އެންމެފަހުގެ އޮލިމްޕިކް ޗެމްޕިއަން ބްރެޒިލާއެކު މެކްސިކޯ، ޖަޕާން އަދި ސްޕެއިނުން ޓޯކިއޯ އޮލިމްޕިކްސް 2020 ގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ބްރެޒިލުން ސެމީ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ކުއާޓާ ފައިނަލްގައި މިސްރު 1-0 އިން ބަލިކޮށްގެންނެވެ. ބްރެޒިލްގެ ހަމައެކަނި ގޯލް، މެޗުގައި ކާމިޔާބު ކޮށްދިނީ މެތިއަސް ކޫންޔާއެވެ.
ޖަޕާނުން ސެމީ ޔަގީންކުރީ ޕެނަލްޓީ ޖަހައިގެން ނިއުޒީލެންޑް ކަޓުވައިލުމަށްފަހުއެވެ. ޕެނަލްޓީން ޖަޕާނު މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ އިތުރު ވަގުތުގެ ކުޅުން ހަމަވިއިރުވެސް ދެޓީމުންކުރެ އެެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެފައި އޮތުމުންނެވެ. ސްޕެއިނުން ސެމީ ޔަގީންކުރީ މެޗުގެ ފަހުވަގުތު ގޯލް ޖަހައިގެން އިތުރު ވަގުތަށް ގޮސް، 5-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފަހު ވަގުތަށް ދަނިކޮށް މެކްސް ގްރަޑެލް ޖެހި ގޯލުން އައިވަރީ ކޯސްޓް 2-1 އަކަށް ނަތީޖާ ބަދަލުކޮށްލި ނަމަވެސް މެޗުގެ ފަހު ސިކުންތުގައި ސްޕެއިންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބެންޗުން ނުކުތް ވުލްވްސްގެ ފޯވަޑް ރަފާ މިރްއެވެ. އިތުރު ވަގުތުގައި މޮޅަށް ކުޅެ ސްޕެއިންއިން ތިން ގޯލް ޖެހިއިރު، މިއީ 21 އަހަރަށްފަހު ސްޕެއިން އޮލިމްޕިކްސް ސެމީގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.
މެކްސިކޯ އާއި ދެކުނު ކޮރެއާ ކުޅުނު މެޗުވެސް ފެނުނީ ފޯރިގަދަ ކޮށެވެ. އެ މެޗުގައި ނުވަ ގޯލް ފެނިގެން ދިޔައިރު، މެކްސިކޯ މެޗު ކާމިޔާބުކުރީ 6-3 ގެ ނަތީޖާއަކުންނެވެ. މެކްސިކޯއިން ސެމީގައި ބްރެޒިލާ ދެކޮޅަށް ނުކުންނައިރު، ސްޕެއިންއިން ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ. ޖަޕާނުން ފައިނަލަށް ގޮސްފިނަމަ މި އަހަރުގެ އޮލިމްޕިކްސް ވެގެންދާނީ 1968 ވަނަ އަހަރަށްފަހު އެޓީމަށް ފުޓުބޯޅަ އިވެންޓުން މެޑަލް ލިބޭނެ ފުރަތަމަ އޮލިމްޕިކަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު