އެމެރިކާއިން ރާއްޖެއަށް ފައިޒާ ވެކްސިންގެ 128700 (އެއްލައްކަ އަށާވީސް ހާސް ހަތް ސަތޭކަ) ޑޯޒް ވެކްސިން ހަދިޔާ ކޮށްފި އެވެ.
މިއީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އެމެރިކާގެ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާ ކޮށްފައިވާ ވެކްސިން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވަނީ، މުޅި ދުނިޔޭގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތަށް ތައުރީފު ކުރައްވައި، އެމެރިކާއިން ވެކްސިން އެންމެ ފުރަތަމަ ފޮނުވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނީތީ އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
ނަސީމު ވިދާޅުވީ ފައިޒާ ވެކްސިން ލިބުމުން، އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދީންނަށް ވެކްސިން ދޭން ފެށޭނެ ކަމަށެވެ.
އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެލައިނާ ޓެޕްލިޓްޒް ވަނީ ދިވެހި ސަރުކާރާ އެމެރިކާ ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެގައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ދިވެހިރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އެގޮތުން 2 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ އާއި، އެކި ފަހަރު މަތީން ގިނަ އަދަދެއްގެ ޕީ.ޕީ.އީ (ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް) އާއި ޕީ.ސީ.އާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވެ އެވެ. އަދި އައިއޭއީއޭ އާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށްވެސް އެހީ ފޯރުކޮށްދީފައިވެ އެވެ.
އެމެރިކާއިން ހަދިޔާކުރި ވެކްސިން ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އދ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު ކެތެރިން ހެސްވެލް، ޔުނިސެފް ކަންޓްރީ ރެޕްރެޒެންޓޭޓިވް މަރްޖާން މޮންތަޒޭމީ، ޑަބްލިޔު.އެޗް.އޯ ރެޕްރެޒެންޓޭޓިވް ޑރ ނަޒްނީން އަންވަރު، ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ، އަދި ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު