ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ތަހުގީގަށް ދީފައިވާ ބަޔާނެއް ލީކު ކޮށްލި މައްސަލަ ބަލައިދިނުމަށް އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރުގައި ކަންބޮޑުވާ އެތައް ކަމެއް ހުރި ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ މައުލޫމާތުތަކަކީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމާއެކު ޝަރީއަތަށް ނޫފޫޒު ފޯރުވުމަށް ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެ ހަބަރުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ކޯޓުގައި ދައްކަވާފައިވާ ވާހަކަތަކަކާއި އެމަނިކުފާނުގެ ފަރާތްޕުޅުން ތަހުގީގީ އިދާރާއަކަށް ދެއްވާފައިވާ ކަމަށް ބުނާ ސައްހަކަން ކަށަވަރު ނުވާ މައުލޫމާތުތަކެއް ހުރި ކަމަށް ބަޔާނުގައިވެއެވެ.
"ކޯޓެއްގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގީ އިދާރާއަކަށް އާންމު ފަރުދަކު ދީފައިވާ މައުލޫމާތުތަކެއް ނޫހެއްގައި ޝާއިއުކޮށް ހެދުމަކީ ޝަރީއަތަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމުގެ އަމަލެއްކަމުގައި ބެލެވޭއިރު، އެފަދަ މައުލޫމާތެއްގެ ތެދު ދޮގު ސާފު ކުރުމެއް ނެތި ޝާއިއުކުރި ފަރާތުން އެ ކުރަނީ ޖިނާއީ ކުށެއްގެ ގޮތުގައި މި ކޯލިޝަނުން ސިފަ ކުރަން. އަދި މިކަން ބަލައި އެ ހަބަރު ލިޔެފައިވާ ފަރާތަށާއި އެ ނޫހުގެ އެޑިޓަރު އަދި މަސްއޫލުވެރިންނާ މެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލަން،" ބަޔާނުގައިވެއެވެ.
ބަޔާނުގައި ވަނީ އެ ހަބަރުގައިވާ މައުލޫމާތުތަކުން ކުށެއް ނެތް މައުސޫމް ބޭފުޅަކު ރައްޔިތުންގެ ކުރިމަތީ ބަދުނާމު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށާއި މިކަމަކީ ސަރުކާރާއި ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންގެ އިދާރާ ގުޅިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. އެހެންވެ، އެކަން ސަރުކާރުގެ ނުފޫޒުތަކުން އެކަހެރިވެފައިވާ ދައުލަތުގެ މިނިވަން މުއައްސަސާއަކުން ބަލައި ފިޔަވަޅު އެޅުމަށް ވެސް އިދިކޮޅު ކޯލިޝަނުން ގޮވާލާފައިވެއެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިރޭ ބުނީ އެ ބަޔާނަކީ ޕީޖީ އޮފީހުން ލީކުވި ބަޔާނެއް ނޫން ކަމަށެވެ. އަދި އެ ބަޔާން ޕީޖީ ހުސެއިން ޝަމީމަށް ލިބިފައިނުވާ ކަމަށާއި އެ ބަޔާން ލީކު ނުކުރާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު