މި މަހުގެ ކަރަންޓް ބިލު ބޮޑުވެ، ރައްޔިތުންނަށް މިއަދު ދަތިތަކާ ކުރިމަތިވެފައިވަނީ މިދިޔަ ސަރުކާރުން ނިންމި ދެކޮޅުނުޖެހޭ އިގުތިސޯދީ ނިންމުންތަކުގެ ސަބަބުން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، އަދި މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މިމަހު މާލޭގެ ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ބައެއް ބިލުތައް ސަބްސިޑީ ދިނުމުގެ ކުރިން އަރާ ވަރަށް ވުރެ ދެ ގުނަ ބޮޑުކަމުގެ ޝަކުވާތައްވެސް ވަރަށް ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިމަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭ ވަރަށްވުރެ ބޮޑު ބިލެއް ކަމަށާއި ހާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ހާލުގައި ޖެހޭގޮތް ވެފައިވާ ކަމަށެވެ. އަދި ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލު ދައްކަން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވައި އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ޖެހިފައިވާ އުނދަގުލާއި ތަކުލީފަކީ މިދިޔަ ސަރުކާރުން ކަންކުރި ގޮތުން ވާގޮތެއް ކަމަށެވެ.

"އެކަން އެގޮތަށް ދިމާ މިވަނީ މަނިކުފާނު (މުއިއްޒު) އިން ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގުތިސޯދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުން. އިރާދަފުޅުން މާދަމާއަކީ މާރަގަނޅު ދުވަހަކަށް ހަދާނަން،" އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ އެ ޓުވީޓަށް ރައްދުދެއްވައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުގެ ވާހަކަތައް ދެއްކުން ހުއްޓާލަންޖެހޭ ކަމަށާއި އެ ވާހަކަތައް މިހާރު ރައްޔިތުންނަށް ޖޯކަކަށް ވެފައިވާ ކަމަށެވެ.

"ކަންފަތްފުޅަށް އަޑު ގެންދަން ކޮންމެ ފަހަރަކު ރައްޔިތުންނަށް މިޖެހެނީ އޮބި އަޅަން. ދައުރު ނިމުމުގެ ކުރިން ރައްޔިތުންނަށް ހިދުމަތެއް ކޮށްދިނުން މާ އައުލާކަން ބޮޑު،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމަށް ރައްދުދެއްވައި އާޒިމް ވިދާޅުވީ ތިޖޫރީ ހުރިތާ ހުރީ މިދިޔަ ސަރުކާރުން އެކި ގައުމުތަކުން ނަގާފައިވާ ލޯންތައް އަހަރަކު އެއް ބިލިއަން ރުފިޔާ ދައްކަން ޖެހޭކަމުގެ ކަރުދާސް ކަމަށެވެ. އަދި ކޮވިޑުގެ މި ބަލިމަޑުކަމުގައިވެސް ރައްޔިތުންނަށް އެކިއެކި ކަންކަން ކޮށްދެމުންދަނީ އެ ދަރަނިތައް އަދާކުރަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ތިޖޫރީ ހުރިތާ އޮތީ ހުސްވަޅުގަނޑެއް. އެ ވަޅުގަނޑު ތެރޭ ހުރި ކަރުދާހުގައި ހުރީ އަހަރަކު އެއް ބިލިއަން ރުފިޔާ ބޭރުގެ އެކިއެކި ފަރާތްތަކަށް ދޭން. ބޮޑު ބަލިމަޑު ކަމެއްގައިވެސް ރައްޔިތުންނަށް އެކިއެކި ކަންކަން ކޮށްދެމުން މިކުރާ ކަމަކީ ނުއަގުގަޔާ ނުކަސިޔާރުކޮށް ނަގާފައި ހުރި ދަރަނި އަދާކުރަނީ،" އާޒިމް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ޖޫން މަހުގެ ކަރަންޓު ބިލުތަކުން 40 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިއެވެ. އެހެންކަމުން މި މަހުގެ ކަރަންޓް ބިލުގައި ސަބްސިޑީއެއް ނުހިމެނެއެވެ.

އެކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ މި މަހުގެ ކަރަންޓު ބިލު ބޮޑު ކަމަށް ފާހަގަކުރެވެނީ ކޮވިޑާ ގުޅިގެން ދިން ސަބްސިޑީ އުނިކޮށްފައިވާތީ ކަމަށާއި ބޭނުން ނުކުރާ ކަރަންޓަކަށް ސްޓެލްކޯއިން ޗާޖު ނުކުރާނެ ކަމަށެވެ. އަދި ކަރަންޓު ބިލަށް އެރި ވަރު އަމިއްލައަށްވެސް ބަލައިލެވޭނެ ކަމަށް ވިދާޅުވިއެވެ.