ކުޅިވަރު

ފުރަތަމަ ބިޑަށް އިންޓައިން ބުނީ ނޫނެކޭ، 130 މިލިއަން ޔޫރޯއަށް ލުކާކޫ ގެންދަން ޗެލްސީ ތައްޔާރުވަނީ

ޗެލްސީން ފޯވަޑެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އިންޓަ މިލާންއަށް ކުޅެމުން އަންނަ ރޮމެލޫ ލުކާކޫ ހޯދުމަށް އިތުރު ބިޑެއްް ކުރަން ތައްޔާރުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ލުކާކޫ ހޯދުމަށް ޗެލްސީން މަސައްކަތް ފެށީ ބްރޫޝިއާ ޑޯޓުމަންޑުގެ ފޯވަޑް އާލިން ބްރައުޓް ހާލަންޑް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ޗެލްސީން ވަނީ ލުކާކޫ ހޯދަން މިހާރު އެއް ބިޑް ކޮށްފައެވެ. ޗެލްސީގެ ޑިފެންޑަރު މާކަސް އެލޯންސޯއާއެކު އިތުރު 100 މިލިއަން ޔޫރޯ ޗެލްސީން ލުކާކޫއަށް ހުށަހެޅި ކަމަށް ނޫސްތަކުން ބުނެފައިވާއިރު، އިންޓައިން ތަކުރާރުކޮށް ބުނަމުންދަނީ ލުކާކޫ ނުވިއްކާނެ ކަމަށެވެ.

އެ ބިޑަށް އިންޓައިން ނޫނެކޭ ބުނުމާއެކު ޗެލްސީން ބޮޑަށް ވިސްނާފައި ވަނީ ކުޅުންތެރިޔަކާ ނުލާ، ފައިސާގެ ބޮޑު ބިޑެއް ހުށަހެޅުމަށެވެ. އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ ޗެލްސީން 130 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަން ތައްޔާރުކޮށްފައިވާ ކަމަށައި، އެ ބިޑާއެކު އިންޓައިން ދޫ ދޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ޗެލްސީން މަސައްކަތް ކުރަމުންދަނީ އިންޓަ މިލާންގެ ފައިނޭންޝިއަލް ކްރިސިސްގެ ފައިދާ ނެގުމަށެވެ. އިންޓަ މިލާނުން މިދިޔަ ސީޒަންގެ ސެރެއާ އޭ ނެގި ނަމަވެސް އެޓީމުން މި ސީޒަންގެ ކުރިން އިއުލާންކުރި ފައިސާގެ ބޮޑެތި ދަތިތަކެއް ހުރި ކަމަށެވެ. އެހެންކަމުން ބައެއް ކުޅުންތެރިން ދޫކުރަން އިންޓައިން ނިންމި ނަމަވެސް، އެޓީމުން ކުރިންވެސް ބުނީ ލުކާކޫ ފޮނުވާލަން ބޭނުން ނުވާ ކަމަށެވެ.

ޔޫރޯގައި ބެލްޖިއަމްއަށްވެސް ރަނގަޅު ކުޅުމެއް ދެއްކި ލުކާކޫ އަންނަނީ އިންޓަގެ ތަމްރީނުތަކަށް ނުކުމެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އޭނާގެ ފިޓްނަސް ލެވެލް ވަރަށް ރަނގަޅަށް ފެންނައިރު، ގިނަ ކްލަބުތަކަކުން މިހާރުވެސް ދަނީ ލުކާކޫއަށް ފާރަލަމުންނެވެ.

ޗެލްސީން އޮލިވިއާ ޖިރޫޑު އޭސީ މިލާނަށް ފޮނުވާލާފައިވާއިރު، އެޓީމުން ފޯވަޑެއް ހޯދަން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ހާލަންޑުގެ އިތުރުން ހެރީ ކޭންއަށްވެސް ޗެލްސީން ބަލަމުންދާކަން ހަބަރުތަކުން ވަނީ އެނގިފައެވެ.

އުމުރުން 28 އަހަރުގެ ފޯވަޑް ލުކާކޫ ވަނީ މިދިޔަ ސީޒަންގައިވެސް 24 ގޯލް ޖަހައި، 11 ގޯލަށް އެސިސްޓް ކޮށްދީފައެވެ. އިޓަލީ ލީގުގައި އޭނާއަށްވުރެ ގިނަ ގޯލް ޖެހި ހަމައެކަނި ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ލުކާކޫއަކީ އޭނާގެ ޒުވާން ދުވަސްވަރުގައިވެސް ޗެލްސީއަށް ކުޅުނު ފޯވަޑެކެވެ. 2011 ވަނަ އަހަރު ބެލްޖިއަމްގެ އަންދަރުލެޗުން ލުކާކޫ ޗެލްސީއަށް ގެންދިޔަ ނަމަވެސް އޭރު އޭނާއަށް ޗެލްސީގައި ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.