"މިނިވަންކަމުގެ ދިފާއުގައި ދިވެހީން"ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފަށާފައިވާ ކެމްޕެއިނާ ގުޅުމަށް އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީތަކަކަށް އެ ކޯލިޝަނުން ދައުވަތު ދީފިއެވެ.
އެ ކެމްޕޭނަކީ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް ކަމަށް ބުނެ މިިދިޔަ ހުކުރު ދުވަހު ފެށި ކެމްޕެއިނެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދާއެކު އެ ކެމްޕެއިން ފައްޓަވައިދެއްވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
އެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި އަދުރޭ ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތް ކުރާ ހުރިހާ ލީޑަރުން އެ ކެމްޕެއިނާ ގުޅިވަޑައިގަތުމަށް ދައުވަތު ދީފިއެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު "ވަން" އަށް މިއަދު ވިދާޅުވީ އެ ކެމްޕެއިނާ ގުޅުމަށް ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްއާރުއެމް، އެމްޑީއޭ އަދި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް މިއަދު ސިޓީ ފޮނުވާފައިވާ ކަމަށެވެ.
އިދިކޮޅުން ދައުވަތު ފޮނުވި ޕާޓީތަކުގެ ތެރެއިން އެމްޑީއޭ ފިޔަވައި ދެން ތިބި ހުރިހާ ޕާޓީއަކީވެސް ސަރުކާރު ހިންގާ ކޯލިޝަންގެ ހިއްސާ އޮތް ޕާޓީތަކެވެ.
ކެމްޕެއިން ފެށުމަށް ޕީޕީއެމުން ބޭއްވި ޖަލްސާގައި، އަދުރޭ ވަނީ ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ދާތަން މިހާރު ފެންނަ ކަމަށާއި ގައުމު ސަލާމަތް ކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެއީ ގައުމީ މަސައްކަތެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
އަދުރޭ ވަނީ، އެމްއެންޕީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތްކުރައްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ޑީއެންއޭގެ ނަމުގައި ހަރަކާތެއް ހިންގަވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށްވެސް އިދިކޮޅުގެ ކެމްޕެއިނާ ގުޅުމަށް ދައުވަތު އަރުވައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ނަމަވެސް އެކަމަށް އިދިކޮޅުން ވަނީ އިންކާރުކޮށް އެމްޑީޕީއާއެކު އަދި ރައީސް ނަޝީދާއެކު ސިޔާސީ މަސައްކަތް ނުކުރާނެ ކަމަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު