ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ އުފާ ފާޅުކުރުމުގެ ގޮތުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިނިވަން ދުވަހާ ގުޅުވައިގެން ބާއްވަން ހަމަޖެއްސި އެމްއެންޑީއެފްގެ ޕެރޭޑް މާދަމާ ހުޅުމާލޭގައި ބާއްވާނެ ކަމަށް އެ މުވައްސަސާއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ހުޅުމާލޭގައި އިއްޔެ ބާއްވަން ހަމަޖެއްސި ޕެރޭޑް ނުބޭއްވުނީ ވިއްސާރަވުމާ ގުޅިގެންނެވެ.

އެ ޕެރޭޑް ދެން ބާއްވާނީ މާދަމާގެ ހަވީރު 4:30 ގައެވެ. ޕެރޭޑް ކުރިއަށްދާ އިރު ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ހުއްޓައި ބޭންޑުގެ ހަރަކާތްތައް ދައްކާލުން ވަނީ ހަމަޖެހިފައެވެ.

އާދިއްތަ ދުވަހު ކުރިޔަށްގެންދިޔަ މިނިވަން ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ސިފައިންގެ ހިނގާލުމާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑް މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

އެ ހަރަކާތުގެ ތެރޭގައި މާލޭގެ ތިން ސްކޫލަކުން 400 އަށްވުރެ ގިނަ ދަރިވަރުން ހުށަހަޅައިދިން ތަފާތު ކުޅިވަރުތަކާއި ރާއްޖޭގެ ނަން މަޝްހޫރު ނަށާ ގްރޫޕުތަކާއި ބޮޑުބެރުގެ ސަގަފީ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.

އަދި ސިފައިންގެ ފަރާތުން މިނިވަން ދުވަހަށް ހާއްސަ ހަރަކާތެއް ވެސް ވަނީ ދައްކާލައިފައެވެ. އެރޭގެ ހަރަކާތްތައް ނިންމާލާފައި ވަނީ ހަވާ އެރުވުމާއެކުއެވެ.