މިދިޔަ ދިރާސީ އަހަރު ސްކޫލުތަކުގެ ވެރީންނާއި މުވައްޒަފުން ކުރައްވާފައިވަނީ ވަރަށް މަތިވެރި ޖިހާދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑުގެ ހާލަތަކީ ވަރަށް ދަތި އުދަނގޫ ގޮންޖެހުންތައް ގިނަ ހާލަތެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ތައުލީމީ ދާއިރާ އަކީ ގޮންޖެހުން ގިނަ ދާއިރާއެއް ކަމަށެވެ.
އެހެން ނަމަވެސް މި ދަތި އުނދަގޫ ހާލަތުގައިވެސް ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައަިޝަތު އަލީގެ އިރުޝާދާއެކު، ސްކޫލްތަކުގެ ވެރިންނާއި ޓީޗަރުން އަދާކުރެއްވީ މަތިވެރި ޖިހާދެއް ކަމަށާއި އެއީ އަގު ނުކުރެވޭނެ ޖިހާދެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮވިޑުގެ މި ދަތި އުނދަގޫ ހާލަތުގައިވެސް ކުދިންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓަރުގެ އިރުޝާދާއެކު ޓީޗަރުންނާއި ސްކޫލްތަކުގެ ވެރިން ކުރެއްވީ އަގު ނުކުރެވޭނެ ފަދަ މަތިވެރި ޖިހާދެއް. މިކަން މިގޮތަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔުމަށް ބެލެނިވެރިން ކުރެއްވި މަސައްކަތަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން." އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ކޮވިޑުގެ ހާލަތު އަދިވެސް އޮތީ ކަންބޮޑުވާ މިންވަރަށް ކަމަށާއި ނަމަވެސް ރާއްޖޭގައި ސްކޫލްތައް ހުޅުވި ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަކީ ލިބޭ ވަރަށް ފަހުރެއް ކަމަށެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށްވެސް ވިދާޅުވި އެވެ.
އަހަރު މެދުތެރެއިން ދިރާސީ އަހަރުގެ ކިޔެވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި މިއަދު ފަށާފައިވާއިރު މިއަދު ސްކޫލްތައް ހުޅުވާފައިވަނީ 92936 ދަރިވަރުންނާއެކު އެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން 14 ރަށެއް މޮނިޓަރިން އަށް ލާފައިވީ ނަމަވެސް އެ ރަށްތަކުގެ ކިޔެވުންވެސް މިއަދު އޮންލައިންކޮށް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު