ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް މޮނީޓާ ކުރުމަށް ފައިގައި އަޅުވާ މޮނިކޮން ޓެގް ހުސްވެފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީން މިރޭ ބުނެފިއެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ހިނގާ ގޮތް އެމްޑީޕީގެ ތެރެއިން ބަލައި ފާރަވެރިވުމަށް އެކުލަވާލާފައިވާ "މެއި ހައެއް" ކޮމިޓީން މިއަދު ވަނީ ފުލުހުންނާ ބައްދަލުކުރައްވައިފައެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން "މެއި ހައެއް" ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ މޮނިކޮން އަމުރުގެ ދަށުން ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުންގެ ފައިގައި އަޅުވާ މޮނިކޮން ޓެގްގެ ސްޓޮކް ހުސްވެފައިވާ ކަމަށެވެ. އަދި އެކަން މިއަދު ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައި އެފަރާތްތަކުން ބުނެފައިވާ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ އެކު "މެއި ހައެއް" ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރުވެސް ވަނީ މޮނިކޮން ޓެގް ހުސްވެފައިވާކަން ފާހަގަ ކުރައްވާފައި ކަމަށެވެ.
އެހެން ނަމަވެސް މޮނިކޮން އަމުރު ނެރެފައިވާ ފަރާތްތައް މޮނީޓާ ކުރުމާއި ސާވޭލެންސް ކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.
"މޮނިކޮން ޓެގް، އޭގެ ސްޓޮކެއް ނެތް ކަމަށް. ކުރީގައި އަޅުގަނޑުމެން ހޯމް މިނިސްޓަރާ ބައްދަލުކުރި އިރުވެސް ނެތް ކަމަށް ފުލުހުންނާ މިއަދު ބައްދަލު ކުރުމުންވެސް ވިދާޅުވަނީ ނެތް ކަމަށް،" އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ މޮނިކޮން ޓެގް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 100 ޓެގް ހޯދުމަށް އެއް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އެއީ ސަރުކާރުން ނުކުރެވޭނެ ވަރުގެ ހަރަދެއް ނޫން ކަމަށްވެސް އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ ބަޖެޓުގައި އެ އަދަދު ދޫކުރެވެން ނެތް ނަމަވެސް ކޮންޓިންޖެންސީ ބަޖެޓުން އެވަރުގެ އަދަދެއް ދޫކުރެވިދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެ އަދަދު ދޫކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ދަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު 32/2015ގެ ހަތަރުވަނަ ބާބުގެ 29 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނީޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އެ މާއްދާގެ ށ ގައިވަނީ އެފަދަ އަމުރަކަށް ކިޔަނީ މޮނިކޮން އަމުރު ކަމަށެވެ. އަދި އެ އަމުރު ނެރުމާ އެކު ތުހުމަތު ކުރެވޭ މީހުންގެ ފައިގައި މޮނިކޮން ޓެގު އަޅުވައެވެ.
މޮނިކޮން އަމުރުގެ ދަށުން އެންމެ ފުރަތަމަ ޓެގު އަޅުވަން ފަށާފައި ވަނީ ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވި އިރުއެވެ. އެ ދުވަސްވަރު 15 މީހެއްގެ ފައިގައި ޓެގް އަޅުވައިގެން ފުލުހުން މޮނިޓާ ކުރަމުން ދިޔައެވެ. ނަމަވެސް އޭރު ރައީސް އޮފީހުން ނިންމީ ޓެގު އެޅުވޭނީ ހޯމް މިނިސްޓްރީގެ ދަށުން އޮންނަ ކޮމިޓީއަކުން ފާސް ކުރުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު