ހުޅުމާލޭގައި މަދުވެގެން 500 ވެހިކަލް ޕާކު ކުރެވޭނެ ބިލްޑިންއެއް އެޅުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލޭ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި ހުޅުމާލޭ ރައްޔިތުންގެ ވެހިކަލްތައް ޕާކުކުރުމަށް މަދުވެގެން 500 ވެހިކަލްގެ ޕާކިން ބިލްޑިންއެއް އެ ރަށުގައި އެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެ ޕާކިން ބިލްޑިން އަޅާނީ ހުޅުމާލެއިން ކުރީގެ ކައުންސިލުން ހޯދާފައިވާ ބިމުގައި ކަމަށެވެ. އެގޮތުން އެ ބިލްޑިންގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިއަދު ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ އިމާރާތް ކުރުމަށް ދާނެ ހަރަދާއި މުއްދަތާއި އެކަމާ ގުޅޭ އިތުރު ތަފްސީލެއް މުއިއްޒު ހާމައެއް ނުކުރައްވައެވެ.

މުއިއްޒާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ސުޖާއު ވަނީ ހުޅުމާލޭގައި އެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބިމަށް މިއަދު ޒިޔާރާތް ކުރައްވައިފައެވެ.

ޕާކިން ޖާގައިގެ މައްސަލަތައް ހައްލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ފަހުން ވަނީ ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަ ޕާކިން ޒޯނެއް މާލޭގައި ހަދައިފައެވެ.

މީގެ އިތުރުން މާލޭގައި މީޓަރު ޕާކިން ސިސްޓަމް ތައާރަފު ކުރުމަށް ނިންމައި، އެ މީޓަރުތައް ބަހައްޓަން ޝައުގުވެރިވާ ފަރާތްތަކަށް ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ.