ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ހުށަހެޅުއްވި ގަރާރު ފާސްކޮށްފިއެވެ.

އެ ގާރަރު ހުށަހަޅުއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ރޭ ބޭއްވި ނިވްސް ކޮންފަރެސްގައި ދެއްވި މައުލޫމާތުގެ އަލީގައި ސަރުކާރުން އަމަލުކުރަންވީގޮތް ކަމަށް އެމްޑީޕީން ދެކޭގޮތަކީ އެފަދަ ފިޔަވަޅެއް އެޅުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ފަދަ ޓެރަރިސްޓް ހަމަލާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ފުލުހުންނަށް މިކަން ކުރެވޭނެ. ވެދިޔަތަން އަޅުގަނޑު ދަންނަވާނީ އެ ވެ ދިޔައީ އޭ. ދެން އަޅުގަނޑުމެން ހޯދަން މަސައްކަތް ކުރަން އެންމެ މުހިއްމީ ކުރިައަށް އޮތް ތަނުގައި މިބާވަތުގެ ކަންކަން ވިޔަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި މިރޭ ގިނައިން ބައިވެރިވެވަޑައިގެންފައި ވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނެވެ. އެ މެމްބަރުން ވަނީ އެ ގަރާރުފާސްކޮށް އޭގައިވާ ގޮތަށް ސަރުކާރުން އަމަލުކުރަންޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ.

ނަމަވެސް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްގެ ހިޔާލު ތަފާތެވެ. އާޒިމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގާނޫނީ ބާރަކަށްވާއިރު، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބަހެއް ނެތި އެފަދަ ގަރާރެއް ފާސްކުރުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.