ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރަމުންދާ ތިން ވެކްސިނެއް އިނގިރޭސިވިލާތުން ބަލައިގަނެ، ރާއްޖެއިން އެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެގައުމުގައި ކަރަންޓީނުވާން ނުޖެހޭ ގޮތް ހަދައިފިއެވެ.
އިނގިރޭސި ވިލާތުން ބަލައިގެންފައިވާ ތިން ވެކްސިނަކީ އިންޑިއާގެ ކޮވިޝިލްޑް ވެކްސިނާއި ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ. ރާއްޖޭގައި ޖަހަމުންދާ ޗައިނާގެ ސިނޮފާމް ވެކްސިނަށް، އިނގިރޭސި ވިލާތުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެރަން ރޮސްލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ފަސޭހަކަމާ އެކު ދަތުރުކުރުމަށް އޮތް އެންމެ ފަހުގެ ހުރަސް ވެސް ނައްތާލެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ވެކްސިން ކާޑާ އެކު އެ ގައުމަށްދާ ނަމަ، ކަރަންޓީނުވާން ނުޖެހޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނަގާފައި ވަނީ މިދިޔަ މަހުއެވެ. އިނގިރޭސި ވިލާތުން ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓު އޮންނަނީ ތިން ކެޓެގަރީއަކަށް ބަހާލައިފައެވެ. އެއީ ގްރީން، އެމްބާ އަދި ރެޑެވެ. އެގޮތުން ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރުން މަނާވާނެއެވެ. އަދި އެ ގައުމުތަކުން އިނގިރޭސިވިލާތަށް އެތެރެވާ މީހުންވެސް ދިހަ ދުވަހުގެ ކަރަންޓީނުވާން ޖެހޭނެއެވެ. ކަރަންޓީނުވާން ޖެހޭނީ އެކަމަށް ހާއްސަ ކޮށްފައި ހުންނަ ފެސިލިޓީއެއްގައި، އަމިއްލަ ހަރަދުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު