އޭއެފްސީ ކަޕް ކޮލިފިކޭޝަން ފަހު މެޗަށް ތައްޔާރުވަމުންދާ ކްލަބު އީގަލްސްއިން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އެ ކްލަބަށް ގެންގޮސްފިއެވެ.

އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން ފަހު ބުރުގައި އީގަލްސްއިން ކުޅެން ޖެހޭނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. ދަގަނޑޭގެ އިތުރުން އީގަލްސްއިން ވަނީ އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އާރިފު (ބަކާ) އަދި އިސްމާއީލް އީސަ (މެސީ) ވެސް މިހާރު އެޓީމަށް ގެންގޮސްފައެވެ. އީގަލްސްއިން މިއަދު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ދަގަނޑޭ ވަނީ ބައިވެރިވެފައެވެ.

ދަގަނޑޭ މިދިޔަ ސީޒަންގައި ކުޅެފައި ވަނީ ދިވެހި ފުޓުބޯޅައިގެ ތެރެއަށް އޭނާ ވިދާލި ވެލެންސިއާ ސްޕޯޓްސް ކްލަބަށެވެ. އެ ކްލަބާއެކުވެސް އޭނާ މޮޅު ކުޅުމެއް ދައްކާފައިވާއިރު، އުމުރުން 35 އަހަރުގެ ދަގަނޑޭއަކީ އޭއެފްސީ ކަޕްގެވެސް ލެޖެންޑެކެވެ. އެ މުބާރާތުގައި އޭނާ ވަނީ ނިއު ރޭޑިއަންޓް ޖާޒީގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް އޭނާއަކީ އަދިވެސް އޭއެފްސީ ކަޕްގެ ތާރީހުގައި ކުޅުނު އެންމެ ވަރުގަދަ ފޯވަޑުންގެ ތެރޭގައި ގުނާ ލެވޭ ނަމެކެވެ.

ވެލެންސިއާގެ އިތުރުން ނިއު ރޭޑިއަންޓަށާއި، ބުރުނާއީގެ ކްލަބަކަށްވެސް ކުޅުނު ދަގަނޑޭ ވަނީ ވީބީ އައްޑޫ އެފްސީއާއި މާޒިޔާއަށްވެސް ކުޅެފައެވެ. އޭގެ އިތުރުން މެލޭޝިއާގެ ދެވަަނަ ޑިވިޝަންގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑާއެކު އެ ގައުމުގެ ފުރަތަމަ ޑިވިޝަންގައިވެސް ދަގަނޑޭ ކުޅެފައިވެއެވެ. އޭގެ ފަހުން ދަގަނޑޭ ކުޅެފައިވަނީ ޓީސީ ސްޕޯޓްސް ކްލަބަށާއި ކްލަބު ގްރީން ސްޓްރީޓްސްއަށެވެ.

މިހާތަނަށް ކެރިއަރުގައި 460 އަށްވުރެ ގިނަ ގޯލް ޖަހާފައިވާ ދަގަނޑޭއަކީ ދުނިޔޭގެވެސް އެކްޓިވް ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގެ ހަވަނައެވެ. ގޯލް ޕާ ގޭމް ރޭޝިއޯއަށް ބަލާއިރު، އޭނާއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީ ފަދަ ލެޖެންޑަރީ ކުޅުންތެރިންނާއެކު ގުނާލެވޭ ކުޅުންތެރިއެވެ.

ގައުމީ ޖާޒީގައިވެސް ކުޅެފައިވާ 81 މެޗުން 53 ގޯލް ޖަހައި، ދަގަނޑޭއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ފޯވަޑުންނާ އެއް ހަމައެއްގައި ހިމަނައިލެވޭ ކުޅުންތެރިއެކެވެ.

އީގަލްސްއިން އޭއެފްސީ ކަޕް ގްރޫޕް ޑީގެ ކޮލިފިކޭޝަން ފަހު މެޗުގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް ރާއްޖޭގައި ނުކުންނާނީ އަންނަ މަހު 15 ވަނަ ދުވަހުއެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެކުނު އޭޝިއާ ގްރޫޕުގެ ފަހު ޖާގަ ލިބޭނެއެވެ. އެ ގްރޫޕްގައި މިވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހު މާލޭގައެވެ.