ކުޑަކުދިންނަށް ޖެހޭނެ ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާލުވެއްޖެއެވެ.

އެޗްއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑުން ދިފާއުވުމަށް ކުޑަކުދިންނަށް ހާއްސަކޮށް ވެކްސިނެއް އުފައްދާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ކުޑަކުދިންނަށް ވެކްސިނެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވި، މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ކުޑަކުދިންނަށް ވެކްސިން ދިނުމަށް ހުއްދައެއް އަދި ނުލިބޭ. އެކަމަކު އިތުރު ވެކްސިން ހޯދުމުގެ މަސައްކަތް ކުރެވޭ. އެގޮތުން އެކުދިންނަށް ވެކްސިނެއް ހޯދުމަށް މަސައްކަތްވެސް ކުރަން. މިހާރު ކޮންމެވެސް ވަރަކަށް ކޮމިޓްމެންޓްސްތަކެއް ލިބިފަ ވަނީ. އެކަމަކު ފައިނަލްވެފައި، ތަރީހެއް އެނގުނީމަ މީގެ ތަފްސީލެއް އަޅުގަނޑުމެންނަށް ދެވޭނީ." އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ޖެހޭނެ އެމްއާރްއެންއޭގެ ވެކްސިންގެ ޑޯޒެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި ތަފްސީލުތައް ދެވޭނީ އެކަން ޔަގީންވުމުން ކަމަށެވެ.

މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުޑަކުދިންނަށް ޖެހޭނެ ކޮވިޑް ވެކްސިނެއް އުފައްދައިފައެއް ނުވެއެވެ. ނަމަވެސް މިހާރު ބޭނުންކުރަމުން އަންނަ ވެކްސިންތައް ކުޑަކުދިންނަށް ރައްކާތެރިތޯ ބެލުމަށް އަންނަނީ ޓެސްޓުތައް ހަދަމުންނެވެ.