ކުރިއަށް އޮތް ދިރާސީ އާ އަހަރު ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދަން ނިންމާފައިވީނަމަވެސް ކޮންމެހެން ނާސްތާ ދޭން ޖެހޭ ދަރިވަރުންނަށް ނާސްތާ ދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ނާސްތާ ޕްރޮގްރާމް މެދުކަނޑާލާފައިވަނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.
ޑރ. އައިޝާ ވިދާޅުވީ ހުރހާ ދަރިވަރުންނަށް ނާސްތާ ނުދިން ނަމަވެސް ކޮންމެހެން ނާސްތާ ދޭން ޖެހޭ ދަރިވަރުންނަށް ނާސްތާ ދެވޭނެ ކަމަށެވެ.
"ކޮވިޑާ ގުޅިގެން އަޅުގަނޑުމެން ނާސްތާ ޕްރޮގްރާމް މެދުކަނޑާލީ. އެއީ ބޭރުން ބަޔަކު ހަދައިގެން ގެންނަ ކާއެއްޗެހި ދަރިވަރުންނަށް ނުދޭން ވެގެން. އެ ޕްރޮގްރާމަށްވުރެ ދަރިވަރުންގެ ދުޅަހެޔޮކަން މާ މުހިންމު. އެކުދީންގެ ރައްކާތެރިކަމަށް އަޅުގަނޑުމެން އެ ޕްރޮގްރާމް މެދު ކަނޑާލީ. އެކަމަކު ތިބޭނެތާ ކޮންމެހެން ނާސްތާ ބޭނުންވާނެ ކުދިން. އެކުދިންނަށް ނާސްތާ އާއި އެހެނިހެން މީލްތައްވެސް ދެވޭނެ. އެއީ މީގެ ކުރިންވެސް މިނިސްޓްރީން އަމަލު ކުރަމުން އައި ގޮތް." އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއްގެ ގޮތުގައި ސްކޫލްތަކުގައި ނާސްތާ ޕްރޮގްރާމް ފެށީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ނަމަވެސް ރާއްޖޭގައި ކޮވިޑް 19 ފެތުރެން ފަށައި ނުރައްކާ ވުމުން، މިދިޔަ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ނާސްތާ ޕްރޮގްރާމް މެދުކަޑައިލިއެވެ.
އެހިސާބުން ފެށިގެން މިހާތަނަށް ނާސްތާ ޕްރޮގްރާމް ފަށައިފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ގެއިން ދަރިވަރުންނަށް ރަނގަޅަށް ނާސްތާ ދިނުމަށާއި، ސްކޫލަށް ކުދިން ފޮނުވާއިރު ބޯފެންވެސް ގެއިން އެކުދިންނާ ހަވާލު ކުރުމަށް އޮތީ އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު