ފައިޒާ ވެކްސިންގެ ދަވަނަ ޑޯޒް ޖެހި ފަހުން ހަ މަސް ދުވަސްވެފައިވާ މީހުން، ބޫސްޓާ ޑޯޒް ޖަހަން އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭ އިން ރޭ ހުޅުވާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެޗްޕީއޭއިން ވަނީ، ކޮވިޑުން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓް ލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް ތިން ވަނަ ޑޯޒެއް ޖަހަން ނިންމައި އެކަން އިއުލާނު ކޮށްފައެވެ. ބޫސްޓާ ޑޯޒް ޖަހަން ނިންމީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ލަފާގެ މަތިން އެކަމާ ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން ރޭ ބުނީ، ބޫސްޓާ ޑޯޒް ދޭނީ އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުން ކަމަށެވެ. އޭޑީކޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9 އިން މެންދުރު 2 އަށެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައި ދޭނީ މެންދުރު 1 އިން 3 އަށެވެ.
ބޫސްޓާ ޑޯޒް ދިނުމުގައި ބަލާ އިތުރު ކަންކަން:
- ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުން
- ދިފާއީ ނިޒާމު ބަލިކަށި މީހުން
- ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން
- ފުއްޕާމޭގެ އެކި ބަލިތަކަށް ފަރުވާ ކުރާ މީހުން
- ކެންސަރަށް ފަރުވާ ކުރާ މީހުންނާއި ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން
- 60 އަހަރު މަތީގެ މީހުން
- އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން
- ގަވާއިދުން ޑަޔަލިސިސް ހަދާ މީހުން
- ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން
- އޮކްސިޖަން ތެރެޕީ ނަގާ މީހުން
- ބަލީގެ ސަބަބުން އެނދުމަތިކޮށްފައިވާ މީހުން
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
ރާއްޖޭގެ އާބާދީގެ ތެރެއިން ވެކްސިން ޖަހަން ޖެހޭ ގިނަ މީހުން މިހާރު ވަނީ ވެކްސިން ޖަހައިފައެވެ. 339،400 އަށް ވުރެ ގިނަ މީހުން ތިބީ ވެކްސިން ފުރިހަމަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު