ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުކުރި ފުޅަނދަށް ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން މިއަދުވެސް ހުޅުމާލޭގައި ފުޅަނދު ދައްކާލުމަށް ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ ޖުލައި 26 އާ ގުޅިގެން އެ ކޯޕްރޭޝަނުން ތައްޔާރުކުރި ފުޅަނދު ހުޅުމާލޭގެ މަގުތަކުގައި ދައްކާލާފައިވާ އިރު، އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
ޖުލައި 28 ވަނަ ދުވަހުގެ ރޭ ފުޅަނދު ދައްކާލަން ނިންމި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ހަރަކާތް ކެންސަލްކުރަން ޖެހުމާއެކު، އެ ހަރަކާތް އަލުން ތާވަލުކޮށް، މިއަދު ހަވީރު 4:30 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ފުޅަނދުތައް ދައްކާލުމަށް ނިންމާފައިވާ ކަމަށެވެ.
ފުޅަނދުތައް ދައްކާލުމަށް ބަހައްޓާފައިވަނީ ހުޅުމާލޭގެ ސެންޓަރް ޕާކުގައެވެ.
އެޗްޑީސީން މިނިވަން ދުވަހާ ގުޅިގެން ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 'މައިންކްރާފްޓް' ތީމަށް، ހުޅުމާލޭގެ އެކި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން ހުޅުމާލޭގެ އެކިއެކި ލޭންޑްމާކްތައް ދައްކުވައިދޭ ގޮތަށް މި ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 100 އިންސައްތަ އެޗްޑީސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ދެ ހަފުތާގެ ތެރޭގައެވެ.
އެއީ މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތެކެވެ. އެގޮތުން އެޗްޑީސީން ތައްޔާރުކުރި ފުޅަނދުތައް ގިނަ ބަޔަކަށް، ވަކިން ހާއްސަކޮށް ފުޅަނދު ބަލަން ނުކުތް ކުޑަކުދިންނަށް ވަރަށް ބޮޑަށް ކަމުގޮސްފައިވާކަން ވަނީ ފާހަގަވެފައެވެ.
އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް އެފަދަ ދުވަސްތަކާ ގުޅުވައިގެން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު އެފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ