ޚަބަރު

ކޮވިޑް ވެކްސިން ޖެހިގޮތުގެ އޮޑިޓެއް ހަދަނީ

ކޮވިޑްގެ ވެކްސިން ރާއްޖެ ގެނެސް، އެ ވެކްސިން ޖެހި ގޮތުގެ އޮޑިޓެއް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހަދަން ފަށައިފިއެވެ.

ޓްރާންސްޕޭރެންސީގެ ސީނިއާ ލީގަލް ކޮންސަލްޓެންޓް ޝައިފާ ޝާހިދު މިއަދު "ވަން" އަށް ވިދާޅުވީ، ހަމަހަމަކަމާ އެކު ކޮވިޑްގެ ވެކްސިން ލިބޭކަން ކަށަވަރުކުރުމަށް ދެފުށް ފެންނަ ގޮތަކަށް، އެއް ތަނެއްގައި މައުލޫމާތު ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް ވެކްސިން ޖެހިގޮތުގެ އޮޑިޓެއް ހެދުމުގެ މަސައްކަތް އެ ޖަމިއްޔާއިން ފަށާފައިވަނީ މި ހަފުތާގެ ތެރޭގައި ކަމަށާއި ޖޫން މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

"އޮޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ގައުމުތަކުން ހަދިޔާކުރި ވެކްސިންނާއި ސަރުކާރުން ގަތް ވެކްސިންގެ އަދަދާއި ވެކްސިން ސެންޓަރުތަކަށް ފޮނުވި އަދަދު ސާފުކުރުން،" ޝައިފާ ވިދާޅުވިއެވެ.

ޝައިފާ ވިދާޅުވީ، އެ ސާވޭގެ ތެރެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ ތަޖުރިބާ އާއި ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ނުޖަހަނީ ކީއްވެތޯވެސް ހިމަނާނެ ކަމަށެވެ. މީގެ އިތުރުން ވެކްސިނާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރެފައިވާ ރިޕޯޓު ތަކަށް ބަލައި އޭގެ މައުލޫމާތުތައްވެސް އޮޑިޓްގައި ހިމަނާނެ ކަމަށެވެ.

ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖަހަންފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެއީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންގެ 200،000 ވެކްސިން ޑޯޒާއި ޗައިނާއިން ހަދިޔާކުރީ ސިނޯފާމް ވެކްސިންގެ 200،000 ވެކްސިން ޑޯޒެވެ. ފަހުން ސަރުކާރުން ވަނީ ސިންގަޕޫރުން އެސްޓްރާ ޒެނިކާ ވެކްސިންގެ 700،000 ވެކްސިން ޑޯޒާއި އިންޑިއާއިން 300،000 ޑޯޒް ވެކްސިން ގެނެސްފައެވެ.

ބޫސްޓާ ޑޯޒުގެ ގޮތުގައި މިހާރު ފައިޒާ ވެކްސިން ދަނީ ޖަހަމުންނެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން 398،697 މީހުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފައެވެ. ދެ ވަނަ ޑޯޒު ޖަހާފައިވަނީ 383،980 މީހުންނެވެ. ބޫސްޓާ ޑޯޒު ޖަހާފައިވަނީ 159،008 މީހުންނެވެ.

ރާއްޖެއިން 179،483 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކައެވެ.