ކޮވިޑް ވެކްސިނާއި ހިއުމަން ޕެޕިލޯމާވައިރަސް (އެޗްޕީވީ) ވެކްސިން ޕްރޮގްރާމުތަކުގެ ކާމިޔާބީ ވަޒަންކުރަން ފުރިހަމަ ޕޯސްޓް އިންޓްރޮޑަކްޝަން އިވެލުއޭޝަނެއް ހަދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ އެޗްޕީވީ އާއި ކޮވިޑް ވެކްސިންގެ ޕޯސްޓް އިންޓްރޮޑަކްޝަން އިވެލުއޭޝަނެއް ހަދަން ރާއްޖެއިން ނިންމާފައިވާ ކަމަށާއި ރާއްޖެއަކީ މި ދެ ވެކްސިންގެ ފުރިހަމަ އިވެލުއޭޝަނެއް ހަދާ ފުރަތަމަ ގައުމު ކަމަށެވެ.
އެޗްޕީއޭއިން ބުނީ މި އިވެލުއޭޝަން ކުރިއަށްގެންދާނީ ދިވެހިންނާއި ބޭރު މީހުން ހިމެނޭ ޓީމަކުން ކަމަށާއި މި ޓީމުން ފީލްޑް ޒިޔާރަށް ކުރާނެ ކަމަށެވެ. މި ޓީމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި އދ. ގެ ކުޑަކުދިންގެ ފަންޑު، ޔުނިސެފްގެ ފަރާތްތައް ހިމެނޭނެ ކަމަށްވެސް ބުންޏެވެ.
ވެކްސިން ޕްރޮގްރާމުތަކުގެ އިވެލުއޭޝަންގެ ތެރެއިން ޕްރޮގްރާމުތަކުގެ ކާމިޔާބީ އާއި އިތުރަށް ރަނގަޅު ކުރަން ހުރި ދާއިރާތައް ދެނެގަނެވޭނެ ކަމަށެވެ. އަދި އިވެލުއޭޝަނުން ދެނެގަނެވޭ ކަންކަމަކީ ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ބޭނުންތެރި ފިލާވަޅުތަކަކަށް ވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް ވެކްސިނާއި އެޗްޕީވީ ވެކްސިނަކީ ރާއްޖޭގައި އެންމެ ފަހުން ދޭން ފެށި ދެ ވެކްސިނެވެ. އެގޮތުން އެޗްޕީވީ ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗް މަހުއެވެ. އަދި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު