މެއި ހައެއްގައި އައިއީޑީއެއް ގޮއްވާލައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއަށް ފަންޑުކުރިފަރާތެއް ނެތޭ ބުނުމަކީ ހަމަ ބުއްދިއަށް ގަބޫލު ކުރެވޭ ކަމެއް ނޫން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ސައިކަލެއްގައި އައިއީޑީ ހަރުކޮށްގެން ގޮއްވާލި މި ހަމަލާއާ ބެހޭ ތަފުސީލީ މައުލޫމާތު ހާމަ ކުރުމަށް މިދިޔަ އާދިއްތަ ދުވަހު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވެފައި ވަނީ އެ ޓެރަރިސްޓް ހަމަލާއަށް ބަޔަކު ފައިސާ ހަރަދު ކުރިކަން ތަހުގީގަށް ފެންނަން ނެތް ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވައި ބޮންޑޭ މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ޖޫންމަހުގެ ނިޔަލަށް އެކި ސްކޭމްތަކުން މަކަރާއި ހީލަތުން މީހުންގެ އަތުން 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާ ކަމަށެވެ. އަދި "މިފައިސާތައް ގެންދިއަ ބަޔަކު ނުހޯދި ބޮން ގޮއްވަން ފަންޑުކުރި ފަރާތެއް ނެތޭ ބުނުމަކުން ހަމަ ބުއްދިއެއް ގަބޫލެއް ނުކުރާނެ،" ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

މިމަހުގެ 19 ވަނަ ދުވަހު ފުލުހުން ބުނީ، އެކި އުކުޅުތައް ބޭނުން ކޮށްގެން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން މިއަހަރުގެ މިހާތަނަށް 3.9 މިލިޔަން ރުފިޔާ އެކަން ކުރާ ފަރާތްތަކުން އަތުލާފައިވާ ކަމަށެވެ.

ހުސްވި 2020 ވަނަ އަހަރުން ފެށިގެން މި ހިނގާ ޖޫން މަހުގެ 16 އާ ހަމައަށް 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ އެގޮތަށް އެކި މީހުންގެ އަތުން އަތުލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއަހަރުގެ މިހާތަނަށް އެގޮތަށް ފައިސާ ފޭރުމުގެ 259 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.