މީގެ 170 (ސަތޭކަ ހަތްދިހަ) ވަރަކަށް އަހަރު ކުރިއެވެ. ވޯރާ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ދިވެހި ދައުލަތުން ދެއްވިއެވެ. އެއީ 1857 ވަނަ އަހަރުއެވެ. އޭރު ރާއްޖޭގެ އެންމެ މަތީވެރިޔަކީ އައްސުލްތާން މުޙައްމަދު އިމާދުއްދީން (4ވަނަ) ނުވަތަ މަޝްހޫރު ނަންފުޅުންނަމަ "މުސްކުޅި ބަންޑާރައިން" ނެވެ. 1835 އިން 1882 އަށް 47 އަހަރު މެދުނުކެނޑި ދިވެހިރާއްޖޭގެ ސިންގާސަނާގައި ރެދަލިކުރެއްވި މި ބަންޑާރައިންނަކީ، ރާއްޖޭގެ އެންމެމަތީ ވެރިކަން އެންމެ ގިނަދުވަހު އަދާކުރެއްވުމުގެ ރިކޯޑުކަމުގައިވި ބަންޑާރައިންނެވެ.
ވޯރާ ވިޔަފާރިވެރިން ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ދެއްވުމުގައި އެންމެ މުހިއްމު ބައެއް އަދާކުރެއްވިކަމަށް ވަނީ އޭރުގެ ބޮޑުވަޒީރު ކަކާގޭ އަލްއަމީރު އަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރުމަކީ ރާއްޖޭގައި އޭރުތިބި ބޮޑެތި ވިޔަފާރިވެރިންނަށް ފެންނަކަމަކަށް ނުވިނަމަވެސް ރަދުން ވަރަށް ބޮޑަށް ބޭނުންފުޅުވި ކަމެކެވެ. ވޯރާ ވިޔަފާރިވެރިންނަށް ރާއްޖޭގައި ލިބުނު ހުއްދައިގެ ދަށުން އެމީހުން ފުރަތަމަ ވިޔަފާރި ފަށައިގަތީ އެމީހުންގެ ބަނގަލާތަކުގައި ރާއްޖެ އައިސް ިވޔަފާރިކުރާގޮތަށެވެ. ނަމަވެސް މިގޮތަށް ވިޔަފާރިކުރުމުން ލިބޭ ނަފާ ކުޑަވެ ޚަރަދު ބޮޑުވާތީ އެމީހުން ގަސްދުކުރީ މާލޭގައި ދާއިމީގޮތެއްގައި ތިބެގެން ވިޔަފާރިކުރުމަށެވެ. މިގޮތަށް ތިބެންފެށީ 1860 ގެ އަހަރުތަކުގެ ތެރޭގައެވެ.
ރާއްޖޭގައި ވޯރާ ވިޔަފާރިވެރިންގެ ވިޔަފާރި ފުޅާވާން ފެށުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅަކީ ރާއްޖޭގައި އޭރު ހުންނެވި އެންމެ ބޮޑު ވިޔަފާރިވެރިޔާ ކަމުގައިވި، ގަލޮޅުގޭ އަލްއަމީރު ޢަލީ ދޮށިމޭނާ ކިލެގެފާނެވެ. މިކަމާ ދެކޮޅަށް މި ޢަލީ ކިލެގެފާނު ކުރެއްވި މަސައްކަތްޕުޅު ކާމިޔާބު ނުވުމުން އެ ކިލެގެފާނު ރާއްޖެ ދޫކުރައްވައި އޮޅުދޫކަރައިގެ ގާއްޔަށް ހިޖުރަކުރެއްވީއެވެ. އެއީ އޭރު އިސްވަޒީރު ބޭފުޅެއްވެސްމެއެވެ! މަގާމުން އިސްތިއުފާ ދެއްވައި ރާއްޖެ ދޫކުރެއްވީއެވެ. (އަވަހާރަވަންދެން އުޅުއްވީ ސިލޯނުގެ ގާލީގައެވެ. މުޅި މިސަރަހައްދުގެ މަޝްހޫރު މަހުޖަނެއް ކަމުގައިވިއެވެ.)
ވޯރާވިޔަފާރިވެރިންނަކީ މައިގަނޑުގޮތެއްގައި އިންޑިޔާގެ އަހުލުވެރިންނަށް ވެފައި އޭރު އިންޑިޔާއަކީ އިނގިރޭސީންގެ ކޮލޮނީއަކަށް ވުމާއެކު، ވޯރާއިންގެ އެކިއެކި ޝަކުވާތަކާ އިނގިރޭސީންގެ ސުވާލުކުރުންތައް ދޭތެރެ ދޭތެރެއިން ދިޔައީ ކުރިމަތިވަމުންނެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ދިވެހިރާއްޖެ 1987 ގައި އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔައެވެ.
ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރަމުންދިޔަ ދުވަސްވަރު ރާއްޖޭގެ ވިޔަފާރީގެ ކޮންޓުރޯލު އޮތީ އެބައިމީހުންނަށެވެ. 1932 ގައި ދިވެހިރާއްޖޭގައި ޤާނޫނުއަސާސީއެއް ލިޔެވި ޤާނޫނުގެ ދަށުން ވެރިކަން ހިންގަން ފެށުމާއެކު އުފެދުނު މަހުކަމާތަކުގެތެރޭގައި ރާއްޖޭގެ ވިޔަފާރިއާއި ބޭރުގެ ވިޔަފާރިއާއި ބެހޭގޮތުން އުފެދުނު ވުޒާރާއަކީ "ވުޒާރަތުއްތިޖާރާ" އެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ވަޒީރުއްތިޖާރާއަކީ މުޙައްމަދު އަމީނެވެ. އެމަނިކުފާނު 22 ޑިސެމްބަރ 1932 އިން 22 އޭޕްރީލް 1951 އަށް ވަޒީރުއްތިޖާރާކަން ކުރެއްވިއެވެ.
ރާއްޖޭގައި ވޯރާއިންގެ ވިޔަފާރި ހިނގިއިރު އެކި ސިފަސިފައިގައި ދިވެހީންނަށް ދުއްތުރާތައް ފޯރަމުންދިޔައެވެ. މިގޮތުން ދިވެހި ހިކިމަސް ނުގަތުމަށް އެމީހުންގެ ފަރާތުން ކުރެވުނު ކަންތައްތަކެއްގެ ނަތީޖާއަކީ ދިވެހީންގެ ހިކިމަސް ގަތުމަށް ސަރުކާރުގެ ފަރާތުން ބޮޑު އިސްޓޯރު ހުޅުވުމެވެ. މިތަން ހުޅުވުނީ 10 ޑިސެމްބަރ 1948ގައެވެ. އަދި ދައުލަތާއި ރައްޔިތުންނާއި ގުޅިގެން ވިޔަފާރިކުރާ ކުންފުނިތަކެއް އުފެދުނެވެ. ފުރަތަމަ ގައުމީ ކުންފުންޏެވެ. ދެން މައިޓް ކުންފުންޏާއި ސިނަމާ ކުންފުންޏެވެ. އަދި އަމިއްލަ މީހުންގެ ވިޔަފާރިތައްވެސް މަޑުމަޑުން ހިނގާމެއެވެ.
ރާއްޖޭގެ ވިޔަފާރީގެ ބޮޑުބައި ވޯރާއިންގެ އަތުގައި އޮވެ މަޑުމަޑުން ދިވެހީންގެ ބާރުވެސް ވިޔަފާރީގެ މަސްރަހުން ފާއްދާލައިގެން އައިސް އެކިއެކި ބުރައުނދަގޫ މަރުހަލާތައް ކަނޑައްތުކުރަމުންއައިސް ނަސްރާއިނަސީބާއި ކާމިޔާބީގެ ދަންމަރުދިލިގެންއައީ 1960ގެ އަހަރުތައް ފެށުނުއިރުއެވެ. އެއިރު ދިވެހި މަސްރަހުގައި ވަނީ ވަރަށް ވަރުގަދަ ހިތްވަރާއި އަޒުމެއްގެ ކުލަ ޖަހާފައެވެ. އެއީ ދިވެހީން އިނގިރޭސީންގެ ހިމާޔަތުން ސަލާމަތްވުމާއި މިނިވަން ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މަސްރަހުގައި ހަރަކާތްތެެރިވުމުގެ ގައުމީ މަސައްކަތްތަކުގެ ތެރެއިންނެވެ. މިގޮތުން އެޅިގެންދިޔަ އެންމެ މުހިއްމު އެންމެ ބޮޑު ފިޔަވަޅަކީ 1857 ވަނަ އަހަރުން ފެށިން 105 އަހަރު މެދުނުކެނޑި ރާއްޖޭގެ ވިޔަފާރި ކޮންޓުރޯލުކުރަމުންގެންދިޔަ ބާރުގަދަ ވޯރާވިޔަފާރިވެރިންގެ ވިޔަފާރި ދިވެހި ދައުލަތުން ހުއްޓުވި ހުއްޓުވުމެވެ. މިކަން ހަމަޖެއްސީ 1 އޯގަސްޓް 1962 ގައެވެ. ގާތްގަނޑަކަށް 105 އަހަރުވީ ފަހުންނެވެ. ދިވެހިރާއްޖެއަށް އިގުތިސާދީ މިނިވަންކަންވެސް ސިޔާސީ މިނިވަންކަންވެސް ހޯއްދަވައިދެެއްވީ ބޮޑުވަޒީރު އިބްރާހީމް ނާޞިރު އިސްވެހުންނަވައިގެން ކުރެއްވެވި ގައުމީ އައުދާނަ ސިޔާސީ ހިކުމަތުގެ އަމަލީ އަގުހުރި މަސައްކަތްޕުޅުތަކުންނެވެ.
ރާއްޖޭގައި ވޯރާ ޖަމާޢަތުގެ މީހުން ކުރަމުންއައި ވިޔަފާރި ހުއްޓުމާއެކު ދިވެހި ވިޔަފާރީގައި މުޅިން އާ ބާބެއް ފެށުމުގެ މަގު ފަހިވިއެވެ. އެއިރު ދިވެހި ވިޔަފާރީގައި އިސްކޮށް ޙަރަކާތްތެރިވީ ކުރީއްސުރެ އުފެދިފައިވާ ކުންފުނިތަކެވެ. އެކަމަކު ދުވަސްކޮޅެއްފަހުން އަތިރީ މާފަންނުގޭ ޓްރޭޑިންގް އެކައުންޓް (އޭ.ޓީ.އޭ.) ގެ ނަމުގައި ދައުލަތުގެ މުހިންމު ވިޔަފާރިއެއް ފެށުނެވެ. އެއީ 18 މެއި 1964 ގައެވެ. މިއީ ދައުލަތުގެ އެންމެ ބޮޑު ވިޔަފާރިކުންފުނި އެސްޓީއޯގެ ފެށުމެވެ. އަދި ހަމަ މިދުވަސްވަރުގެ ތެރޭގައި ދިވެހި ސަރުކާރުގެ ބޮޑު އިސްޓޯރު ނުވަތަ އެމް.ޖީ.ބީ.އެސްގެ ގިނަ އަދަދެއްގެ ފިހާރަތައް މާލޭގައި ހުޅުވި ދިވެހީންނަށް ދިވެހިރާއްޖޭގައި ވިޔަފާރިިކުރެވޭނެކަން ބިދޭސީންނަށް ސާބިތުކޮށްދިނެވެ.
ވީމާ މި އޯގަސްޓު މަހުގެ 1 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިޒަމާނުގެ އިގުތިސާދީ މިނިވަންކަމަށް 64 އަހަރުވީ ދުވަހެވެ.
އެޑިޓަރުގެ ނޯޓު:
މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.
މުޙަައްމަދު ޝާޠިރު

ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ކޮމެންޓް