ބާސެލޯނާއާއެކު އަލުން އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ކްލަބުގެ ކެޕްޓަން ލިއޮނަލް މެސީ ތައްޔާރުވެއްޖެއެވެ.
އިތުބާރުހުރި ނޫސް، "ގޯލް" އިން ބުނެފައިވާ ގޮތުގައި ލަލީގާގެ އެހީގައި ބާސާއަށް ލިބުނު ފައިސާގެ އެހީއާއެކު މެސީގެ އާ ކޮންޓްރެކްޓްގައި އޭނާ މިއަދު ސޮއިކުރާނެއެވެ.
މިވަގުތު ކޮންޓްރެކްޓް ހަމަވެ، ފްރީ އެޖެންޓެއްގެ ގޮތުގައި މެސީ ހުރިއިރު، އޭނާ ވަނީ މާ ކުރިންވެސް ބާސާގައި މަޑުކުރަން ނިންމާފައެވެ. އެހެންނަމަވެސް މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހުނު ބަދަލުތަކެއްގެ ސަބަބުން ބާސާއަށް ވަނީ މެސީއާއެކު ފުރިހަމަ އެއްބަސްވުމަކަށް އަންނަން ވަގުތު ނަގައިފައެވެ.
ކޮވިޑް 19ގެ ސަބަބުން ލަލީގާގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައިވާއިރު، އެ ލީގުގެ އެންމެ ބޮޑެތި ކްލަބުތައް ކަމަށްވާ، ބާސާއާއި ރެއާލް މެޑްރިޑުގެ މާލީ ހާލަތުވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެފަދަ ހާލަތަކަށް ކްލަބުތަކުގެ ކަންކަން ގޮސްފައިވާއިރު، ލަލީގާއިން ވަނީ ކުޅުންތެރިންގެ މުސާރަތައްވެސް ކުޑަކުރުމަށް އުސޫލުތައް ހަދާ، ކްލަބުތަކުގެ ޓްރާންސްފާތައްވެސް މަދު ކުރަން ވަކި ހާއްސަ އުސޫލުތަކެއް ހަދާފައެވެ.
އެ އުސޫލުތަކުގެ ސަބަބުން ކުޅުންތެރިންގެ މުސާރަތައް ކެޕް ކޮށްފައިވުމާއެކު ބާސާ ފަދަ ކްލަބުތަކަށްވަނީ ބޮޑެތި މުސާރަ ދޭ ކުޅުންތެރިންގެ ކޮންޓްރެކްޓްތަކަށް ބަދަލު ގެންނަން ޖެހިފައެވެ. ހާއްސަކޮށް ބާސާއިން އަލަށް ސޮއިކުރަން ތައްޔާރު ކޮށްފައިވާ ކެޕްޓަން މެސީގެ ކޮންޓްރެކްޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައެވެ.
އެންމެފަހުން އެ ހާލަތުން ކްލަބުތައް ނެގުމަށް ލަލީގާއިން ނިންމި ނިންމުމަކީ ލޯން އެހީ ހޯދުމަށެވެ. ލަލީގާގެ ހިއްސާއިން ބައެއް ވިއްކާ އަމިއްލަ ކުންފުންޏެއް ކަމަށްވާ ސީވީސީ ކެޕިޓަލް ޕާޓްނާސްގެ ފަރާތުން ވަނީ އެހީ ހޯދާފައެވެ. އެ އެއްބަސްވުމުގެ ދަށުން ލަލީގާއަށް ލިބިގެންދާ 2.7 ބިލިއަން ޔޫރޯގެ ދަށުން ބާސާއަށްވެސް ވަނީ 280 މިލިއަން ޔޫރޯ ލިބިފައެވެ. މިއަދު މެސީގެ ކޮންޓްރެކްޓުގައި ސޮއިކުރަން ބާސާއަށް ލިބުނު އެހީއަކީ އެއީއެވެ.
މެސީއަށް މިދިޔަ ސީޒަންގައި ބާސާއިން 123 މިލިއަން ޕައުންޑް މުސާރައިގެ ގޮތުގައި ދިން ކަމަށް ނޫސްތަކުން ބުނެއެވެ. މިހާރުގެ މުސާރައިގެ ރަސްމީ އަދަދު އަދި ހާމަ ކޮށްފައެއް ނުވެއެވެ.
މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލް ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބުކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ. މެސީއަކީ މިހާތަނަށް ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވަރަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އޭނާ ވަނީ ހަ ފަހަރަށް ބެލޮންޑިއޯވެސް ހޯދައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު