އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ހިމެނޭ ސަދަން ރީޖަނުގައި ފަތުރުވެރިކަން ކުރިއަރުވައި، ފަތުރުވެރިން އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ކަމާ ގުޅުން ހުރި ފަރާތްތައް ގުޅިގެން ޗާޓަރު ފްލައިޓުތަކެއް ބާއްވަން ހަމަޖައްސައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އައްޑު ސިޓީ ހިމެނޭ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއެކު މަޝްވަރާތައް ކުރެވި، އެ ސަރަހައްދަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ޕެކޭޖެއް ތައާރަފު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"މި ޕެކޭޖުގެ ތެރެއިން އަޅުގަނޑުމެން މި ހަމަޖައްސަނީ ބައިނަލްއަގުވާމީ އެއާލައިންތަކާ ގުޅިގެން ޗާޓަރު ފްލައިޓުތައް. ދެން ފަތުރުވެރިން ގެންނަން ބޭނުންވާ ފަރާތްތަކުން ސީޓުތައް ބުކްކޮށް އެއަށް ފައިސާ ދައްކާ ގޮތަށް މި ހަމަޖައްސަނީ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރުގެ އަމާޒަކީ ސައުތު އެފްރިކާ އާއި ރަޝިއާގެ ފަތުރުވެރިން އެ ސަރަހައްދަށް ގެނައުން ކަމަށާއި ފްލައިޓުތައް ބާއްވާނީ ސީދާ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ، މިއަހަރުގެ ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް އެ ސަރަހައްދަށް ގިނަ ފަތުރުވެރީން ގެނައުމަށް އަމާޒު ހިފާފައިވާއިރު، 300 އެއްހާ ސަފާރީ އެނދުވެސް އެސަރަހައްދުން އެ ދުވަސްވަރު ލިބެން ހުންނާނެ ކަމަށެވެ.
"ބޯޓިން އެސޯސިއޭޝަނުން އަޅުގަނޑުމެންނަށް އެބަަ ޔަގީންކަންދެއްވާ 300 އެއްހާ ސަފާރީ އެނދު އެވައިލަބަލްވާ ވަރަށް އެ ސަރަހައްދަށް ސަފާރީތައް މޫވްކޮށްދޭނެ ކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.
އައްޑު ހިމެނޭ ސަރަހައްދަށް ފަތުރުވެރިން ގެނައުމުގެ ބޮޑު އަމާޒެއް މިނިސްޓްރީން ހިފާފައިވާއިރު، އައްޑޫގައި އޮޕަރޭޓްކުރާ ހުރިހާ ރިސޯޓެއް އޮޕަރޭޝަނަށް ގެނައުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު