ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮޓަރިއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 6:03ގައި ކަމަށާއި އަލިފާން އެއްކޮށް ކޮންޓްރޯލް ކޮށްފައިވަނީ 7:10ގައި ކަމަށެވެ.
މިހާދިސާގައި އެ ކޮޓަރިއާއި ކޮޓަރީގެ ހުރި ތަކެއްޗަށް ބޮޑެތި ގެއްލުން ލިބިފައިވާއިރު އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މި އަހަރުގެ މޭ މަސްތެރޭގައިވެސް ހިޔާގެ ކޮޓަރިއެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. އެފަހަރުވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ނަމަވެސް އެއީ ދެ ކުއްޖެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކަށްފަހު ގަސްދުގައި ރޯކޮށްލީ ކަމަށް ވާހަކަތައް ދެކެވުނެވެ.