ކޮވިޑް 19 ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެން ފެށިއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ވައިރަހާ ދެކޮޅަށް ވެކްސިނެއް އުފެއްދިފައި ނެތުމެވެ. ކޮވިޑުން ދިފާއު ވެވޭނެ ގޮތެއް ނެތުމެވެ. ތަހުޒީބީ ގައުމުތަކުންނާއި ހަކީމީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުން ކުރި ބުރަ މަސައްކަތުން ކޮވިޑުގެ ވެކްސިނެއް އެންމެ ފުރަތަމަވެސް އުފެއްދިފައިވަނީ ކޮވިޑުގެ ތޫނު ވަކިތަކުން އެތައް ބަޔަކު ޒަހަމުކޮށް، އެތައް ބައެއްގެ ފުރާނަ ދުއްވާލި ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ކޮވިޑުގެ ފުރަތަމަ ކޭހެއް ޗައިނާއިން ފެނުނުތާ އަހަރެއްހައި ދުވަސް ފަހުން އެ ވައިރަހާ ދެކޮޅަށް ވެކްސިނެއް އުފެއްދުން ވެގެންދިޔައީ ސިއްހީ މާހިރުންނާއި ދުނިޔޭގެ އެތައް ބަޔަކަށް ލިބުނު ކުޑަނަމަވެސް ހިތްހަމަ ޖެހުމަށެވެ. އެއީ ބަންދުވެފައިވާ ދުނިޔެއަކުން ވީއްލި އަލުން އާންމު ހާލަތަށް ރުޖޫއަ ވުމުގައި ވެކްސިންގެ ދައުރު ބޮޑުކަމުންނެވެ.

ކޮވިޑުގެ އުނދަގޫ އަހަރަކަށް ފަހު މިއަހަރު މަރުހަބާކީ، ވެކްސިންގެ އުފާވެރި ހަބަރާއެކުގައެވެ. ގިނަ ގައުމުތަކުން މިއަހަރު ފާހަގަކޮށްފައިވަނީ ކޮވިޑުން ދިފާއުވުުމުގެ އަހަރުގެ ގޮތުގައެވެ. ކޮވިޑަށް ފަރުވާކުރުމަށް އެކި ގައުމުތަކުން ވެކްސިން އުފައްދައިފައިވާއިރު، ވެކްސިން ހޯދުމަށް ދުނިޔޭގެ ގައުމުތަކުގެ މެދުގައި އޮތް ވާދަވެރިކަންވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. ހިލޭ އެހީގެ ގޮތުގައްޔާއި އެނޫންވެސް ގޮތްގޮތުން ވެކްސިން ހޯދުމުގެ މަސައްކަތް ހުރިހާ ގައުމަކުންވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ މާކެޓުގައި ވެކްސިން ލިބެން ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ ރާއްޖެއަށްވެސް ވަނީ ކޮވިޑް ވެކްސިން ލިބިފައެވެ. ރާއްޖޭގެ އާބާދީގައި ހަ ލައްކައެއްހާ މީހުން އުޅޭއިރު އެ އެންމެންނަށް ހިލޭ ވެކްސިން ދިނުމަކީ ސަރުކާރުގެ ވައުދެކެވެ.

ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފަށައިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ފުރަތަމަ ޖަހަން ފަށާފައިވަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އޭގެ ފަހުން ފައިޒާ އާއި ސިނޮފާމް ވެކްސިންވެސް ރާއްޖޭގައި ދިޔައީ ޖަހަމުންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަވެސް ވެކްސިން ޖެހީ ދައުލަތުގެ ތިން ބާރުގެ ވެރިންނެވެ. އެއީ ވެކްސިންގެ ރައްކާތެރިކަމާއި ވެކްސިން ޖެހުމުގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމަށެވެ. ސަރުކާރުގެ އަމާޒަކަށް ވީ ރާއްޖޭގައި ދިރިއުޅޭ ވެކްސިން ޖެހޭ އުމުރުފުރައިގެ އެންމެންނަށް ހަ މަސް ދުވަހުގެ ތެރޭގައި ވެކްސިން ޖަހައި ނިންމާލުމަށެވެ. ފެބްރުއަރީ އެއް ވަނަ ދުވަހުން ފެށިގެން ފޯރިއާއެކު ދިޔައީ ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ. މާލެ އާއި އަތޮޅުތެރޭގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދިޔައިރު ފުރަތަމަ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. ނަމަވެސް ފަހުން ފަހުން ވެކްސިން ޖެހުމަށް ލިބޭ ތަރުހީބު ކުޑަވެގެން ދިޔައެވެ. ވެކްސިން ކިއުތައް ފަޅުވެ، ބައެއް ވެކްސިން ސެންޓަރުތައް ބަންދު ކުރަން ޖެހޭ ހިސާބަށްވެސް ދިޔަ އެވެ.

ރާއްޖޭގައި ވެކްސިން ޖެހުމަށް އަލުން ބޮޑެތި ކިއުތައް ހެދިތަން ފެނިގެން ދިޔައީ، ވެކްސިން ހުސްވުމުގެ ކޮޅުމަތި ފެންނަން ފެށުމާއެކުގައެވެ. ސޯޝަލް ސެންޓަރުން ފެށި ކިއުތައް ވިލިމާލެ ޓާމިނަލާ ހަމައަށް ދެމިގެން ދިޔަ މަންޒަރުވެސް ފެނިގެން ދިޔައެވެ. ކުރިއާލައި ވެކްސިން ޖަހަން ނޫޅެވުމުގެ ސަބަބުން ބޮޑެތި ކިއުތަކެއްގައި ޖެހިގެން އެތައް ވަގުތެއް ހޭދަކޮށްގެން ވެކްސިން ޖަހަން ގިނަ ބަޔަކަށް ޖެހުނެވެ. ދެވަނަ ޑޯޒް ޖަހަން ޖެހޭ ގިނަ ބަޔަކަށް ވެކްސިން ހުސްވިއިރުވެސް ދެވަނަ ޑޯޒެއް ނުލިބުނެވެ. ފަހު ވަގުތު ވެކްސިން ޖަހަން އުޅެ ނުޖެހުމުން އެކަމުގެ ރުޅިވެސް ގިނަ ބަޔަކު ބޭލީ ސަރުކާރަށާއި ސިއްހީ ހިދުމަތްތެރީންނަށެވެ.

ރާއްޖޭގައި އެންމެ ގިނައިން ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިން ހުސްވެ، ދެވަނަ ޑޯޒް ނުޖެހި ލައްކައަކަށް ވުރެ ގިނަ މީހުން ތިބިއިރު ދޭދޭ ގައުމުތަކާއި އެކިއެކި ޖަމިއްޔާތަކާއެކު ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އައީ ވެކްސިން ހޯދުމަށެވެ. އެގޮތުން ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން ގަތް ހަތް ލައްކަ ޑޯޒްގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ރާއްޖެ ލިބިފައެވެ. ނަމަވެސް ރާއްޖެ ލިބުނީ ކިހާ ވެކްސިނެއް ކަމެއް ނޭނގެއެވެ. އެސްޓްރާޒެނެކާ ވެކްސިނަކީ ކޮވީޝީލްޑްގެ ބަދަލުގައި ޖެހިދާނެ ވެކްސިނެއް ކަމުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އަނެއްކާވެސް މިވަނީ ވެކްސިން ޖެހުމުގެ ބިޔަ ޕްރޮގްރާމެއް ފަށައިފަ އެވެ. މިއަދު މާލޭ ސަރަހައްދުގައި އެ ޕްރޮގްރާމް ފަށާނެ ކަމަށް އެޗްއީއޯސީން ބުނެފައިވާއިރު މާލޭ ސަރަހައްދުގައި ވެކްސިން ޖަހާނީ ހަ ސެންޓަރެއްގައެވެ. ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނީ އެޕޮއިންޓްމަންޓް އުސޫލުން ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަށެވެ. އެޗްއީއޯސީގެ އަމާޒަކީ އަންމަ މަސް ނިމެންވާއިރަށް ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުފުރާގެ 90 އިންސައްތަ މީހުންނަށް ވެކްސިންގެ ދެ ޑޯޒް ޖަހައި ނިންމާލުމެވެ. މިހާރުވެސް ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 59 އިންސައްތަ މީހުންނަށް ވަނީ ދެ ޑޯޒް ޖަހައިފައެވެ. މިއާއެކު ރާއްޖެ ވެގެން ގޮސްފައިވަނީ އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް ވެކްސިން ޖެހި އެއް ގައުމަށެވެ.

މާލޭ ސަރަހައްދުގައި މާދަމާ ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ފަށާއިރު، އަވަހަށް ވެކްސިން ޖެހުމަކީ މުހިންމު ކަމެކެވެ. ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުފުރާގެ 27 އިންސައްތަ މީހުން އަދިވެސް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހައި ތިބިއިރު އެމީހުންވެސް މި ފަހަރު މިލިބޭ ފުރުސަތުގައި ވެކްސިން ޖެހުމަކީ މުހިންމު ކަމެކެވެ. ވެކްސިން ޖެހުމުން ކޮވިޑްގައި ބޮޑުވަރުވުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ 80 އިންސައްތައަކީ ވެކްސިން ނުޖަހާ މީހުން ކަމެވެ. އަދި ވެކްސިން ޖެހި މީހުންގެ ތެރެއިން އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހިފައިވަނީވެސް މަދު ބަޔަކަށެވެ.

ކޮވިޑުން ދިފާއުވުމުގެ އިތުރުން ވެކްސިން ޖެހުމަކީ މިހާރުގެ ހާލަތަށް ބަލާއިރު ދަތުރުފަތުރުކުރުމުގައިވެސް ބަލާ ކަމެކެވެ. ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެއްރަށުން އަނެއް ރަށަށް ކަރަންޓީނާއި ނުލައި ދަތުރުކުރެވޭއިރު ބައެއް ގައުމުތަކަށް މިހާރުވެސް ދަތުރުކުރެވެނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެ އަދަދު މިހާރުވެސް އަންނަނީ އިތުރުވަމުންނެވެ. އެއީ އެންމެންގެ ރައްކަލަކަށެވެ.

އެހެންކަމުން، ވެކްސިން ޖެހުމަށް މި ލިބޭ ފަހި ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިފަން އެބަ ޖެހެއެވެ. އަންނަ މަސް ނިމެންވާއިރަށް އާބާދީގެ 90 އިންސައްތައަށް ވެކްސިން ޖެހިފައިވާ ގައުމަކަށް ރާއްޖެ ހަދަން އަޒުމް ކަނޑައަޅަން އެބަޖެހެއެވެ. ކޮވިޑުގެ ފިޔަވަޅުތަކުން ވީއްލި ކުރިން އުޅުނު ދިރިއުޅުމަށް އަލުން ދިއުމަށް ވެކްސިން ކުރީބައިގައި ޖެހުމަކީ މުހިންމު ކަމެކެވެ. ދިވެހީންނަކީ ކޮންމެ ކަމެއްގައި ވެސް ނަމޫނާ ދައްކާ ބައެކެވެ. މި ފަހަރުގެ އުއްމީދަކީ އެންމެ އަވަހަށް ނުކުމެ ވެކްސިން ފުރިހަމަ ކުރުމެވެ. އެހެން ހުރިހާ ގައުމަކަށް ނަމޫނާ ދެއްކުމެވެ. ކުރީގެ ދިރިއުޅުމަށް އަވަހަށް ދިއުމެވެ.