އެމްޑީޕީން ސަރުކާރު ދޫކޮށްދާން ނިންމާފައިވާ ކަމަށް ވިދާޅުވެ، އެ ޕާޓީ ހަލާކުކޮށްލުމުގެ ހައްގެއް ވަކި މީހަކަށް ނޯންނާނެ ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާޑު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ރޭ ރޮޒައިނާ ވިދާޅުވީ މިއަދު ޕާޓީ ހަލާކުކޮށްލައިގެން އެއްވެސް މީހަކަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށާއި އެ ހައްގު ވަކި މީހަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި ޕާޓީ ތެރޭގައި ހުރި މައްސަލަ ތަކަކީ ވާހަކަދައްކައިގެން ހައްލު ކުރެވޭނެ ކަންކަން ކަމަށްވެސް ވިދާޅުވިއެވެ.
"ޕާޓީ ހަލާކުކޮށްގެން އަޅުގަނޑަކަށް ނުފެނޭ ފައިދާވާނެ އެއްވެސް މީހެއް. އަޅުގަނޑެއް ބޭނުމެއް ނުވޭ އެމްޑީޕީ ފަޅައިގެންދާކަށް. އަޅުގަނޑު ގަބޫލެއް ނުކުރަން ވަކި މީހަކަށް ޕާޓީ ހަލާކުކޮށްލުމުގެ ރައިޓެއް އޮންނާނެ ކަމަކަށް. ޕާޓީ ތެރޭގައި މިފަދަ ބޮޑެތި މައްސަލަތައް ޖެހިގެންދާއިރުގައި ވެރިންނަށް ތިއްބަވާ ބޭފުޅުން ވާހަކަ ދައްކަވައިގެން ހައްލު ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމަށް. މިއީ ޕާޓީގެ ހުރިހާ މެންބަރުންގެ ހައްގުގައި ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމެއް،" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ މި ވެރިކަން އެމްޑީޕީއާ ހަވާލު ކުރީ އެ ޕާޓީގެ މެންބަރުންގެ ލައްކަ މަސައްކަތުން ކަމަށާއި އެކަން ބޮލާލައި ޖަހާފައި ސަރުކާރުން ވަކިވެ، ވަކި މީހަކު ބޭނުންވާ ގޮތަކަށް ކަންކަން ނިންމައިގެން ނުވާނެ ކަމަށެވެ.
"އެމްޑީޕީން މި ސަރުކާރުން ވަކިވާނީއޭ. އެމްޑީޕީން މި ސަރުކާރަކަށް ތާއީދެއް ނުކުރާނަމޭ. މިކަހަލަ އެއްޗެހި ވިދާޅެއް ނުވެވޭނެ އެމްޑީޕީ ގައުމީ މަޖިލީހުގައި މަޝްވަރާ ނުކޮށް، އެމްޑީޕީ ތެރޭގައި މަޝްވަރާ ނުކޮށް މިކަހަލަ ބޮޑެތި ވާހަކަތައް އެއީ ޕާޓީގެ ނިންމުންތައް ކަމަށް ދޭހަވާ ގޮތަށް ވިދާޅުވެވޭނެ ކަމަކަށް ގަބޫލެއް ނުކުރާނަން. އެމްޑީޕީ އާންމު މެންބަރުން ހޮވި ސަރުކާރެއް ބޮލާލައި ޖަހާފައި އެއް ބޭފުޅަކަށް އެކަން އެގޮތަށް ނިންމަވައިގެން ދެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ މިހާރު އުޅެނީ ކޯލިޝަން މައްސަލައެއް ނޫން ކަމަށާއި އުޅެނީ ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވި، ބޮޑު ވަޒީރުކަން ނުލިބިގެން އުޅޭ މައްސަލަ ކަމަށެވެ. ނަމަވެސް މިއީ ޕާޓީ ބައިބައިކޮށް، ސަރުކާރުގެ ހިންގުމަށް ހުރަސް އަޅަން ވީ ވަގުތު ނޫން ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
"މިވަގުތު ހުރީ އެމްޑީޕީގެ ރައީސެއް. އެހެންކަމުން މި ފަސް އަހަރު ނިމެންދެން ޕާޓީގެ ފަރާތުން އެއްބާރުލުން ދޭންޖެހޭނެ. މަޖިލީހުންވެސް. އެހެންނޫނީ ޕާޓީ ހަލާކުވެގެން ދިއުން ނޫން ކަމެއް ނުވާނެ. ގަބޫލު ކުރަނީ ޕާޓީ ތެރޭގައި ހުރި މައްސަލަތައް ވާހަކަ ދައްކައިގެން ހައްލު ކުރެވެން ޖެހޭނެ ކަމަށް. މަގުމައްޗަށް ނުކުމެގެން އަމިއްލަ ޕާޓީގެ ކަންކަން ހައްލު ކުރަން ޖެހޭނަމަ އިދިކޮޅާ އެއްވެސް ތަފާތެއް ނޯންނާނެ،" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ ޕާޓީ ތެރޭގައި އެއްވެސް ކަމަކާ މަޝްވަރާއެއް ނުކުރާ ކަމަށާއި މަޖިލީހަށް ހުށަހެޅޭ ބިލްތަކަށްވެސް އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ނުކުރާ ކަމަށެވެ. އަދި އަދި ބިލްތަކާމެދު މަޖިލީހުގެ ތެރެއިން ގޮތް ނިންމަނީ ކުޑަ ގްރޫޕަކުން އެއް ވެލާފައި އެބޭފުޅުން ބޭނުންވާ ގޮތަކަަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު