މީގެ 50 އަކަށް އަހަރު ފަހުން ރައީސް އަބްދުﷲ ޔާމީންގެ ހިދުމަތްތައް މި ގައުމުގެ ރައްޔިތުން މިން ކުރާނީ މުހައްމަދު ތަކުރުފާނާ އެއް ފެންވަރުގައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމާ އަލަށް ގުޅިވަޑައިގެންނެވި މެންބަރުން ސޮއި ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އަދުރޭ ވިދާޅުވީ ޕީޕީއެމަކީ ދިވެހި ގައުމީ ޕާޓީ ކަމަށެވެ. އަދި ދިވެހި ގައުމީ ލީޑަރަކީ ރައީސް ޔާމީން ކަމަށާއި މިއީ ދެބަސް ނުވެވޭނެ ހަގީގަތެއް ކަމަށްވެސް ވިދާޅުވިއެވެ.

"މީގެ 50 އަކަށް އަހަރު ފަހުން، މީގެ 60، 70 ވަރަކަށް އަހަރު ފަހުން، ދިވެހި ރާއްޖޭގައި ރައީސް ޔާމީން މިން ކުރާނީ މުހައްމަދު ތަކުރުފާނާ އެއް ފެންވަރުން. މިއީ ހަގީގަތް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ގައުމުންނާއި ގައުމުން ބޭރުންނާއި ޕީޕީއެމުންނާއި އާއިލާއިން އެމަނިކުފާނަށް ކުރިމަތި ކުރުވި ދަތިތަކާއި އުނދަގޫތަކާއި ގޮންޖެހުންތައް އޭނާވެސް ތަޖުރިބާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ ގޮންޖެހުންތަކާ އެކުވެސް ފަސް އަހަރު ދުވަހުގެ ތެރޭގައި 50 އަހަރުގެ ތަރައްގީ ރައީސް ޔާމީން ގެނެސްދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

"އެ ގޮންޖެހުންތަކާ އެކީގައި މިގައުމަށް ފަސް އަހަރު ދުވަހުގެ ތެރޭގައި 50 އަހަރުގެ ތަރައްގީ ގެނެސްދެއްވީ ރައީސް ޔާމީންގެ ހިތްޕުޅުގައި މި ގައުމަށް އޮތް ލޯތްބެއްގެ ސަބަބުން. އެމަނިކުފާނުގެ އިހުލާސްތެރި ނިޔަތެއް އޮތީމަ. ދިވެހި ގައުމާ ދެތެރޭ ތަސައްވުރެއް އޮތީމަ. އެހެންވީމަ އަޅުގަނޑު މި ބުނީ މީގެ 50، 60 އަހަރު ފަހުން ރައީސް ޔާމީންގެ ހިދުމަތް މިން ކުރާނީ މުހައްމަދު ތަކުރުފާނާ އެއް ފެންވަރުގައި،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރަނީ ޕީޕީއެމްގެ ރައީސަށް ވުމުން ނޫން ކަމަށާއި އެމަނިކުފާނު ފިޔަވައި މި ގައުމުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ އިތުރު ލީޑަރެއް ނެތުމުން ކަމަށެވެ.

މި ސަރުކާރުން ރައީސް ޔާމީނަށް ކުރަމުން ގެންދާ އަނިޔާތަކަށް ފާޑު ވިދާޅުވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށްފަހު އަލުން ވެރިކަމަށް ގެންނާނެ ކަމަށާއި އެއީ ދިވެހި ރައްޔިތުން އެދޭ ގޮތް ކަމަށެވެ. އަދި އެކަމަށް އެދި ރައްޔިތުން އަބަދު ގޮވަމުންދާ ކަމަށާއި 2023 ވަނަ އަހަރު ވެރިކަމުގައި ހުންނަވާނީ ރައީސް ޔާމީން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.