ރ. ދުވާފަރުގައި މިއަދު ކޮވިޑް ބަލީގައި މީހަކު މަރުވީ ފަރުވާ ދިނުމުގައި އިހުމާލުތަކެއް ހުރުމުން ކަމަށް ބުނެ އެރަށުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ދުވާފަރު ކައުންސިލުގެ މެންބަރަކު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ކޮވިޑުގައި އެންމެ ފަހުން ދުވާފަރުން މަރުވި މީހާގެ ހާލު ދެރަވެގެން ހެލްތު ސެންޓަރުން މަސައްކަތް ކުރީ ބ. އަތޮޅު އޭދަފުށީގައި ހުންނަ ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް ކަމަށެވެ.
"2:00 އިން ފެށިގެން ހެލްތު ސެންޓަރުން ބުނަމުން ދިޔައީ މިގެންދަނީ މި ގެންދަނީ ކަމަށް" ކައުންސިލް މެންބަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހަމަނުޖެހުންތައް ފުރަތަމަ ފެށީ ދެ އާއިލާއަކުން ކަމަށާއި އެމީހުން ހެލްތު ސެންޓަރުގައި ހުރި ގޮނޑިތަކާއި މޭޒުތައް އުކާލި ކަމަށެވެ. އަދި މުޒާހަރާކުރަމުން ދަނިކޮށް، ހާލު ގޯސްވެގެން ކޮވިޑުގެ އިތުރު ބަލި މީހަކު ވެސް މިރޭ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އެރަށުގެ ސިއްހީ މަރުކަޒު ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އުނގޫފާރުންވެސް މިހާރު ވަނީ އެރަށަށް ފުލުހުންގެ ޓީމެއް ގޮސްފައެވެ.
ދުވާފަރުގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާ އިރު، އެރަށުގައި ހުރީ އެންމެ ޑޮކްޓަރެކެވެ. ނަމަވެސް އޭނާވެސް ހުރީ ކަރަންޓީންގައެވެ. ދެން ތިބެނީ އަށެއްކަ ނަރުހުންނެވެ. އެރަށުގައި އޮކްސިޖަން ދެވޭނެ ގޮތެއް ވެސް ނުހުރެއެވެ.
ދުވާފަރުން ކޮވިޑުގައި އެންމެ ފަހުން މަރުވެފައިވަނީ 52 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައިވަނީ ނޭވާލާން އުނދަގޫވެ، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް މިރޭ 7:30 ގައެވެ.
މިއީ މި ހަފުތާގައި އެރަށުން މަރުވި ދެވަނަ މީހާއެވެ. މިދިޔަ އަންގާރަ ދުވަހުވެސް ވަނީ އެރަށުން މީހަކު މަރުވެފައެވެ. މަރުވެފައިވަނީ 66 އަހަރުގެ ފިރިހެނެކެވެ. މި މަރާއެކު އެރަށުން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު