ދީނަށް އިހާނެތިކޮށް ހިތުމާއި ހައްދުފަހަނައަޅައި ދިއުމުގެ ހައްލަކީ ގާނޫނީ ފިޔަވަޅެއް ނޫން ކަމަށާއި އެއީ ދަރީން ހެޔޮގޮތުގައި ބޮޑުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން އަންނަ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތޯބުގައެވެ.
އެ ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ، މިނިވަންކަމާއި ސުލްހައާއި އެކުވެރިކަމުގެ އަސާސްތައް ކަނޑައަޅައިދިނީ އިސްލާމްދީން ކަމަށެވެ.
ނަމަވެސް އިސްލާމްދީނަކީ ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި އާންމުކުރުމަށް، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި މަސައްކަތްކުރަމުންދާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ހަމަ ކޮންމެ މީހަކު، ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަން ޖެހޭ، ވަރަށް ނުރައްކާތެރި ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅުމުގެ އަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާތިލު ކަންތައްތަކެއް ކަމަށާއި، އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމް ދީނުގެ އަހުލާގީ ހަމަތަކާއި، ދީނީ އުސޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެއީ އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް، އިންސާނީ މުޖްތަމައެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެފަދައިން އިސްލާމް ދީނަށް އިހާނެތިކުރުމާއި ފުރައްސާރަކުރުމުގެ އަމަލުތަކަކީ ވެސް، މުޖްތަމައު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި އަމަލުތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މީހުންގެ މެދުގައި އަނެކުންނާ ދޭތެރޭ ނަފުރަތު އުފެއްދުމަށް ހިންގާ އަމަލުތަކާއި، އިސްލާމް ދީނަށް އިހާނެތިކުރުމުގެ އަމަލުތައް ހުއްޓުވުމަކީ، ގައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކުވެސް އިސްކަން ދޭންޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. މިއީ، އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ މެދުގައި އޮވެގެން ނުވާނެ އިޖުތިމާއީ ވަރަށް ބޮޑު ދެ މައްސަލަ ކަމަށްވެސް ވިދާޅުވިއެވެ.
އެހެން ނަމަވެސް، މި ދެ މައްސަލައިގެ ހަމައެކަނި ހައްލަކީ ގާނޫނީ ފިޔަވަޅުތަކެއް އެޅުން ނޫން ކަމަށާއި، މި ދެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން ކަމަށްވެސް ވިދާޅުވިއެވެ.
"ތުއްތު ކުދިންގެ ޅަފަތުން ފެށިގެން، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި އެކުދިންގެ ދިރިއުޅުން ބިނާކޮށް ނުދެވިއްޖެ ނަމަ، ކޮންމެވެސް ދުވަހަކުން އަނެއްކާވެސް، މި ދެ މައްސަލަ ކުރިމަތިވާން ފަށާނެ. އެހެންކަމުން، ތައުލީމީ ނިޒާމުގެ ތެރެއިން، މިކަން ހައްލުކުރެވެން ހުރި ގޮތްތަކަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން،"
މުޖްތަމައު ބައިބައިކުރާ މިފަދަ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި އޮތްހާ ހިނދަކު، ގައުމުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ވެސް އޮންނާނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށާއި، އެފަދަ ހާލަތަކަށް ގައުމުގެ ކަންކަން ހިނގައްޖެ ނަމަ، ގައުމަށް ކުރިމަތިވާ އެހެނިހެން ބޮޑެތި ކަންކަމުން އަރައިގަތުމުގައި ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިވަން ދުވަސް
މިނިވަން ދުވަސް
މިނިވަން ދުވަސް
މިނިވަން ދުވަސް