ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ކުރިއަށް ގެންދިޔަ ސްޓްރީޓް އެގްޒިބިޝަން ކާމިޔާބު ކަމަށް އެކުންފުނިން ބުނެފިއެވެ.
ދިރާގުން ވަނީ މި ސްޓްރީޓް އެގްޒިބިޝަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައެވެ. އެ އެގްޒިބިޝަންގައި ދިވެހި ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ ގައުމިއްޔަތު ރަމްޒުކޮށްދޭ ކުރެހުންތައް ވަނީ ހިމަނައިފައެވެ.
ދިރާގުން މިއަދު ބުނި ގޮތުގައި އެއީ، ދިރާގުގެ 2025ވަނަ އަހަރުގެ ކަލަންޑަރު 'މިނިވަންކަން މަތީ އަބަދަށް' ގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންގޮސްފައިވާ އެގްޒިބިޝަންތަކެކެވެ. މި ކަލަންޑަރަކީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވައިލައިފައިވާ ކަލަންޑަރެކެވެ.
"މި ތާރީހީ މުނާސަބަތުގައި ރާއްޖޭގެ މުއްސަނދި ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ މި ސްޓްރީޓް އެގްޒިބިޝަން މެދުވެރިކޮށް މުޖުތަމައު އެއްތަނަކަށް ގެނެސް، ރާއްޖޭގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް" ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވިއެވެ.
އެ އެގްޒިބިޝަން މާލޭގައި ކުރިއަށް ގެންގޮސްފައިވަނީ މި މަހު 27 އަދި 28ގައެވެ. އަދި މި މަހު 26 އާއި 27 ގައި ހުޅުމާލެ، ޏ. ފުވައްމުލަކު، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ. ހިތަދޫ، އދ. ދަނގެތި އަދި ބ. އޭދަފުށީގައި އެ ސްޓްރީޓް އެގްޒިބިޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދިރާގުން ދަނީ ގައުމީވަންތަކަށް އާލާކޮށް، ދިވެހިންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ އެކި މުނާސަބަތުތައް ފާހަގަކުރުމުގެ ތެރެއިން މުޖުތަމައުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އާއިޝަތު މާހާ
ދިރާގު
ދިރާގު
ދިރާގު
ދިރާގު