އަމިއްލަ ކުންފުންޏެއް ކަމަށްވާ ސީވީސީ ކެޕިޓަލް ޕާޓްނާސްގެ ފަރާތުން ލަލީގާގެ ހިއްސާ ގަނެ، އެ ލީގުގެ ހާލަތު ރަނގަޅު ކުރުމަށް ފައިސާގެ ބޮޑު އަދަދެއް ލޯނުގެ ގޮތުގައި ދޭން ނިންމައިފިއެވެ.

ކޮވިޑް 19ގެ ސަބަބުން ލަލީގާގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައިވާއިރު، އެ ލީގުގެ އެންމެ ބޮޑެތި ކްލަބުތައް ކަމަށްވާ، ބާސެލޯނާއާއި ރެއާލް މެޑްރިޑުގެ މާލީ ހާލަތުވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެފަދަ ހާލަތަކަށް ކްލަބުތަކުގެ ކަންކަން ގޮސްފައިވާއިރު، ލަލީގާއިން ވަނީ ކުޅުންތެރިންގެ މުސާރަތައްވެސް ކުޑަކުރުމަށް އުސޫލުތައް ހަދާ، ކްލަބުތަކުގެ ޓްރާންސްފާތައްވެސް މަދު ކުރަން ވަކި ހާއްސަ އުސޫލުތަކެއް ހަދާފައެވެ.

އެ އުސޫލުތަކުގެ ސަބަބުން ކުޅުންތެރިންގެ މުސާރަތައް ކެޕް ކޮށްފައިވުމާއެކު ބާސާ ފަދަ ކްލަބުތަކަށްވަނީ ބޮޑެތި މުސާރަ ދޭ ކުޅުންތެރިންގެ ކޮންޓްރެކްޓްތަކަށް ބަދަލު ގެންނަން ޖެހިފައެވެ. ހާއްސަކޮށް ބާސާއިން އަލަށް ސޮއިކުރަން ތައްޔާރު ކޮށްފައިވާ ކެޕްޓަން ލިއޮނަލް މެސީގެ ކޮންޓްރެކްޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައެވެ. މެސީގެ ކޮންޓްރެކްޓަށް ގެންނަން ޖެހުނު އެ ބަދަލުތަކާއެކު ބާސާއަށް އަދިވެސް އޭނާއާއެކު އެއްބަސްވުމަކަށް ނާދެވި އޮތްއިރު، ލަލީގާއަށް ލިބިގެންދާނެ 2.7 ބިލިއަން ޔޫރޯއާއެކު ބާސާއަށްވެސް އެހީތެރިކަން ލިބިގެންދާނެއެވެ.

ލީގުގެ 10 ޕަސެންޓް ހިއްސާ ސީވީސީން ގަންނަން ނިންމާފައިވާއިރު، އެ ޑީލްގެ ދަށުން ދޭ 2.7 ބިލިއަން ޔޫރޯއިން ކްލަބުތަކަށް ބޮޑު އަދަދެއް ބަހާލާނެއެވެ. އެގޮތުން ރެއާލްއާއި ބާސާއަށްވެސް ކޮންމެ ކްލަބަކަށް 280 މިލިއަން ޔޫރޯ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ފައިނޭންޝިއަލް އެކްސްޕާޓުން ބުނެފައިވާ ގޮތުގައި ކްލަބުތަކަށް ލިބިގެންދާ އިތުރު ފައިސާގެ ސަބަބުން އާ ކުޅުންތެރިން ގެންނަން ފުރުސަތު ލިބި، ލަލީގާއަށް ޕްރިމިއާ ލީގާ ފައިސާގެ ގޮތުން ކޮންމެވެސް ވަރަކަށް ވާދަކުރަން ފުރުސަތު ލިބޭނެއެވެ. ހާއްސަކޮށް ބާސާއަށް މެސީގެ އެއްބަސްވުން ފައިނަލައިޒް ކުރުމަށް އެކަން ފަހި ފުރުސަތަކަށްވާނެއިރު، ރެއާލްއަށް ކިލިއަން އެމްބާޕޭ ފަދަ ވަރުގަދަ ނަންތަކަށް މިސްރާބު ޖެހުމަށް ފައިސާގެ ސަބަބުން ފުރުސަތު ފަހިވާނެއެވެ.