މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ބޭނުމެއްގައި ދެއްކެވި ވާހަކަތަކެއް ނޫންކަމަށާއި، އެއީ ގައުމުގެ ހެވާއި ލާބައަށްޓަކައި ހާމަކުރަންޖެހޭ ހަގީގަތްތަކެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން ދުވަހު ދެއްކެވި ވާހަކަފުޅަކީ އެ ދުވަހާ ނުގުޅޭ ސިޔާސީ ވާހަކަތަކެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، ގައުމުގެ މިނިވަންކަމުގެ ވާހަކަދައްކާއިރު މާޒީގައި ކަން ހިނގާފައިވާ ގޮތް ހާމަކުރުން މުހިންމު ކަމަށެވެ.
އަދި ހަގީގީ މިނިވަންކަމަކީ ހަމައެކަނި ސިޔާސީ މިނިވަންކަން ނޫންކަމަށާއި، އަންނަން އޮތް ޖީލުތަކަށް ހުރިހާ މާނައެއްގައި މިނިވަންކަން ހޯދައިދިނުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މީގެ ކުރިން ބައެއް ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މިނިވަންކަމަށް ބުރޫއަރާފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުތަކުން އިޒްރޭލާ ގާތް ގުޅުމެއް ބާއްވައި، އިސްލާމީ އުންމަތާ ދުރުވެ، ވަކި ގައުމެއްގެ ނުފޫޒުގެ ދަށުގައި "ގޮނޑިކޮއްކޮ" ހާރިޖީ ސިޔާސަތެއް ގެންގުޅުނުކަމީ ފެންނަން އޮތް ހަގީގަތެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެގޮތުން އަޅުގަނޑު ފާހަގަކުރީ އެމްޑީޕީ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު އިޒްރޭލާ ގާތްކަމާއި އަރަބިންނާއި މުސްލިމުންނާއި ދުރުކަމާއި، ވަކި ގައުމުތަކެއް އިސްކުރާ ކަމާއި، ނޫނިއްޔާ ބައެއްފަހަރު ގާތްގަނޑަކަށް އަޅުގަނޑު އެ ދުވަހު މިނިވަން ދުވަހު ފާހަގަކުރިން ގޮނޑިކޮއްކޮ ހާރިޖީ ސިޔާސަތަކޭ. މިކަންކަމަކީ ފެކްޓް. ފެންނަން ހުރި ހަގީގަތް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކުރެވިފައި އޮންނާނީ އަބަދުވެސް ދިވެހިން އިސްކުރުމުގެ އުސޫލުގެ މަތީގައިކަމަށެވެ.
އަދި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ އެއްވެސް ހާލެއްގައި ރައްޔިތުން ކުށްވެރިކުރުމުގެ ނިޔަތުގައި ދެއްކެވި ވާހަކަތަކެއް ނޫންކަމަށާއި، އެއީ ގައުމުގެ ކަންކަން އިސްލާހުކުރުމަށްޓަކައި އިހުލާސްތެރިކަމާއެކު ދެއްކެވި ވާހަކަފުޅުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް