އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ މައްސަލަ، ޕްރޮސެކިއުޓަރުންގެ ކޮމެޓީން އެ މައްސަލަ ނަގައި އެހެން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ތުހުމަތު ޕީޖީ އޮފީހުން ދޮގުކޮށްފިއެވެ.
މަހުލޫފް ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެމްއެމްޕީއާރުސީގެ މައްސަލަތައް ނިންމަން ނަގާފައި އޮތް ޕްރޮސެކިއުޓަރުންގެ ކޮމެޓީން ދައުވާ ނުކުރެވޭނެ ކަމަށް ބުނުމުން އެމީހުންގެ އަތުން މައްސަލަ އަތުލައި އެހެން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު "ވަން" އަށް ވިދާޅުވި މަހުލޫފްގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައި ނުވާ ކަމަށާއި އަދި އެ މައްސަލަ ބަލާ ވަކީލުންވެސް ބަދަލުވެފައި ނުވާ ކަމަށެވެ.
ޝަފީއު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަަމަށާއި މައްސަލަ ބައްލަވާ ވަކީލުން ބަދަލު ކުރުމަށް ޕީޖީ ހުސެއިން ޝަމީމް ލަފާ ދެއްވާފައި ނުވާ ކަމަށެވެ.
"މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައެއް ނުވޭ. ވަކީލުންވެސް ބަދަލު ނުކުރޭ. އެ މައްސަލަ ބަލަނީ ހަމަ ކުރިންވެސް މައްސަލަ ބެލި ވަކީލުން. އެފަދަ ކަމަކަށް ޕީޖީ އެދިވަޑައިގެންފައެއްވެސް ނުވޭ. އެއީ ކަނޑައެޅިގެން ދޮގެއް،" ޝަފީއު ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ ގިނަވެގެން ހަ މަސް ދުވަސްތެރޭ ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ ހުސެއިން ޝަމީމް ޕްރެސްގައި ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އޭނާގެ މައްސަލަ ޕީޖީގައި އޮންނަތާ 60 ދުވަސް ވެއްޖެ ކަމަށެވެ.
"މޮހޯގެ ބަޔާނުން ކޮއްކޮ ޑޮލަރު މާރުކުރި ކަމަށް ބުނޭ. ރިސީޓްގައި އޮތީ އެސްއޯއެފްގެ ސްޓޭމްޕް ކަމަށް އެބަ ބުނޭ. ޗެއިން އޮފް ކަސްޓަޑީއެއް ނެތް ޗެޓްލޮގްގެ އެނެލެސިސް ހެދި ކަމަށް ބުނާ ފަރަޑޭ ފޮރެންސިކްއަށް ސިދާ ޕީޖީ އިން ގުޅައިގެން އެމީހުން ކޯޓަށް ގެންނަން އުޅެފި. އެމީހުން ބުނަނީ އެއީ އެމީހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް. އަދި އަޔަސް ޗެއިން އޮފް ކަސްޓަޑީ ނެތް އެއްޗެއްގެ އެއްވެސް ގާނޫނީ ބުރަދަނެއް ނެތް. އަދި އެ ޗެޓް ލޮގްތަކުގައި އަޅުގަނޑު ދެއްކި ކަމަށް ބުނާ ވާހަކައެއްވެސް ނެތް،" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ މީގެ ދެ އަހަރު ކުރިން ގާނޫނީ ވަކީލަކު ފޮނުވި އެ ޗެޓްލޮގް އޭނާގެ ފޯނުގައި އަދިވެސް އެބައޮތް ކަމަށެވެ. އަދި މި މައްސަލައިގައި ސްރީލަންކާގެ ރައްޔިތެއްގެ ބަޔާން ނަގާފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ލަންކާގެ ގާނޫނުތަކާވެސް ހިލާފަށް ކަމަށާއި އެކަން ލަންކާގެ ކަމާބެހޭ އިދާރާތަކުން ބަލަމުންދާ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.
"އަދި ލަންކާގައި ހުންނަވާ ދިވެހި ސަފީރު، މިނިސްޓްރީއަަށްވެސް މިކަން ސިއްރުން ހިންގަވާފައިވާ ކަން ފަޅާއަރާ އެ މައްސަލަ ފޮރިން މިނިސްޓްރީންވެސް ތަހުގީގު އެބަކުރޭ. ޖިނާއީ ތަހުގީގު ޒޫމް މެދުވެރިކޮށް ހިންގިއިރު ސަފީރު އެތާ އިންނެވިތަން ވީޑިއޯއިން ފެނޭ. ރައީސް އަށްްވެސް އެތާ ނީންނެވޭނެ،" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ އޭނާ އެންމެ ފުރަތަމަ ވިދާޅުވި ފަދައިން މި މައްސަލަ ތެރެއަށް ވަނީ ނުފޫޒުގަދަ ސިޔާސީ ބަޔަކު ވަދެފައި ކަމަށާއި މިއީ ސީދާ ޒާތީ ކަމެއް ކަމަށެވެ. އަދި ދައުވާކޮށްފިނަމަ ކޯޓުތެރޭން އޭނާ ދައްކަވާ ހުރިހާ ވާހަކައެއް ހާމަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ގާނޫނާއި ގަވާއިދުގެ ތެރެއިން އަދި ރިޔާސީ ކޮމިޝަނާއި ފުލުހުންނާއި ޕީޖީގެ އިތުރުން އޭސީސީން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާވެސް އެއްގޮތަށް ތަފާތުނުކޮށް މައްސަލަ ގެންދާނަމަ އެންމެ ދުވަހަކުވެސް މަގާމުގައި ނުހުންނަވާނެ ކަމަށް ކުރީން ވިދާޅުވެފައިވާ ވިދާޅުވުން މިހާރު ބަދަލުކުރައްވާފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"ކުރިން ނިންމައިގެން ހުރީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ގޮތެއް ނިންމީމަ އިސްތިއުފާ ދޭން. އެކަމަކު މިހާ ގޯސްކޮށް ޕީޖީ އޮފީސް ތެރެއިންވެސް ކަންކަން ދާތީ، ދައުވާ ކުރިޔަސް ދެން އަޅުގަނޑު އިސްތިއުފާދިނުމާ މެދު އިތުރަށް ވިސްނާނަން. ހަޑިކޮށް އެއްބަޔަކު ކުޅޭއިރު އެހާ ފަސޭހަކޮށް މަގުކޮށައިދޭކަށް ނެތިން،" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ އެހުރިހާ ކަންބޮޑުވުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ރަސްމީކޮށް ދަންނަވާނެ ކަމަށެވެ. އަދި މަގާމުން ވަކިކުރުމަކީ ރައީސުލްޖުހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރެއް ކަމަށާއި ގޮތެއް ނިންމަވާނީ ރައީސް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު