އަންނަ ހޮނިހިރުން ފެށިގެން މާލޭ ސަރަހައްދުގެ ހަ ސެންޓަރެއްގައި ކޮވިޑް ވެކްސިން ޖަހަން ފަށަން ނިންމައިފި އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިއުނިޒޭޝަން ޕްރޮގްރާމު މެނޭޖަރު ނާޝިޔާ އަބްދުލްޣަފޫރު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިން މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ޖަހަން ފަށާނެ ކަމަށެވެ. އަދި އިއްޔެއިން ފެށިގެން ރަށްރަށުގައި އެސްޓްރާޒެނެކާގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

ނާޝިޔާ ވިދާޅުވީ ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންނަށްވެސް އެސްޓްރާޒަނެކާ ވެކްސިން އިން ދެވަނަ ޑޯޒް ޖެހުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އިންޑިއާއިން ހަދިޔާކޮށްގެން ރާއްޖޭގައި ޖަހާ "ކޮވިޝީލްޑް" ވެކްސިނަކީ ވެސް އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ވެކްސިނެވެ. އެސްޓްރާޒެނެކާ އަދި ކޮވިޝީލްޑް ވެސް އުފައްދަނީ އެއް ފޯމިއުލާއެއް ބޭނުންކޮށްގެންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަމުން އައި ކޮވިޝީލްޑް ވެކްސިން އުފައްދަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ހޮމެނޭހެން ހަ ސެންޓަރެއްގައި ފަށާއިރު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓް ދޫކޮށްގެންނެވެ.