މޫސުން ގޯސްވުމާ ގުޅިގެން މިނިވަން ދުވަހުގެ މިރޭގެ ހަރަކާތްތައް ކެންސަލް ކޮށްފިއެވެ.

ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް އިންތިޒާމު ކުރި، "މިނިވަން 60"ގެ ފުޅަނދުތައް ދައްކާލުމާއި ސަގާފީ ހަރަކާތްތައް، މޫސުން ތަންނުދިނުމުގެ ސަބަބުން ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުކުރި ފުޅަނދަށް ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން ހުޅުމާލޭގައި މިރޭ އެ ފުޅަނދު ދައްކާލުމަށް ވެސް ވަނީ ރާވައިފައެވެ. ފުޅަނދު ދައްކާލުމުގެ އިތުރުން މިރޭ ސަގާފީ ހަރަކާތްތަކެއް ބޭއްވުމަށް ވެސް ކުރިން ވަނީ ހަމަޖައްސައިފައެވެ.

ސަރުކާރުގެ ގިނަ މުއައްސަސާތަކެއް ހިމެނޭހެން މި ފަހަރުގެ ފުޅަދުބުރުތައް ރޭ މާލޭގައި ވަނީ ދައްކާލައިފައެވެ. އަދި މި ސަރަހައްދުގެ ގިނަ ބަޔަކު ވަނީ ފުޅަނދުބުރުތައް ބަލައިލުމަށް މަގުތަކަށް ނުކުމެފައެވެ. އަދި އެކަމަށް ލިބުނު ތަރުހީބުގެ ސަބަބުން މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭގަނޑު 8:30 އިން 11:30 އަށް ފުޅަނދުތައް ދައްކާލުމަށް ނިންމިއެވެ.

މޫސުން ގޯސްވުމާ ގުޅިގެން މިރޭ ކެންސަލްކުރި ހަރަކާތްތައް ކުރިއަށްގެންދާނެ އިތުރު ދުވަހެއް ހެރިޓޭޖު މިނިސްޓްރީން ދީފައެއް ނުވެއެވެ.