްޖީއަށް ސޮއިކުރާނެ ކަމުގެ ޔަގީންކަން ލިބުނު ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. އަދި ޓީމު ތެރޭގައި ވަރަށް ބޮޑަށް އުފާފާޅުވެސް ކޮށްފައިވެއެވެ.

މެސީގެ ޓްރާންސްފާ އެންމެ ފުރަތަމަ ރަސްމީކޮށް އިއުލާނުކުރި މީހަކީވެސް ނޭމާއެވެ. މެސީ ބާސާ އެއާޕޯޓުން ޕެރިސްއަށް ފޭބި ވަގުތަށް ބަލައި، ނޭމާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި މެސީ ގުޅުނުކަން އިއުލާނު ކޮށްފައެވެ. އެއީ ޕީއެސްޖީންވެސް އެ ޓްރާންސްފާ ރަސްމީކޮށް އިއުލާނު ކުރުމުގެ ކުރިންނެވެ. ނޭމާ ޕޯސްޓް ކޮށްފައި ވަނީ "ބެކް ޓުގެދާ" މިހެން ޖެހުމަށްފަހުއެވެ. މެސީއަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާނެ ކުޅުންތެރިޔަކީވެސް ނޭމާކަން ޔަގީނެވެ. މެސީއާއެކު ބާސާގައި ޗެމްޕިއަންސް ލީގުވެސް އުފުލާލި ނޭމާގެ އަމާޒު އަނެއްކާވެސް އެތަށްޓައް ހިފާފައިވާއިރު، ޕީއެސްޖީގެ ފޯވަޑް ލައިނުން ފެންނަނީ އެ ގާބިލުކަމެވެ. މެސީއާއި ނޭމާ، އެމްބާޕޭ ވެގެންދާނީ އެންމެ ތާރީހީ އެއް ޓްރިއޯއަށެވެ. ޕީއެސްޖީ ޔަގީނުންވެސް ބަދަލުވީއެވެ. އެވަރުގެ ތިނެއް މިވަގުތު ދުނިޔޭގެ އެހެން ކްލަބެއްގެ ފޯވަޑްލައިނަކުން ނުފެނެއެވެ.

ޗެމްޕިއަންސް ލީގު ލިބިއްޖެނަމަ ބޮޑު ބޯނަސްއެއް ދޭނެ، މެސީގެ އުންމީދު އެ ތަށްޓަށް

ނޭމާގެ އެއްބަސްވުމެކޭ އެއްގޮތަށް ޕީއެސްޖީން މެސީގެ އެއްބަސްވުމުގައިވެސް ޗެމްޕިއަންސް ލީގު ބޯނަސް ފައިސާއެއް ވަނީ ހިމަނައިފައެވެ. މެސީގެ ވާހަކަތަކުން އެނގިފައިވާ ގޮތުގައިވެސް ޗެމްޕިއަންސް ލީގަކީ އޭނާގެ ވެސް އެންމެ ބޮޑު ޓާގެޓެވެ. ހުރިހާ ތަށްޓެއްގެ އަމާޒުގައި މެސީ ހުރިއިރު، އޭނާގެ ވާހަކަތަކުން ސާފުވަނީ ތަންފުކެއްވެސް ދޫ ނުދޭނެ ކަމެވެ.

މެސީ ބުނެފައި ވަނީ ޕީއެސްޖީއަކީ ވަރުގަދަ ޓީމެއް އޮތް ކްލަބެއް ކަމަށާއި، ކެރިއަރުގެ ފުރަތަމަ ދުވަހު ހުރި އުންމީދުގައި މިއަދުވެސް ހުންނާނީ ހުރިހާ ތަށްޓެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ.

"މިހާރުވެސް މިހުރީ ކެރިއަރުގެ ފުރަތަމަ ދުވަހު ހުރި އަޒުމުގައި. ކްލަބުވެސް އޮތީ އެ އަޒުމުގައި. ކްލަބު ތައްޔާރަށް އޮތީ ހުރިހާ ތަށްޓަކަށް. އެއީ އަހަރެންގެވެސް ޓާގެޓަކީ. ޕީއެސްޖީގައި އޮތީ ވަރުގަދަ ސްކޮޑެއް. އެކަން ކުރެވޭނެ ކަމުގެ އުންމީދުގައި ސީޒަނަށް ނުކުންނާނީ،" މެސީ ބުނެފައިވެއެވެ.

މެސީއާއެކު ޕީއެސްޖީން މިފަހަރުގެ ޓްރާންސްފާ ސީޒަންގައި ވަނީ ވަރުގަދަ އިތުރު ކުޅުންތެރިންތަކެއް ޓީމަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ އާއި ރެއާލް މެޑްރިޑްގެ ލެޖެންޑަރީ ޑިފެންޑަރު ސާޖިއޯ ރާމޯސް އަދި އިންޓާގައި ވިދާލި ލެފްޓް ބެކް އަޝްރަފް ހަކީމީއާއި ތަޖުރިބާކާރު މިޑްފީލްޑަރު ޖީނީ ވައިނާލްޑަމް ހިމެނެއެވެ. ޕީއެސްޖީގެ މައިގަނޑު ޓާގެޓަކީ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގެއް ހޯދުން ކަމަށްވާއިރު، އެކަން ކުރުމަށް ވަރުގަދަ ސްކޮޑެއް މިހާރު އެބައޮތެވެ.

"އަހަރެންގެ އުއްމީދަކީ އަދި ހުވަފެނަކީ އަދި އެއް ފަަހަރު ޗެމްޕިއަންސް ލީގެއް ކާމިޔާބު ކުރުން. އަހަރެން ދެކޭ ގޮތުގައި އަހަރެން މި ހުރީ އެކަން ކުރަން އެންމެ ރަނގަޅު ޓީމުގައި. މި ޓީމުގެ ފެންވަރަށް ބަލާއިރު އެއީ ނުކުރެވޭނެ ކަމެއް ނޫން. އަހަރެން މި ހުރީ އެ ކާމިޔާބީ ހޯދަން ތައްޔާރަށް،" މެސީ ތައާރަފު ކުރުމަށް ބޭއްވި ޕްރެސްގައި އޭނާ ބުންޏެވެ.

މެސީ ވަނީ ޕީއެސްޖީއާއެކު ތަމްރީނުތައްވެސް ފަށާފައެވެ. މެސީގެ ފެނިލުމަށް ކުރެވޭ އިންތިޒާރު ބޮޑެވެ. ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ޕީއެސްޖީގައި ދައްކާ ހުނަރު ދެކިލަން ފުޓުބޯއިގެ އެތައް މިލިއަން ސަޕޯޓަރުންނެއް ދިނީ ކެތްމަދުވެފައެވެ. މެސީ ހުރި ހޮޓަލުގެ ކައިރީގައި ޕީއެސްޖީ ސަޕޯޓަރުން އަންނަނީ އަދިވެސް އުފާފާޅުކުރަމުންނެވެ. ޕީއެސްޖީގެ ރަސްމީ ފިހާރަތަކުން މެސީގެ ޖާޒީތައް އަތުފަތު ނުޖެހި ވިކެމުންދަނީއެވެ. މެސީގެ ވާހަކަތައް އަދިވެސް ހުއްޓުމެއް ނެތެވެ. ޔަގީނެވެ: މެސީ ޕީއެސްޖީއަށް ދިއުމަކީ ދުނިޔޭގެ ތާރީހުގައިވެސް ފެނުނު އެންމެ ވަރުގަދަ ޓްރާންސްފާއެވެ. އެއީ ފުޓުބޯޅައިގެ އެންމެ އަގުހުރި ވަގުތެވެ.