ވެކްސިން ޖަހާން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު ފަށާއިރު، މާލޭ ސަރަހައްދުގައި މި ޕްރޮގްރާމް ކުރިޔަށް ދާނީ އެޕޮއިންޓްމެންޓަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ، އާންމު ދިރިއުޅުމަކަށް ދެވޭނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިގެން ކަމަށެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި ގިނަ ބަޔަކަށް ވެކްސިން ޖަހައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ރާއްޖެއަށް ލިބިފައިވާ އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓާއި ކުރިއަށް ލިބެން ހުރި ވެކްސިނާއެކު ވެކްސިން ޖަހަން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހިގެންދާނެ ކަމަށެވެ. އަދި އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ވެކްސިން ޖެހުމުގެ ފައިނަލް ޕުޝް އަތޮޅުތެރޭގައި އިއްޔެއިން ފެށިގެން ކުރިއަށް އެބަދޭ. މާލޭގައި އިރާދަކުރެއްވިއްޔާ މިމަހުގެ 31 ވަނަ ދުވަހު ފަށާނަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެޗްޕީއޭގެ އިމިޔުނައިޒޭން ޕްރޮގްރާމްގެ ފަރާތުން ނާޝިޔާ އަބްދުލް ޤަފޫރު ވިދާޅުވީ، މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ ހަ ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.
"އެސްޓްރާޒެނެކާ ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާއިރު އެޕޮއިންޓްމަންޓް އުސޫލުން ވެކްސިން ޖެހުމުގެ ކަންކަން މި ކުރިއަށްދަނީ. ބޭނުންފުޅު ގަޑިއަކަށް އެޕޮއިންޓްމަންޓް ހެއްދޭނެ،" ނާޝިޔާ ވިދާޅުވިއެވެ.
ނާޝިޔާ އިތުރަށް ވިދާޅުވީ، އެޕޮއިންޓްމަންޓް ރިޖެކްޓްވާ މައްސަލައަށް މިފަހަރު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާއިރު ވެކްސިން ޖެހޭ އާބާދީގެ 59 އިންސައްތަ މީހުން މިހާރު ވަނީ ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައެވެ.
ކޯވިޑް ވެކްސީން
ކޯވިޑް ވެކްސީން