ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީ ޕާލިއަމެންޓް ގްރޫޕް ލީޑަރު އަލީ އާޒިމާ މިރޭ ބައްދަލުކުރައްވައިފައެވެ.
އަލީ އާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާ މިރޭ ބައްދަލުކުރައްވައި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން މިރޭ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ ބައްދަލުވުން ވަރަށްވެސް ފުރިހަމަ ކަމަށާއި ކުރިއަށް އޮތް ތަނުގައި ސަރުކާރާއި ޕާލިއަމެންޓްގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އާޒިމް އާއި ރައީސް ބައްދަލުކުރައްވާފައި މިވަނީ އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިރޭގެ ބައްދަލުވުން ތިން ގަޑިއިރަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރައީސާއި އާޒިމް ބައްދަލުކުރައްވާފައިވާއިރު، ރޭ އެމްޑީޕީ ގައުމީ މަޖިލީހަށް މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރަށް އޭނާ ދެކޮޅު ހައްދަވައިފައެވެ. އަދި އެ ގަރާރަށް އޭނާ ވޯޓް ދެއްވާފައެއްވެސް ނުވެއެވެ.
އާޒިމް ރޭ ވިދާޅުވީ ގާނޫނު އަސާސީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ލިބިގެންވަނީ ރައީސް ސޯލިހަށް ކަމަށާއި އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތުގެ ބައި ހިމަނައި ގަރާރެއް ހުށަހެޅުމުގެ ކުރިން ރައީސްއާ މަޝްވަރާ ކުރެވެންވާނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް އޮތް ބާރެއް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ، އެ ބާރު ރައީސްގެ އަތްޕުޅުގައި އޮއްވައި އަޅުގަނޑުމެން ނުވާނެ ނިންމާކަށް ގަރާރަކުން. އަޅުގަނޑުމެންގެ ޕާޓީގެ ރައީސެއް ހުރީތީވެ އަޅުގަނޑު ގަބޫލެއް ނުކުރަން ކުއްލި ނުރައްކަލުގެ ބައި ހިިމެނޭނެ ކަމަކަށް، އެކަން އަޅުގަނޑުމެންގެ މަސްލަހަތަށްޓަކައިވެސް ކުރަންޖެހޭ ކަމެއް،" އާޒިމް ވިދާޅުވިއެވެ.
އަލީ އާޒިމް ވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު މަޝްވަރާ ކުރެއްވުމަށްފަހު، ގަރާރު ފާސް ކުރުމަށް ހުށަހެޅުއްވާފައެވެ.
އެކަމަށް ރައްދުދެއްވައި ނަޝީދު ރޭ ވިދާޅުވީ މި ގަރާރު ހުށަހަޅުއްވާފައިވަނީ ރައީސަށް ލިބިގެންވާ އެއްވެސް ބާރަކަށް ކިލަނބެއް އަންނާނެ ގޮތަކަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ މި ގަރާރާމެދު ރައީސް ވިސްނަވާނެ ކަމަށް ގަބޫލު ކުރާ ކަމަށާއި އަދި މި ގަރާރުގެ ސަބަބުން އެ ނިންމުން ނިންމަވަން އިތުރު ބާރަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު