ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް އަންނަ އަހަރު ބޮޑު ކުރާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފިއެވެ.
ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ހުޅުމާލޭ ރެހެންދި ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ޓީޗަރުންނަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށްވާ، މީހުން ބިނާކުރުމުގެ އަމަލީ މަސައްކަތް ތަންފީޒުކޮށްދެއްވާ ފަރާތްތައް ކަމަށެވެ. އޭގެ އިތުރުން، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް، ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތާއި ހޭދަކުރައްވާ ގިނަ ވަގުތުތަކާ އެކަށޭނަ ގޮތުން މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން މި އަންނަނީ ކުރަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އޭގެ އިތުރުން، ޓީޗަރުން ލިބުން ދަތި ބައެއް މާއްދާތައް ކިޔަވައިދިނުމަށް އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ ދިވެހި ޓީޗަރުންނަށް އެފަދަ މާއްދާތައް ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސްކޮށްދީ، އެކަމަށްޓަކައި ލިބެން ޖެހޭ އިނާޔަތްތައް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހު ވަނީ ދެއްވައިފަ އެވެ.
މިދިޔަ ދިރާސީ އަހަރުގެ ތެރޭގައި، އެންމެ ބޮޑު ބުރައެއް އުފުލި އެއް ބަޔަކީ، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ޓީޗަރުންކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑުގެ ދަތިކަން ކުރިމަތިވުމުގެ ކުރިންވެސް، ޓީޗަރުން ކުރަމުން ގެންދެވީ، އަގު ވަޒަން ނުކުރެވޭ ވަރުގެ ބުރަ މަސައްކަތްތަކެއް ކަމަށެވެ.
ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި މުސާރަ އަށް ހެޔޮ ގޮތްތަކެއް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހު ވިދާޅުވެފަ އެވެ. ނަމަވެސް އެ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ޓީޗަރުންގެ މުސާރަ ބޮޑު ކުރުން އޮތީ މަޑުޖައްސައިލައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު