މިނިވަންކަން ގެއްލި އަޅުވެތިކަމުގައި ޖެހުނު ކޮންމެ ފަހަރަކު އެކަމަށް މަގުފަހިކުރުވީ އެއްބައިވަންތަކަން ގެއްލި ބައިބައިވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން އަންނަ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތޯބުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ގައުމީ އަދި އިޖުތިމާއީ އެއްބައިވަންތަކަމުގެ ތަރަހައަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާގައި ސާބިތުވެ ތިބުން ކަމަށެވެ.

"އަޅުގަނޑުމެންގެ ދީނީ އެއްބައިވަންތަކަން އިތުރަށް ހަރުދަނާކޮށްދެނީ، އަޅުގަނޑުމެންގެ މެދުގައި މަޒްހަބީ ތަފާތެއް ނެތުމުން. އަޅުގަނޑުމެންގެ މިނިވަންކަމުގެ ދިފާއުގައި ކުރެވުނު ކޮންމެ ޖިހާދެއްގައި ލިބުނު ނަސްރަކީ، މިދެންނެވި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ނަތީޖާ،"

މިނިވަންކަމާއި ސުލްހައާއި އެކުވެރިކަމުގެ އަސާސްތައް ކަނޑައަޅައިދިން އިސްލާމް ދީނަކީ، ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި އާންމުކުރުމަށް، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ މިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ހަމަ ކޮންމެ މީހަކުމެ، ފާޅުގައި ދެކޮޅަށް ތެދުވަން ޖެހޭ، ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިއަދުގެ ބައިނަލްއަގުވާމީ މުޖްތަމައުން، ވަކިން ހާއްސަކޮށް ބައެއް އިސްލާމީ ގައުމުތަކުން ފެންނަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަސްލަކީ، މިދެންނެވި ހަރުކަށި ފިކުރީ އޮއިވަރަށް އެ ގައުމުތަކުގައި ޖާގަ ދެވިފައި އޮތުން. އެއިން ކޮންމެ ގައުމެއްގައިވެސް އެންމެ ފުރަތަމަ އުފެދުނީ، އެއް ބަޔަކު އަނެއް ބައެއްގެ ފުރާނަ އާއި މުދަލަށް ގެއްލުން ދިނުމުގެ އަމަލުތައް. އޭގެ ފަހުން ފެންނަން ފެށީ، އެކިއެކި ފަރާތްތަކުގެ ނުފޫޒު ފެތުރެން ފެށި މަންޒަރު. މިއަދު އެއިން ކޮންމެ ގައުމަކީ، މިނިވަންކަމާއި ސުލްހައާއި ހަމަޖެހުން ގެއްލިފައި އޮތް ގައުމެއް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅުމުގެ އަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާތިލު ކަންތައްތަކެއް ކަމަށެވެ. އެއްވެސް ހަމައަކުން ބަލާއިރު، އެ ކަމަކީ އިސްލާމް ދީނުގެ އަހުލާގީ ހަމަތަކާއި، ދީނީ އުސޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން ކަމަށާއި، އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް، އެއީ އިންސާނީ މުޖްތަމައެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ހަމައެފަދައިން އިސްލާމް ދީނަށް އިހާނެތިކުރުމާއި ފުރައްސާރަކުރުމުގެ އަމަލުތަކަކީ ވެސް، މުޖުތަމައު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި އަމަލުތަކެއް ކަމަށާއި، އެހެންކަމުން، މީހުންގެ މެދުގައި އަނެކުންނާ ދޭތެރޭ ނަފުރަތު އުފެއްދުމަށް ހިންގާ އަމަލުތަކާއި، އިސްލާމް ދީނަށް އިހާނެތިކުރުމުގެ އަމަލުތައް ހުއްޓުވުމަކީ، ގައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކުވެސް އިސްކަން ދޭން ޖެހޭނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ އަޅުގަނޑުމެންގެ މެދުގައި އޮވެގެން ނުވާނެ އިޖުތިމާއީ ވަރަށް ބޮޑު ދެ މައްސަލަ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.