ނިއު ނޯމަލް އަށް އާދެވުނަސް ކޮވިޑުގެ ނުރައްކާތެރިކަން ފިލައިގެން ދިޔައީކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން ރެހެންދި ސްކޫލުގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑުގެ މިހާލަތުގައިވެސް ރާއްޖޭގައި ސްކޫލްތައް ހުޅުވައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑުގެ ހާލަތު އަދިވެސް އޮތީ ވަރަށް ގޯސް ކޮށް ކަމަށެވެ.

"ގިނަ ގައުމުތައް އަދިވެސް އޮތީ ފުރަބަންދުގަ. އާންމު ވިޔަފާރިތަކާއި ދަތުރުފަތުރުތައް ހުރީ ހުއްޓިފަ. ގިނަ ބަޔަކު އަދިވެސް ތިބީ ކޮވިޑު ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖެހިފަ. މާތްﷲގެ މަދަދާއި އޯގާވަންތަވެރިކަމުން ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ހުރީ މިހާރު ލިބިފަ. ގިނަ ބަޔަކު މިހާރު ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަ ކޮށްފި. ރާއްޖެ މިހާރު މިވަނީ އާ އަންމު ހާލަތަކަށްވެސް އައިސްފަ." އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އާ އާންމު ހާލަތާއެކު ރާއްޖޭގެ ވިޔަފާރިތަކާއި އޮފީސްތައްވެސް ހުޅުވާފައިވާ ކަމަށެވެ. އާންމު ދަތުރުފަތުރު ހުޅުވާފައިވީ ނަމަވެސް ބައެއް ގައުމުތަކުގައި އަދިވެސް ކޮވިޑު ޖައްސާ ނުރައްކާތެރި ތަފާތު ވައިރަސް ފެތުރެމުންދާ ކަމަށާއި އެހެން ކަމުން އާ އާންމު ހާލަތަކަށް އާދެވިފައިވީ ނަމަވެސް ނުރައްކާތެރިކަން ކުޑަ ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑު-19އިގެ ނުރައްކާތެރިކަން މުޅިން ފިލައިގެން ދިޔައީ ކަމަށް ގަބޫލުކޮށްގެން އަދި ނުވާނެ ކަމަށާއި ކޮވިޑު ޖައްސާ ނުރައްކާ ވައިރަހުގެ ވަބާތައް އަދިވެސް ރާއްޖެއަށް އަތުވެދާނެ ކަމަށް އަބަދުވެސް ސަމާލުވާން ޖެހޭނެ ކަމަށެވެ. އެހެންކަމުން ކޮވިޑު ކޮންޓްރޯލް ކުރުމުގައި ރާއްޖެއަށް މި ލިބުނު ކުރިއެރުން އެ ގޮތުގައި ދަމަހައްޓަން ހުރިހާ އެންމެން ގަދަ އަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ސްކޫލްތަކުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް ބެލެނިވެރީންނާއި، ޓީޗަރުންނާއި ދަރިވަރުންވެސް ފުރިހަމަޔަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.